ބޮލުން އިސްތަށިފޭބުމަކީ ކޮންމެ މީހަކަށް ވެސް ކުރިމަތިވާ ވަރަށް ހިތްދަތި ކަމެކެވެ. ނަމަވެސް ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަ ބަދަލުތަކަކުން، މިއީ ހުއްޓުވިދާނެ ކަމެކެވެ. މިފަހަރު މި ކިޔައިދެނީ ބޮލުން އިސްތަށި ފޭބުން ހުއްޓުވަން ކަން ކުރަންވީ ގޮތެވެ.

1. ކެއުމަށް ބަދަލު ގެނައުން

މިއީ ކޮންމެ ކަމަކާ ގުޅުވައިގެން ވެސް މީހުން ބުނެ އުޅޭ އާންމު އެއްޗެކެވެ. އެހެނަސް ދުޅަހެޔޮ ކާނާ ކެއުމަކީ ހަމަ އަސްލުގައި ވެސް އޭގެ ރަނގަޅު އަސަރު ހަށިގަނޑުން ފެންނާނެ ކަމެކެވެ. އެގޮތުން ޕްރޮޓީން އެކުލެވޭ އެއްޗެހި ކެއުމުގައި ގިނައިން ބޭނުންކުރުމަކީ، އިސްތަށި ފޭބުން މަދުކޮށްދޭނެ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. މީގެ އިތުރުން، އިސްތަށި ފައިބާ މިންވަރު މަދުކުރުމަށް ކާންޖެހޭ ކާނާތަކުގެ ތެރޭގައި އެއްގަމު މަސް، ކަނޑުމަސް، ބެރީޒް، ނަޓްސް އަދި ފެހި ތަރުކާރީ ހިމެނެއެވެ. 

2. ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާ

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ވެސް ގިނަފަހަރަށް ބޮލުން އިސްތަށި ފޭބުމަށް މެދުވެރިވާ ނުރަނގަޅު އާދައެކެވެ. މި ނޫނަސް މީހާގެ މުޅި ސިއްހަތަށް ވެސް ދުންފަތުގެ ސަބަބުން ނޭދެވޭ އަސަރު ކުރެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ސިނގިރޭޓު ބުއިމުން އިސްތަށީގެ ފޮލިކްލްގައި ހުންނަ ޑީއެންއޭއަށް ގެއްލުންވެއެވެ. އަދި ނަތީޖާއެއްގެ ގޮތުން އާ އިސްތަށި ފެޅުން މަޑު ޖައްސައިލައެވެ. 

3. ސްޓްރެސް އާ ދުރުވުން

ބޮލުން އިސްތަށިފޭބުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ސްޓްރެސް ވުމެވެ. މި ނޫނަސް ސިއްހީ އެތައް މައްސަލަތަކެއްގެ ފެށުމަކީ ވެސް ގިނފަހަރަށް ސްޓްރެސް އެވެ. އެހެންކަމުން، ސްޓްރެސް އާ ދުރުވުމުގެ ގޮތުން ކަސްރަތުކޮށް ހަރަކާތްތެރިވެ އުޅުން ވަރަށް މުހިއްމެވެ. 

4. އިސްތަށިގަނޑު މާ ގިނައިން ސްޓައިލް ނުކުރުން

ބޯ ފަންކުރަން ބޭނުންކުރާ އެއްޗިއްސާއި، ބުޅިކުރާ އެއްޗެހި އަދި ބޯހިއްކަން ބޭނުންކުރާ ބްލޯ ޑްރަޔާ އަކީ ވެސް އިސްތަށިގަނޑަށް ގެއްލުންދޭ އެއްޗިއްސެވެ. އެހެންކަމުން، މި އެއްޗެހި ބޭނުންކުރުން މަދުކޮށްލާށެވެ.