ވިޓަމިން އީ އަކީ އޭގައި އެކި ކަހަލަ ފައިދާތައް އެކުލެވޭ އެއްޗެކެވެ. އަދި ވިޓަމިންގެ އީގެ ތެޔޮގުޅައަކީ ހަށިގަނޑުގެ އެކި ބޭނުންތަކަށް ބޭނުންކުރެވޭ އެއްޗެކެވެ. އޭގެތެރޭގައި ހަންގަނޑު ރީތިކުރުމަށާއި، ނިޔަފަތިތަކަށް ވެސް ބޭނުންކުރެވިދާނެއެވެ.

ތިރީގައި މި ލިސްޓު ކޮށްލަނީ ވިޓަމިން އީގެ ތެޔޮގުޅައިން ހިފިދާނެ ބޭނުންތަކެވެ.

1. ނިޔަފަތި ދިގުކުރަން

ގޭތެރޭގެ އެކި މަސައްކަތްތަކުގައި އުޅުމުގެ ސަބަބުން ނިޔަފަތިތަކަށް ވަރަށް ގެއްލުންވެއެވެ. އެގޮތުން އެއްޗެހިދޮވެ، ކައްކާ، ތަށިދޮވެ މިފަދަ ކަންކަން ގިނައިން ކުރާ ނަމަ ނިޔަފަތިތައް ބިނދި ގޮތްގޮތް ވެއެވެ. އަދި ނިޔަފަތިތައް ރީނދޫވުމަކީ ވެސް އެއްބައި މީހުންނަށް ދިމާވާ ކަމެކެވެ. އެހެންކަމުން، ވިޓަމިން އީ ތެޔޮގުޅަ ބޭނުންކޮށްގެން މިކަމަށް ހައްލެއް ގެނެވިދާނެއެވެ. ގުޅައިގެ ތެޔޮތައް ނިޔަފަތީގަޔާއި، ނިޔަފަތިތަކުގެ ވަށައިގެން ހާކާފައި ކުޑަ އިރުކޮޅެއް ވަންދެން މަސާޖު ކޮށްލާށެވެ. މިކަން ކުރަން އެންމެ ރަނގަޅީ ކޮންމެ ރެޔަކުވެސް ނިދުމުގެ ކުރިންނެވެ. 

2. އޯވާނައިޓް ކްރީމެއްގެ ގޮތުގައި

ވިޓަމިން އީ އަކީ މޮއިސްޗަރައިޒާއެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ އެއްޗެކެވެ. އެހެންކަމުން، ނިދުމުގެ ކުރިން މޫނުގައި ހާކާ ކްރީމްގެ ތެރެއަށް ވިޓަމިން އީގެ ތެޔޮ އެއްކޮށްލާށެވެ. އެއަށްފަހު މޫނުގައި ރަނގަޅަށް ހާކާލުމަށްފަހު ނިދަން ދާށެވެ. އެންމެ ލަސްވެގެން ނިދުމުގެ 30 މިނިޓު ކުރިން މިކަން ކުރުމަށް ސަމާލުކަން ބަހައްޓާށެވެ. 

3. އިސްތަށިގަނޑަށް 

ވިޓަމިން އީ އަކީ އިސްތަށިގަނޑަށް ގިނަ ފައިދާތަކެއް ކުރާ އެއްޗެއްގެ ގޮތުގައި ވެސް މަޝްހޫރު އެއްޗެކެވެ. އެގޮތުން އިސްތަށިގަނޑު އަވަހަށް ދިގުކުރުމުގައި އެހީވެދީ، އިސްތަށިގަނޑަށް އޮމާންކަން ގެނެސްދެއެވެ. އެހެންކަމުން، އާންމުކޮށް ބޭނުންކުރާ ތެލުގެ ތެރެއަށް ވިޓަމިން އީގެ ތެޔޮ އެއްކުރުމަށްފަހު، އިސްތަށިތަކުގައާއި ތަލާގައި ރަނގަޅަށް އުނގުޅާލާށެވެ. އަދި އިރުކޮޅެއް ވަންދެން މަސާޖު ކުރުމަށްފަހު، ދެތިން ގަޑިއިރު ވަންދެން ބަހައްޓާށެވެ. އޭގެފަހުން ތާފަނާ ފެނާއި ޝޭމްޕޫއިން ބޯ ދޮވެލާށެވެ. މިއީ ހަފްތާއަކު ދެފަހަރު ކުރެވިދާނެ ކަމެކެވެ. އަދި ދެތިން ފަހަރުން ވެސް މީގެ ނަތީޖާ ފެންނަން ފަށާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. 

4. މޫނުގެ ރޫފިލުވުމަށް

މޫނުގައި ހުންނަ ރޫތަކާއި ރޮނގުތައް (ފައިން ލައިންސް) ފިލުވުމަށްވެސް ވިޓަމިން އީ ބޭނުންކުރެވިދާނެއެވެ. އޭގައި ހިމެނޭ އެންޓިއޮކްސިޑެންޓްސް ގެ ސަބަބުން މޫނުގައި ލޭ ދައުރުކުރުން އިތުރުކޮށްދީ، މޫނުމަތި އޮމާންކޮށްދެއެވެ. އަދި މޫނު އަލިކޮށްދެއެވެ.

5. އަވިން ހަންގަނޑު އެނދުމުން ފަރުވާއަކަށް 

އަވިން ހަންގަނޑު އެނދުމުން، އެއްބައި މީހުން ވަރަށް ވޭނުގައި އުޅެންޖެހެއެވެ. އެގޮތުން ގައި ހިރުވައި، ދިލަ ނަގާ ގޮތްވެސް ވެއެވެ. އެހެންކަމުން އެކަމުގެ ފަރުވާއަކަށް ވެސް ވިޓަމިން އީ ތެޔޮގުޅަ ބޭނުން ކުރެވިދާނެއެވެ. ކޫލިންގ ކްރީމަކާއެކު ވިޓަމިން އީ ތެޔޮ އެއްކޮށްލާފައި އަނދާފައި ހުރި ތަންތާނގައި އުނގުޅާލާށެވެ. އޭރުން ހިރުވުމާއި ދިލަނެގުން ކެނޑުމުގެ އިތުރުން ހަންގަނޑު ހިކިވެ ކުރަކިވުމުން ވެސް ސަލާމަތް ކޮށްދޭނެއެވެ. އެހެންނަމަވެސް އެންމެ ރަނގަޅު ގޮތަކީ އަތްވަށް ނުކުމުގެ ކުރިން ސަންސްކްރީނެއް ބޭނުންކުރުމެވެ. 

ނޯޓް: މިއީ ސިއްޙީ މާހިރަކާ ހަވާލާދީ ލިޔެފައިވާ ލިޔުމެއް ނޫނެވެ. ވީމާ، ޑޮކްޓަރު ދީފައި ހުންނަ ބޭހުގެ ބަދަލަށް ވިޓަމިން އީ ކެޕްސޫލު ބޭނުންކުރުން ބުއްދިވެރިއެއް ނޫނެވެ. އެހެންނަމަވެސް އެކަހަލަ އެއްވެސް ކަމަކަށް ފަރުވާ ހޯދަމުން ދާ މީހަކަށް ނުވާނަމަ، ވިޓަމިން އީގެ އަޖުމަ ބަލައިލުން ރަނގަޅުވާނެއެވެ.