އެކްޓްރެސް އަދި މޮޑެލް މަލައިކާ އަރޯރާއަކީ ބޮލީވުޑްގެ "ފިޓްނެސް އައިކޮން" އެއްގެ ގޮތުގައި ގިނަ ބަޔަކު ދަންނަ ތަރިއެކެވެ. އުމުރުން 50 އާ ގާތްކޮށްފައި ވިޔަސް، މަލައިކާ އަދިވެސް ހީވަނީ ޒުވާން ކުއްޖެއް ހެނެވެ. މީގެ އެއް ސަބަބަކީ އޭނާއަށް ލިބިފައިވާ ޗާލު ލޫޅާފަތި ހަށިގަނޑެވެ.
އެގޮތުގައި ދެމިހުރުމަށް މަލައިކާ ގަވާއިދުން ކަސްރަތުކޮށް، ކެއުމުގެ ވައްޓަފާޅި ބަހައްޓަނީ ޙާއްސަ ގޮތަކަށެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި "ބެލެންސްޑް ޑައިޓެއް" ގެންގުޅޭނަމަ މީހާ ހުރިހާ ގޮތަކުން ވެސް ދުޅަހެޔޮ ވާނެއެވެ.
އިންޑިއާގެ މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ މެގަޒިން 'ޕިންކްވިލާ' އިން މީގެކުރިން ވަނީ މަލައިކާއާ ހަވާލާދީ އޭނާ ކެއުމުގައި އާންމުކޮށް ބޭނުންކުރާ ތަކެތީގެ ލިސްޓެއް ކިޔައިދީފައެވެ:
ހެނދުނުގެ ނާސްތާ: މަލައިކާ ހެނދުނުގެ ނާސްތާ ނެގުމުގެ ބަދަލުގައި ހޭލާގޮތަށް ބޮނީ ހޫނުފެނަށް މާމުއި އަޅައިގެން. ދުވަހުގެ ފުރަތަމަ ކެއުމަކީ މެންދުރުގެ ކެއުން
މެންދުރު: މެންދުރަށް ކަނީ އާންމު އިންޑިއާ ކާނާ، ނަމަވެސް މަހުގެ ބާވަތްތައް ނާޅައި ހަމައެކަނި ތަރުކާރީ އަޅައިގެން. އޭގެތެރޭގައި ދާލް (މުގުރިހަ)، ރޮށި (އާޓާ ފުށުގައި) އަދި ބަތް (ބްރައުން ރައިސް) ވެސް ހިމެނޭ. މަލައިކާ ބުނާ ގޮތުގައި އޭނާ ބަލަނީ އޯގަނިކް ތަރުކާރީ އަދި މޭވާ ކެވޭތޯ.
ރޭގަނޑު: މަލައިކާއަކީ ރޭގަނޑު ވަރަށް އަވަހަށް ނިދާ މީހެއް ކަމުން، ރޭގަނޑުގެ ކެއުން ކަނީ އިރާކޮޅު 7 ޖަހާކަށް ހާއިރު. އެގޮތުން އެގަޑީގައި އޭނާ އިސްކަންދެނީ ސޫޕް ކަހަލަ އެއްޗިއްސަށް. އަދި އިންޑިއާ މީހުން ކައި އުޅޭ ކިޗްޑީ (ބަތްޕެން) އަކީ ވެސް އޭނާގެ ފެވަރިޓެއް ކަމަށް ބުނޭ.
މީގެ އިތުރުން ދެގަޑި ދޭތެރޭގައި ބަނޑުހައިވެއްޖެ ނަމަ ލުއި އެއްޗެއް ކައިލާ ކަމަށް މަލައިކާ ބުނެއެވެ. އޭގެތެރެއިން ވެސް އެންމެ އިސްކަމެއްދެނީ މޭވާ ކެއުމަށެވެ. މަލައިކާގެ ނަސޭހަތަކީ، އަބަދުވެސް ފައިދާހުރި އެއްޗެހި ކެއުމެވެ. އަދި "ޗީޓް މީލް" އެއްގެ ގޮތުގައި ޖަންކު ފުޑް ކަހަލަ އެއްޗެއް ކާހިތްވާނަމަ، ހަފްތާއަކު އެއްފަހަރު ކެޔަސް ރަނގަޅުވާނެ ކަމަށް އޭނާ ދެކެއެވެ.
މަލައިކާ އެއްގޮތަކަށްވެސް ނުކާ އެއްޗެހީގެ ތެރޭގައި ހިމެނެނީ ބަންދުކޮށްފައި ހުންނަ ފޮނި އެއްޗެހި (މަތީ މިންވަރަކަށް ހަކުރު ހިމެނޭތީ)، ހުދު ޕާސްތާ، ގޮދަންފުށް، ގްލޫޓެން އަދި ޑެއިރީ ކާނާއެވެ. މީގެ އިތުރުން މަލައިކާ އަކީ ލޮނުމަޑުކޮށް ކާ މީހެއް ކަމަށް އޭނާ ބުނެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން