އިސްތަށި ފޭބުމަކީ ހަމަ ކޮންމެ މީހަކަށް ވެސް ދިމާވާ، އާދައިގެ ކަމެކެވެ. ނަމަވެސް، އާދައިގެ ވަރަށްވުރެ ގިނައިން އިސްތަށި ފައިބާނަމަ، އެއީ ކޮންމެވެސް މައްސަލައެއްގެ ސަބަބުން ދިމާވާ ކަމެކެވެ.
ހަމައެހެންމެ، އިސްތަށި ފޭބުމަކީ އެކަން ތަޖުރިބާ ކުރާ މީހާއަށް ވަރަށް ހިތްދަތި ކަމެކެވެ. ސަބަބަކީ، އިސްތަށި ފައިބަމުން ގޮސް ތަލަވުމުގެ ބިރު އޮންނާތީއެވެ. އެހެންވީމާ، އިސްތަށި ފައިބަން ދިމާވަނީ އަސްލު ކީއްވެގެން ހެއްޔެވެ؟
ހޯމޯންސްގެ ސަބަބުން:
ހޯމޯންސް ބަދަލުވުން (ހޯމޯނަލް އިމްބެލެންސް) ގެ ސަބަބުން މުޅި ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ތެރޭގައި އިސްތަށިގަނޑު ވެސް ހިމެނެއެވެ. އެގޮތުން އިސްތަށި ފޭބުމަކީ ވެސް ދިމާވާ ކަމެކެވެ.
- ތައިރޮއިޑް
ތައިރޮއިޑަކީ މެޓަބޮލިޒަމް ރެގިއުލޭޓް ކޮށްދީ، ހަށިގަނޑުގައި ޕްރޮޓީންސާއި ޓިޝޫ އުފެދުން ކޮންޓުރޯލު ކޮށްދޭ އެއްޗެކެވެ. ހައިޕޯތައިރޮއިޑިޒަމް ނުވަތަ ހައިޕާރތައިރޮއިޑިޒަމް ފަދަ ޑިސްއޯޑާރ އެއް ހުންނަ ނަމަ، ބޮލުން އިސްތަށި ފޭބުމަށް މެދުވެރިވެއެވެ. ނަމަވެސް އާއްމު ގޮތެއްގައި ތައިރޮއިޑް ޑިސްއޯޑާރ އަށް ފަރުވާ ލިބުމުން، އިސްތަށި ފޭބުން ހުއްޓެއެވެ.
- ތަލައިގެ އިންފެކްޝަން
ބޮލުގެ ހަންގަނޑުގައި (ތަލައިގައި) އިންފެކްޝަން އުފެދުމަކީވެސް އިސްތަށި ފޭބުމަށް މެދުވެރިވާ ކަމެކެވެ. އޭގެތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ރިންގްވޯމް އިންފެކްޝަނެކެވެ. މިއީ ފަންގަސްގެ ސަބަބުން އުފެދޭ އިންފެކްޝަނެކެވެ. މިކަން ދިމާވުމުގެ ސަބަބުން ބޯތެރެ ހިރުވުމާއި، ރަތް ވުމާއި، ބައެއް ތަންތަންކޮޅު ތަލަވުމާއި، ބިހިނެގުން ފަދަ ކަންކަން ދިމާވެއެވެ. ރިންގްވޯމް އިންފެކްޝަނެއް އުފެދިއްޖެނަމަ ޑޮކްޓަރަކަށް ދައްކައިގެން އެންޓި-ފަންގަލް ބޭސް ބޭނުންކުރާށެވެ.
- މާބަނޑުވުން
މާބަނޑުވުމުގެ ސަބަބުން ބޮލުން އިސްތަށި ފޭބުމަކީ ބައެއް އަންހެނުންނަށް ދިމާވާ ކަމެކެވެ. މީގެ ސަބަބަކީ، ވިހެއުމާ ގުޅިގެން ހަށިގަނޑުގައި އެސްޓްރޯޖެން (އަންހެން ހޯމޯންސް) އުފެދޭ މިންވަރު ދަށްވުމެވެ. ނަމަވެސް މިއީ އެންމެ ގިނަވެގެން ވީހާތާ އަހަރެއް ތެރޭގައި ހައްލުވާ، ވަގުތީ މައްސަލައެކެވެ. އެކަން ހައްލު ނުވެއްޖެނަމަ، ޑޮކްޓަރަކަށް ދައްކާށެވެ.
- ބައެއް ކަހަލަ ބޭސް ބޭނުންކުރުން
އިސްތަށި ފޭބުމަށް ދިމާވާ އަނެއް ސަބަބަކީ، ބޭނުންކުރާ ބޭހެވެ. އެގޮތުން ބިހިނެގުން ހުއްޓުވަން ކާ ބޭހާއި، އެންޓި-ޑިޕްރެސަންޓްސް އަދި ކޮލެސްޓްރޯލް ލެވެލް ދަށްކުރަން ކާ ބޭސްތަކަކީ އާއްމުކޮށް ބޮލުން އިސްތަށި ފޭބުމަށް މެދުވެރިކުރުވާ ޒާތުގެ ބޭހެވެ.
