މޫނުގެ ހަންގަނޑު ރީތިކޮށް، ޒުވާންކަން މަތީ ދެމެހެއްޓުމަށް މޫނުގައި އެކި ވައްތަރު ވައްތަރުގެ ސްކްރަބްތައް އުނގުޅުން އާންމުވެއްޖެއެވެ. ހަންގަނޑު ރީތިކުރުމަށް އުނގުޅާ ޤުދުރަތީ ބާވަތްތަކުގެ ތެރެއިން ކޮފީ އަކީ ވެސް މަޤުބޫލު އެއްޗެއްކަން އެނގެނީ ކޮން ބަޔަކަށް ހެއްޔެވެ؟ މިކަން ނޭނގޭ މީހުންނަށް މި ކިޔައިދެނީ، ކޮފީ އިން ހަންގަނޑަށް ކުރާ ފައިދާތަކެވެ.

1. ހަންގަނޑު ތާޒާކޮށްދިނުން

ކަމަކާ ނުލައި ވެސް އަބަދު މޫނުމަތިން ވަރުބަލިކަން ފެންނަނަމަ، އެއީ ހަންގަނޑުގެ މައްސަލައަކަށް ވެދާނެއެވެ. ކޮފީ މާސްކު ބޭނުންކުރުމުން ހަންގަނޑު އެކްސްފޮލިއޭޓް ކޮށްދީ، މޫނުމައްޗަށް ތާޒާކަން ގެނެސްދެއެވެ. އަދި ވަރުބަލިކަމަށް ފެންނަ ފެނުން ފިލައިގެން ދާނެއެވެ. 

2. ދުވަސްވުމުގެ އަލާމަތްތަކުން ދުރުކޮށްދޭ

މީހާގެ އުމުރުން ދުވަސްވާރަކަށް މޫނުމަތިން ވެސް އެކަން ފާޅުވެއެވެ. ނަމަވެސް ހަންގަނޑާމެދު ރަނގަޅަށް ފަރުވާ ބަހައްޓާނަމަ، ދުވަސްވުމުގެ ބޮޑެތި އަލާމަތްތަކާ ދުރުކޮށްދެއެވެ. އޭގެތެރޭގައި ރޫޖެހުން ހިމެނެއެވެ. ކޮފީ އަކީ ދުވަސްވުމުގެ އަލާމަތްތަކާ ދުރުކޮށްދޭ އެއްޗެކެވެ.

3. ބިހިނެގުމުން ސަލާމަތްކޮށްދޭ

ޤަވާއިދުން މޫނުގައި ކޮފީ އުނގުޅާނަމަ، ބިހިނެގުމުން ސަލާމަތްކޮށްދޭނެއެވެ. އެއީ ކޮފީގައި ހިމެނޭ އެންޓި-ފްލެމޭޓަރީ އަދި އެންޓި ބެކްޓީރިއަލް މާއްދާތަކުގެ ސަބަބުންނެވެ.

4. ލޯކައިރި ކަޅުވުމަށް ފަރުވާއެއް

ލޯކައިރި ކަޅުވެފައި ހުންނަ ހިސާބުތައް ކޮންމެވެސް ވަރަކަށް ފިލުވައިލުމުގެ ބާރު ކޮފީއަށް ލިބިގެންވެއެވެ. އެއީ ކޮފީގައި އެކުލެވޭ ކެފެއިން އަށް ލިބިފައިވާ ބާރުން، ލޯކައިރި ކަޅުވުމަށް މަގުފަހި ކުރުވާ ބްލަޑް ވެސްލް ތައް ކުޑަކޮށްދޭތީއެވެ.