ބިންގަނޑު ކިތަންމެ ކުޑަޔަސް، ލޮނުގަނޑުގެ ފުންކަމާއޭ

   ބިންގަނޑުގެ ލޯބި މިހިތަށް، ކުރަނީ އެހާމެ ފުނަށޭ

 

ނިތްތަކުގެ އަލި އުޖާލާ، މަންޒިލް ތެރޭގައި ހިމެނޭ

   ހިތްތައް އުފާ ކުރަންވެސް، އެއައީ މިތާގެ ބިމަށޭ

 

ވަކިވާނެ ބަސް ސަގާފަތް، ވަކިކޮށް މިތާގަ ވާނޭ

   ވަކި ނަސްލެކޭ މިއީވެސް، ދިވެހިން ކިޔާ މި ނަމަށޭ

 

ޗާޓަށް އަރާފަ ނެތަކަސް، ރާޑަރު ތަކުން ފެވޭނޭ

   ޗާޓަރު ފުލައިޓުތައްވެސް، އެއައީ މިތާގެ ބިމަށޭ

 

ހުދު ފަސްގަނޑާއި ކިރުފަޅު، މޫދާއި ގިރި ފަރާ ކަނޑު

   ދުށުމަށް ހިތާ އަދައިގެން، އެއައީ މިތާގެ ބިމަށޭ

 

ލިބިފައި މިވާ އަމާންކަން، ސުލްހައިގެ ތީރި މޫސުން

   ލިބިފަައި މިވާ ނަސީބާ، އެއައީ މިތަން ދެކޭށޭ

 

ކޮންފަދަ މިއީ އަޖައިބެއް، މުޅި ދެނިޔެއިން ވިދާނޭ

   ދޮންމީހުނާއި އެންމެން، އެއައީ މިތަން ބަލާށޭ

 

ބަޔަކަށް މިތަން ބަލަންވީ، އުނދަގޫ ކަމެއް ކަމައްތާ

    ވަޔަށާއި އޮއެވަރަށް ދެން، ދީލައިނުލާން ބުނާށޭ

 

ގަދަރާއި ޝަރަފު އިއްޒަތް، ވެއްޔާ މޮޑެއް ނުދޭށޭ

    ގަދަބާރު ދެއްކިޔަސް ވެސް، ބިރަކާ ނުލާ ބުނާށޭ

 

ގައުމިއްޔަތާ ސިޔާދަތު، މިނިވަން ކުރަން ބުނާށޭ

    ގައުމާއި ދީން ހިމާޔަތް، ކުރުމަށް ހުވާ ކުރާށޭ