- ކެއުމުގެ ވައްޓަފާޅި
ކެއުމުގެ ވައްޓަފާޅި ހުންނަ ގޮތުން ހަށިގަނޑަށް ބޭނުންވާ ޤުދުރަތީ މާއްދާތައް އުނިވުމަކީވެސް ބޮލުން އިސްތަށި ފޭބުމަށް ދިމާވާ ކަމެކެވެ. އެގޮތުން ޕްރޮޓީން، ވިޓަމިން ޑީ އާއި ބީ12 އަދި އަޔަން ލިބޭ މިންވަރު ދަށްނަމަ، އިސްތަށި ފޭބުމުގެ މައްސަލަ ވަރަށް ބޮޑުވާނެއެވެ. މީގެން މާއްދާއެއް ދަށްތޯ ބެލުމަށް ޑޮކްޓަރަށް ދައްކައިގެން ލޭގެ ޓެސްޓެއް ހެދިދާނެއެވެ.
- ސްޓްރެސް
ކަންކަމާ ހާސްވެ ފިކުރު ބޮޑުވުމަކީ މީހާގެ ސިއްޙަތަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. އެގޮތުން، ބޮލުން އިސްތަށި ފޭބުމަކީ އޭގެން އެއް އަސަރެވެ. ސަބަބަކީ، ސްޓްރެސްގެ ސަބަބުން ހަށިގަނޑުގައި އެންޑްރޯޖެން (ފިރިހެން ހޯމޯންސް) އުފެދޭ މިންވަރު އިތުރުވާތީއެވެ. އެންޑްރޯޖެން އަކީ ބޮލުން އިސްތަށި ފޭބުން އިތުރުކޮށްދޭ އެއްޗެކެވެ.
- އުމުރު
އުމުރު މަތިވާ ވަރަކަށް ހަށިގަނޑަށް ވަރަށް ގިނަ ބަދަލުތައް އާދެއެވެ. އެއާއެކު، ބޮލުން އިސްތަށި ފޭބުމަކީވެސް އެއްބައި މީހުން އުމުރުން މަތިވާކަން ހާމަކޮށްދޭ އަލާމާތެކެވެ. މިއީ ޤުދުރަތީ ކަމެކެވެ.
މި ނޫނަސް އިތުރު ސަބަބުތަކާ ހެދި އިސްތަށި ފޭބުމަށް މެދުވެރިވެއެވެ. ނަމަވެސް، އެކަން ހުއްޓުވުމަށް ސަމާލުކަން ދެވިދާނެ ކަންތައްތައް ހުރެއެވެ.
އިސްތަށި ފޭބުން ހުއްޓުވުމަށް ކުރެވިދާނެ ކަންކަން
1. ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނައުން. މީގެ ތެރޭގައި ކަސްރަތުކުރުން، ހަށިގަނޑަށް ބޭނުންވާ ވިޓަމިންސް، މިނެރަލްސް، ޕްރޮޓީންސް އަދި ފެޓްސްގެ މާއްދާތައް އެކުލެވޭ ކާނާ ޤަވާއިދުން ކެއުން ހިމެނޭ. އަދި ފިކުރުކުރުން (ސްޓްރެސްވުން) ހުއްޓުމުން ވެސް އިސްތަށި ފޭބުން މަދުކޮށްދޭ
2. އިސްތަށިގަނޑު އައްސާއިރު، ބާރަށް ނޭއްސުން. ނޫންނަމަ އިސްތަށިތަކުގެ ބުޑަށް ބާރުކޮށް، ފަސޭހައިން އިސްތަށި ފައިބާނެ
3. އިސްތަށިގަނޑު ސްޓައިލް ކުރުމަށް އެއްޗެހި ބޭނުން ނުކުރުން (ފަންކުރުމާއި ބުޅިކުރުމަށް ބޭނުންކުރާ ސާމާނުތައް ބޭނުންކުރުން މަދުކުރަން ޖެހޭ).
4. ޝޭމްޕޫ ގަންނައިރު، އޭގައި އެކުލެވޭ ބާވަތްތައް ކިޔަންވާނެ. ބޮޑަށް ބަލަންވާނީ، ސަލްފޭޓް، ޕަރަބެން އަދި ޓްރައިކްލޯސަން، މި ބާވަތްތައް ނުހިމެނޭ ޝޭމްޕޫއެއް ބޭނުންކުރުމަށް.
5. އަބަދުވެސް ބޯތެރެ ސާފުކޮށް ބަހައްޓަން ސަމާލުވާންވާނެ
6. އާދަކޮށް ބޮލުގައި ތެޔޮލާން ސަމާލުވާތި. އެންމެ ރަނގަޅީ ކާށިތެޔޮ ނުވަތަ އޮލިވް އޮއިލް. އޭރުން އިސްތަށިތައް ހިކި، ކިފުޅިވުމުން ސަލަމާތްކޮށްދޭނެ. ކިފުޅިވުމަކީވެސް އިސްތަށި ފައިބަން މެދުވެރިވާ ކަމެއް
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން