ކޮންމެ ދުވަހަކު ފެންވަރާއިރު އިސްތަށިގަނޑު ދޮވުމަކީ، ބައެއް މީހުންގެ ކިބައިގައި ހިފާފައި ހުންނަ އާދައެކެވެ. އެއީ ސާފުތާހިރުވުމުގެ ގޮތުން ކުރާކަމަށް ވިޔަސް، އިސްތަށިގަނޑަކީ މާ އަވަސްއަވަހަށް ދޮންނަންޖެހޭ އެއްޗެއް ނޫންކަމަށް ތަޖުރިބާކާރުން ބުނެއެވެ.

މާ އަވަސްއަވަހަށް އިސްތަށިގަނޑު ދޮންނަ ނަމަ ފެންނާނެ ބައެއް އަލާމާތްތައް ތިރީގައި އެވަނީއެވެ.

 

1. ކިފުޅިވުން
އިސްތަށިގަނޑުގައި ޝޭމްޕޫ ހާކައި، މާ ގިނައިން ދޮންނަކަމަށްވަންޏާ އިސްތަށިގަނޑުގެ ވިދުން ގެއްލި، ކިފުޅިވުން ގާތެވެ. އެއީ ޝޭމްޕޫގެ ސަބަބުން އިސްތަށިގަނޑުގައި ހުންނަ ޤުދުރަތީ ތެޔޮކަން ކެނޑޭތީއެވެ. އެހެންކަމުން ޝޭމްޕޫއެއް އިޚްތިޔާރު ކުރާނަމަ އިސްތަށިގަނޑުގެ ވިދުން އިއާދަކޮށްދޭނެ ކަހަލަ ޝޭމްޕޫއެއް ހޯދާށެވެ. 

2. ދެކަފިވުން

މާގިނައިން އިސްތަށިތައް ދެކަފިވެފައި ހުންނަ ނަމަ އެއީ މާ އަވަސްއަވަހަށް ދޮވެވޭ ކަމުގެ ހެއްކެކެވެ. ތެތްކޮށް ހުންނަ އިސްތަށި ފަސޭހައިން ބިންދައިގެން ގޮސް ދެކަފިވުމުގެ ފުރުސަތު ބޮޑުކަމަށް ތަޖުރިބާކާރުން ބުނެއެވެ.

3. ވަރަށް ގިނައިން ހަންފޮޅޭތަ؟

އެއްބައި މީހުންނަށް މިއީ ޤުދުރަތީ ކަމެވެ. ނަމަވެސް އަނެއް ބަޔަކަށް މިއީ ޝޭމްޕޫގެ ސަބަބުން ވާކަމެވެ. ކޮންމެދުވަހަކު ޝޭމްޕޫ ހޭކުމުން ތަލައިގައި ހުންނަ ޤުދުރަތީ ތެޔޮކަން ފިލައިގޮސް، ހަންގަނޑު ހިކޭގޮތް ވެއެވެ. އެއާއެކު ހަންފޮޅެން މެދުވެރިވެއެވެ. މާ ގަދަޔަށް ހަންފޮޅޭ މީހުންނަށް ތަޖުރިބާކާރުން ދޭ ނަސޭހަތަކީ އެކްސްފޮލިއޭޓް ކުރުމަށް ޓްރީޓްމެންޓެއް ނެގުމެވެ. އަދި ހަންފޮޅުން ހުއްޓުވައިދޭ ޝޭމްޕޫއެއް ބޭނުންކުރުން މުހިންމެވެ.

4. މާ އަވަހަށް ކުލަ ފޭދުން

މިއީ އިސްތަށިގަނޑުގައި ކުލަ ޖައްސާފައި ތިބޭ މީހުންނަށް ޚާއްސަ ނުކުތާއެކެވެ.  ޖައްސާފައި ހުރި ކުލަ ފަނޑުވެ، މާ އަވަހަށް ފިލައިގެންދާކަމުގެ އިޙްސާސްކުރެވޭ ނަމަ، އެއީ މާ ގިނައިން އިސްތަށިގަނޑު ދޮވެވޭ ކަމުގެ އަލާމާތެކެވެ. އަދި ކުލަ ޖައްސާފައި ހުންނަ ނަމަ، އެކަމަށް ޚާއްސަ ޝޭމްޕޫއާއި ކޮންޑިޝަނާއެއް ބޭނުންކުރުން ވަރަށް މުހިންމެވެ. އޭރުން ގިނަދުވަސް ވަންދެން ކުލަ ފަނޑުނުވެ ހުންނާނެއެވެ. 

ކަމުގެ ތަޖުރިބާކާރުން ލަފާދެނީ، ހަފްތާއަކު ތިން ދުވަހަށްވުރެ ގިނައިން ބޯ ނުދޮވުމަށެވެ. އެހެންކަމުން މީގެ ފަހުން މިކަމަށް ސަމާލުކަންދެއްޗެވެ.