ދިވެހި އަދަބީ ބަސްތަކުގެ ތެެރެއިން ރަން އިލޮށިން ކަދުރު ކެއުމޭ ބުނެ އުޅޭ ބަހުގެ މާނައަކީ ވަރަށް އިބުރަތްތެރި މާނައެކެވެ. މިއީ އަދަބީ ބަސްތަކުގެ ތެރެއިން މަޖާޒު ބަހެކެވެ. މި ޒަމާނުގެ ވަރަށްގިނަ ހާލަތްތަކަށްވެސް މި ބަސް ފެތޭނެއެވެ.

މަ ބަހުގެ ބަހަވީ މާނައަށް ބަލައިލާނަމަ މި ބަހުގައި މި ބުނަނީ ރަން އިލޮށްޓެއްގެ ވާހަކައެވެ. އެއާއި އެކު ދެން މި ބުނަނީ ކަދުރެއްގެ ވާހަކައެވެ. އިހު ޒަމާނުގައި އަރަބި ގައުމުތަކުގައި ކަދުރަކީ ވަރަށް އާންމު ކެއުމެކެވެ. އެންމެ ފަގީރު މީހާއަށްވެސް ކަދުރު ލިބޭނެއެވެ. ނަމަވެސް ރަނަކީ އޭރުވެސް އަގުބޮޑު އެއްޗެކެވެ. މުއްސަނދި ސާދާގަރުން ނޫނީ ރަނާއި ރަނުގެ އެއްޗެހި ބޭނުމެއް ނުކުރާނެއެވެ. ނުވަތަ ނުކުރެވޭނެއެވެ. އެހެން ކަމުން ރަނުން ހަދާފައިވާ އިލޮއްޓެއް ފަދަ އެއްޗަކުން ކަދުރެއް ކެއުމަކީ މުއްސަނދި ސާދާގަރުން ދަރަޖައިގެ މީހުންނަށް ނޫނީ ނުކުރެވޭނޭ ކަމެކެވެ.

މިބަހުގެ ހަގީގީ މާނައަށް ބަލައިލާނަމަ، މި ބަހުގައި މި ބުނެވެނީ ނުލިބޭ ވަރުގެ މޮޅުކަމެއް ހޯދަން އުޅޭ ވާހަކައެވެ. ރަން އިލޮށިފަދަ އަގުހުރި އެއްޗެއް ނުވަތަ އަގުބޮޑު އެއްޗެއް ބޭނުން ކޮަށްގެން އާދައިގެ އިންސާނަކު ކަދުރެއް ކާން އުޅުމަކީ ވާނޭ ކަމެއް ނޫނެވެ. އެއީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ. އެހެންކަމުން އެފަދައިން އިންސާނެއްގެ ދަރަޖައާއި ކުޅަދާނަކަމާއި ގާބިލުކަން ތަން ނުދޭ މިންވަރެއްގެ މޮޅުކަމެއް ހޯދަން ނުވަތަ ކުރަން ނުވަތަ ހާސިލްކުރަން އުޅުމުން އެމީހަކާއި ދިމާލަށް ރަން އިލޮށިން ކަދުރު ކާންހޭ ތިއުޅެނީ ބުނެވިދާނެއެވެ.