ދުވަހަކީ އުޑުމަތި ކިތަންމެހާވެސް ސާފު ދުވަހެއް ނަމަވެސް މަނިކުގެ ހިތް ސާފު ދުވަހެއް ނޫނެވެ. އަދި ކިއެއްތަ މަނިކުގެ ކުޑަކަމުދާތަކެތީގެ ސާފުކަން ނުވަތަ އިންފެކްޝަން ހުރިތޯ ޓެސްޓުވެސް ކުރެވުނު ދުވަހެވެ.

މަނިކަކީ އުމުރުން ދޮށިކަމުން، ދައުލަތުން ދޭ ފައިސާކޮޅުވެސް ނަގަމުންދާތާ އަހަރުތަކެއް ވެފާ ހުރި އިސް ރަށްވެއްސެކެވެ. އެހެން ދުވަސްތަކާއި ހިލާފަށް މިއަދު މަނިކަށް އުނދަގޫތަކެއް ދިމައިމިއެވެ. ކުޑަކަމު ދިއުމުގައި ދަތިތަކަކާއި ވޭންތަކެއް ކުރިމަތިވިއެވެ. އެއާއި އެކު މަނިކު ޑަކްޓަރަށް ދައްކާ ކުޑަކަމުދާ ތަކެތީގެ ޓެސްޓެއް ހެދިއެވެ.

މަނިކު އިންތިޒާރު ކުރަމުން ދިޔައީ އެ ޓެސްޓުގެ ނަތީޖާއަށެވެ. ކޮންމެ އަކަސް އެދުވަހުގެ އިރު މެދުން ލެނބުނު ފަހުން، ނަތީޖާ ލިބިއްޖެއެވެ. އެއީ އޭ-ފޯ ސައިޒުގެ ކަރުދާސްކޮޅެކެވެ. އެ ނަތީޖާ ހިފައިގެން މަނިކު ޑަކްޓަރުގެ ކޮޓަރިއަށް ވަނެވެ. ކައިރީގައި ހުރި ގޮނޑީގައި އިށީނުމަށް ބުނުމުން މަނިކު އެކަން ވެސް ކޮށްފިއެވެ. މަނިކުގެ ރިޕޯޓު ފަރުވާތެރިކަމާއެކު ޑަކްޓަރު ދިއައީ ބަލަމުންނެވެ.

ކަރުކެހިލަމުން މަނިކު އެއްޗެއް ބުނެލައިފިއެވެ. ކިޔާ އެއްޗެއް ސާފު ދިވެހި ބަހުން މަނިކު ކައިރި ކިއުމަށް ޑަކްޓަރަށް ނުސީދާ އިންޒާރެއް ދީފިއެވެ. ކަން ދިމައިކުރިގޮތުން އެއީ ދިވެހި ޑަކްޓަރެކެވެ.

މަނިކުގެ ނަތީޖާ ދައްކާގޮތުން މަނިކުގެ ކުޑަކަމުދާ ތަކެތީގައި އިންފެކްޝަން ހުރީ ހެދިފައެވެ. އެކަން މަނިކު ކައިރި ބުނާނޭ ގޮތަކާއި މެދު ޑަކްޓަރު ހިޔާލު ކުރަމުން ދިޔައެވެ. އިންފެކްޝަން އުފެދުމަށް ދިވެހިބަހުން ޖަރާސީމު އަށަގަތުމޭ ކިޔައެވެ. ޑަކްޓަރު ގަސްތުކުރީ އެހެން ބުނުމަށެވެ. 

ކޮންމެއަކަސް މަނިކުގެ ކުޑަކަމުދާ ތަކެތީގައި ޖަރާސީމު އަށަގަނެފައި ހުރިކަމަށް ޑަކްޓަރު ބުނެފިއެވެ. މަނިކުގެ ޖަވާބު ކުރުވެފާ ނިކަން ތޫނެވެ. މަނިކު ބުނީ ދެން ކީއްވީ ހެއްޔެވެ؟ މަނިކުގެ ޖަވާބުގެ ތަފްސީލުގައި މަނިކު ބުނީ ކުޑަކަމުދާ ތަކެއްޗަކީ ނަޖިހެއް ކަމާއި ހަޑި އެއްޗެއް ކަމާއި އެއީ ފަކުރު އެއްޗެއްކަމަށެވެ. ވީއިރު އޭގައި ޖަރާސީމު ނުހުރެ ދާނެ ހަމަ އެއްގޮތެއްވެސް ނޯންނާނޭ ކަމަށް މަނިކު ބުންޏެވެ. އަދި ހޮސްޕިޓަލުން ބައި ދުވަސް ހޭދަކޮށްގެން ހެދި ޓެސްޓުގައި މަނިކަށް ނޭނގޭ ވަކި އައު ކަމެއް ނެތް ކަމަށްވެސް މަނިކު ދިޔައީ ބުނަމުންނެވެ. ޑަކްޓަރު އެހެން ބުނެގެން، އެކަމާ ހިތްޕުޅާ ނުވެ މަނިކުގެ އަޑުވެސް ބާރުވާން ފެށިއެވެ.

ނަމަވެސް ޑަކްޓަރު، އިންފެކްޝަނެއްގެ ވާހަކަ ބުނި ހިސާބުން އެއްކަލަ މަނިކުގެ އަނގަ ބަންދުވިކަހަލައެވެ. މަނިކު ބިރުވެސް ގަންނަން ފަށައިފިއެވެ. އެ ހިސާބުން މިކަމުގެ ތަފްސީލު މަނިކަށް ކިޔައިދިނެވެ. 

ހޮސްޕިޓަލުން ނުކުމެ މަނިކު ގެއަށް ދިއައީ ހެމުން ހެމުންނެވެ. ކުރެވުނު ކަންތަކާއި ޒާތަކަށް ލަދުވެސްގަނެ ހުރެއެވެ.