ތުންފަތުން ހަންފޮޅުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ، ވަރަށް އާންމު ކަމެކެވެ. ހާއްސަކޮށް ފިނި މޫސުމުގައި މިކަން މާ ބޮޑަށް ދިމާވެއެވެ. ބައެއް މީހުން ފާޑުފާޑުގެ ލިޕް ބާމު އުނގުޅައިގެން މިކަން ހުއްޓުވިޔަސް، އެންމެ ރަނގަޅު ހައްލަކީ ގުދުރަތީ ބާވަތްތައް ބޭނުންކުރުމެވެ.

މި ވިއްސާރަ މޫސުމުގައި ތުންފަތުން ހަންފޮޅޭކަން ފާހަގަ ވާ ނަމަ، މި ކިޔައިދެނީ ގޭގައި ހުރެގެން ވަރަށް ފަސޭހައިން ބޭނުންކޮށްލެވިދާނެ އެއްޗިއްސެވެ. 

މާމުއި:

ސިއްޙީ އެތައް ކަމަކަށް ބޭނުންކުރާ މާމުޔަކީ ގުދުރަތީ މޮއިސްޗަރައިޒާއެއް ކަހަލަ އެއްޗެކެވެ. ތުންފަތުގައި މާމުއި ހޭކުމުން ތުންފަތަށް ފިނިކަން ގެނެސްދީ، ތުންފަތުގެ މަޑުކަން އަނބުރާ ގެނެސްދިނުމަށް އެހީވެދެއެވެ. މިގޮތުން  ދުވާލަކު ދެ އިރު 10 ވަރަކަށް މިނެޓު ވަންދެން ތުންފަތުގައި މާމުއި އުނގުޅާފައި ބެހެއްޓުމަށްފަހު، ތާފަނާ ފެނުން ދޮވެލަމުން ތުންފަތުން ހަންފޮޅުން ހުއްޓިގެން ދާނެއެވެ.

 

ކާށިތެޔޮ:

ކާށިތެލަކީ ފެޓީ އެސިޑްސް އިން މުއްސަނދި އެއްޗަކަށްވުމުން، ހަންގަނޑު އޮމާންކޮށްދިނުމުގެ ބާރު ލިބިފައިވާ އެއްޗެކެވެ. ތުންފަތުގައި ކުޑަކުޑަ ކާށިތެޔޮ ފޮދެއް އުނގުޅާފާއި ބެހެއްޓުމުން، ތުންފަތަށް އާރޯކަމެއް ލިބިގެންދެއެވެ. އަދި މިގޮތަށް ދުވާލަކު އެތައް ފަހަރަކު އުނގުޅިދާނެއެވެ. އޭރުން ވަރަށް އަވަހަށް ރަނގަޅު ނަތީޖާއެއް ފެނިގެންދާނެއެވެ.

 

އެލޮ ވޭރާ:

އެލޮ ވޭރާ އަކީ ވަރަށް ގިނަ ގޭގޭގައި ހައްދައިގެން ގެންގުޅޭ ގަހެކެވެ. މިހާ ފަސޭހައިން ލިބެން ހުންނަ މި ގަހުން، ޒީނަތްތެރިވުމުގެ ގޮތުން ތަފާތު ބޭނުންތައް ހިފެއެވެ. ތުންފަތުން ހަންފޮޅުވުން ހުއްޓުވުމަށް ވެސް އެލޮ ވޭރާ ޖެލް އަކީ ޖާދޫއެއް ކަހަލަ އެއްޗެކެވެ. އެގޮތުން އެލޮ ވޭރާ ޖެލްގެ ތުނި ފަށަލައެއް ތުންފަތުގައި ހާކާލާފައި ބަހައްޓާށެވެ. އަދި އިރުކޮޅެއް ފަހުން ދޮވެލާށެވެ. ނުވަތަ،  އެލޮ ވޭރާ ލިޕް ބާމެއް ވެސް ބޭނުން ކުރެވިދާނެއެވެ. މިގޮތަށް ލިޕް ބާމެއް ހޯދާއިރު، އެއީ 100% ގުދުރަތީ އެލޮ ވޭރާ ލިޕް ބާމެއް ކަން ކަށަވަރު ކުރަން ވާނެއެވެ. 

 

ކިއުކަމްބާ:

ކިއުކަމްބާގައި ފެން އެކުލެވޭ އިންސައްތަ މަތި ކަމުން، ތުންފަތް ހައިޑްރޭޓް ކޮށްދޭނެއެވެ. ކިއުކަމްބާގެ ތުނި ފޮއްޗެއް ތުންފަތުގައި އުނގުޅައި އޭގެން ރަނގަޅަށް މަސާޖުކޮށްލުމުން، ތުންފަތް ހިކުމާއި ހަންފޮޅުމުން ދުރުކޮށްދޭނެއެވެ. މިގޮތަށް ދުވާލަކު ބޭނުން ވަރަކަށް މަސާޖު ކުރެވިދާނެއެވެ.