އދ. ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

މި މަޝްރޫޢުގެ ދަށުން، 24،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި ބަނދަރު ފުންކުރުމާއި، 430 މީޓަރުގެ ސަރަޙައްދެއްގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 280 މީޓަރުގެ ސަރަޙައްދެއްގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 7،171 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނެއެވެ.

640 މީހުންގެ އާބާދީގެ އދ. ކުނބުރުދޫ އަކީ އަރިއަތޮޅަށް ނިސްބަތްވާ ރީތި ތުނޑިއެއް އޮންނަ ހިތްގައިމު ކުޑަ ރަށެކެވެ. ދިރިއުޅުމަށްޓަކައި އާމްދަނީ ހޯދުމަށް މި ރަށުގެ ގިނަމީހުން ކުރާ މަސައްކަތަކީ، ރިޒޯޓުތަކުގައި ވަޒީފާ އަދާކުރުމެވެ. ރަށް ގިރުމުގެ ބިރުވެރިކަމަކީ ޒަމާނުއްސުރެ ކުނބުރުދޫ ރައްޔިތުން ތަހައްމަލުކުރަމުން އައިސްފައިވާ މައްސަލައެކެވެ. މިކަމުގެ ސަބަބުން އުތުރާއި ދެކުނުން ހޭޅިފަށާ ހަމައަށް ރަށްގިރާ، ރަށުގެ ގޮނޑުދޮށުގެ މަލަމަތިން ކުރިން ފެނުނު ރީތިކަންވެސް ވަނީ ގެއްލިފައެވެ.  

އެހެންކަމުން މިއަދު ނިމިގެން މިދިޔަ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ސަބަބުން ކުނބުރުދޫގެ ގޮނޑުދޮށް ރަށް ގިރުމުން މިވަނީ ހިމާޔަތްކުރެވިފައެވެ. މިއީ ހަމަގައިމުވެސް ކުނބުރުދޫގެ ރައްޔިތުންގެ ޒަމާންވީ އުދާސްތަކާއި ތަކުލީފަށް ބޮޑު ހައްލެއް ލިބި ރައްޔިތުންނަށް އެތަށް ގުނައަކުން އުފާވެރިކަމާއި ތަސައްލީ ގެނުވާނެ މުހިއްމު މަޝްރޫޢުއެއްގެ ގޮތުގައި އެ ކުންފުނިން ދެކެއެވެ. މިއީ 21.14 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެ ކުންފުނި އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. އެ ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެ ކުންފުނިން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.