ދިވެހި އަދަބީބަސްތަކުގެ ތެރެއިން ހުވަފެނަކީ ބިލާހެކޭ ބުނެވޭ ބަހަކީ މުސްކުޅި ބަހެކެވެ. މި ބަހަކީ ވަރަށްގިނަ ބަޔަކު، މިއަދުވެސް ބޭނުންކުރަމުން އަންނަ ބަހެކެވެ. 

މި ބަހުގެ ބަހަވީ މާނައާއި ހަގީގީ މާނައަކީ ދާދި އެއް މާނައެކެވެ. މި ބަސް ބުނެ އުޅެނީ ފެންނަ ހުވަފެންތަކެއް ތަކަކީ ހަގީގަތެއް ނޫންކަން ބުނެދިނުމުގެ މާނައިގައެވެ. އަދި ބައެއްފަހަރު، ކުރެވޭ ފޮނި އުންމީދުތަކާ ދެކޭ ފޮނި ހުވަފެންތަކަށް ނިސްބަތްކޮށް، އެކަންކަން އަދި ވެފައި ނުވާތީ، އެކަންކަން ނުވެދާނޭ ކަމަށް ނިސްބަތްކޮށްވެސް ބައެއްފަހަރު މި ބަސް ބޭނުންކޮށް އުޅެއެވެ.

އާއްމުކޮށް މި ބަސް ބޭނުން ކުރެވެނީ ނިދީގައި ފެންނަ ބިރުވެރި ނުވަތަ ހިތާމަވެރި ހުވަންތަކުން ނަފުސަށް ލިބިފައިވާ ނުތަނަވަސްކަން ފިލުވާލުމުގެ ގޮތުން ދެވޭ ހިތްވަރެއްގެ ގޮތުގައެވެ. އެފަދަ ހުވަފެންތަކަކީ ހަގީގަތެއް ނޫން ކަމަށާއި އެއީ ބިލާހެއް ކަމަށް ބުނެ، އެ ކަންކަމުގެ މަސްޗަށް ނުވިސްނުމަށާއި ހާސްވެ ކަންތައް ބޮޑު ނުވުމަށް ދެވޭ ހިތްވަރެއްގެ ގޮތުގައި ހުވަފެނަކީ ބިލާހެކޭ ބުނެ އުޅެއެވެ.