ދިވެހި އަދަބީ ބަސްތަކުގެ ތެރެއިން ނަވަށްކުރާ ބާރު އެނގޭނީ ކެނބަށޭ ބުނާ ބަހަކީ މުސްކުޅި ބަހެކެވެ. މިއީ މި ބަހުގައި ބޭނުން ކުރެވޭ ބަސްތަކާއި މުޅިން ތަފާތު ކަމެއްގެ މާނަ ދޭހަކޮށްދޭން ބުނެ އުޅޭ ބަހެކެވެ.
މި ބަހުގެ ބަހަވީ މާނައަށް ބަލާލާއިރު، މި ބަހުގައި މި ބުނެވެނީ ނަވެއްގެ ވާހަކައެވެ. މިއީ ބޮޑެތި އޮަދިފަހަރުގެ ބާވަތަކަށް ކިޔާ އުޅޭ ނަމެކެވެ. ކެނބަކީ އެ ނައުފަހަރު ބަނދެފައި ހުންނަ ފަލަ ވަލެވެ. ނައުފަހަރު ފަޅުތެރޭގައި ނުވަތަ ރަށްރަށު ބޭރުގައި އަޅާފައި އޮންނަ އިރު، ޖެހޭ ވަޔާއި އޮއެވަރަށް ބަލާ އެ ނައުފަހަރު ބަނދެފައި ހުންނަ ވަލަށް ވަރަށް ބާރު ކުރާނެއެވެ. އެއްގަމުގައި ހުންނަ މީހަކަށް ނުވަތަ ދޯނީގައި ހުންނަ މީހަކަށްވެސް އެ ކުރާ ބާރެއް ނޭނގޭނެއެވެ. އެކަން އެނގޭނީ ހަމަ އެކަނި އެ ވަލުން ނުވަތަ ކެނބުންނެވެ.
ބަހަވީ މާނަ މިހެން އޮތްކަމުގައި ވީނަމަވެސް މި ބަހުގެ ހަގީގީ މުސްކުޅި މާނައަކީ ކަމެއްގައި ހިނގާ ހަރަދަކާއި ހޭދަވާ ފައިސާއެއް ނުވަތަ އެ ފައިސާއެއްގެ ތަފްސީލު އެނގޭނީ އެކަމަކަށް ހަރަދު ކުރާ މީހުންނަށް ކަމަށް ބުނެދޭ މާނައެވެ. އެކަމެއްގައި އަދި އެހެން މަޝްއޫލުވެ އުޅޭ މީހުންނަން އެ ތަފްސީލު ނޭނގުނު ނަމަވެސް އެކަން އެނގޭނީ އެކަމަށް ހަރަދު ކުރާ މީހާއަށެވެ.
ނަވަށް ކުރާ ބާރު އެނގޭނީ ކެނބަށޭ ބުނެވެނީ މި ހާލަތުގައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން