ކޮންމެ މީހެއްވެސް ބޭނުންވާނީ އޮމާން، އުޖާލާ އިސްތަށިގަނޑެކެވެ. ނަމަވެސް ދިވެހިރާއްޖެ ފަދަ ހޫނުގަދަ ޤައުމެއްގައި އުޅޭއިރު، ބޮލުގެ އިސްތަށިގަނޑު ހިކި، ކިފުޅިވުމަކީ ވަރަށް ފަސޭހައިން ދިމާވާ ކަމެކެވެ. އެހެންކަމުން، މިފަހަރު ކިޔައިލަދޭން މިއުޅެނީ އިސްތަށިގަނޑަށް އޮމާންކަން ގެނެވިދާނެ ދެވައްތަރެއްގެ ހެއާ މާސްކެއް ގޭގައި ތައްޔާރު ކޮށްލާނެ ގޮތެވެ.

 

ހެއާ މާސްކް 1 (އިސްތަށިގަނޑު އޮމާންކޮށް ވިދުން ގެނައުމަށް)

ބޭނުންވާ ތަކެތި:

ކާށިތެޔޮ

ލުނބޯހުތް

ލެވެންޑާ އެސެންޝަލް އޮއިލް

ތައްޔާރުކުރާނެ ގޮތް:

ކާށިތެލުގެ ތެރެއަށް ދެތިން ސަމްސާ ލުނބޯހުތް އެޅުމަށްފަހު، ލެވެންޑާ އޮއިލްގެ އެތިފޮތެއް އަޅާށެވެ. އެއަށްފަހު، ތިނެތި އެއްކޮށްލުމަށްފަހު މުޅި އިސްތަށިގަނޑުގައި އުނގުޅާށެވެ. އަދި 20 މިނެޓު ވަންދެން ބެހެއްޓުމަށްފަހު، ޝޭމްޕޫއާއި ކޮންޑިޝަނާ ލައިގެން ބޯ ދޮވެލާށެވެ. މި މާސްކުގެ އެންމެ ފުރިހަމަ ނަތީޖާ ފެންނާނީ ހަފްތާއަކު އެއްފަހަރު ބޮލުގައި ހޭކުމުންނެވެ.

 

ހެއާ މާސްކު 2 (އިސްތަށިގަނޑު މޮއިސްޗަރައިޒް ކޮށް މަޑުކަން ގެނައުމަށް)

ބޭނުންވާ ތަކެތި:

އާމަނަކަ ތެޔޮ

ޒައިތޫނި ތެޔޮ

ވިނިގާ

ގްލިސެރިން

ޝޭމްޕޫ

ކޮންޑިޝަނާ

ތައްޔާރުކުރާނެ ގޮތް:

ހުރިހާ ބާވަތަކުން އެއް ސައިސަމުސާ އެޅުމަށްފަހު، އެއްކޮށްލާށެވެ. އެއަށްފަހު މުޅި އިސްތަށިގަނޑާއި ތަލައިގައި ހޭކުމަށްފަހު، ފުނާ އަޅާނީއެވެ. ފުނާ އެޅުމުން، ހުރިހާ އިސްތަށްޓެއްގައި ހޭކޭނެއެވެ. އަދި 20 މިނެޓު ވަންދެން ބެހެއްޓުމަށްފަހު މައިލްޑް ޝޭމްޕޫ އަކުން ބޯ ދޮވެލާށެވެ. ނަމަވެސް ބޯ ދޮންނައިރު ދެން އިތުރަށް ކޮންޑިޝަނާ އުނގުޅާކަށް ނުޖެހޭނެއެވެ. މި މާސްކު ހޭކުމުން ކޮންޑިޝަނާއިން ގެނެސްދޭ މަޑުކަން އިސްތަށިގަނޑަށް ލިބިގެންދާނެއެވެ. އަދި މޮއިސްޗަރައިޒް ވެސް ކޮށްދޭނެއެވެ.