މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި މުޅި ޖުމްލަ 5،465 ކޮންޓެއިނަރުގެ ޕެރިޝަބަލް މުދާ ކްލިއާކޮށްފައިވާއިރު، ދުވާލެއްގެ މައްޗަށް 176 ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފައިވާ ކަމަށް އެ ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

 

އެމްޕީއެލްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް ކްލިއާ ކުރެވުނު ކޮންޓެއިނަރުގެ އަދަދު ވަނީ އޭގެ ކުރީ މަހާ އަޅާބަލާއިރު 21 އިންސައްތަ އިތުރުވެފައެވެ. މިދިޔަ ސެޕްޓެންބަރު މަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 146 ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފައިވެއެވެ.

އެ ކުންފުނިން ބުނީ، މިދިޔަ މަހު ކްލިއާކުރި ކޮންޓެއިނަރުގެ ތެރޭގައި؛ 20 ފޫޓުގެ 3،289 ކޮންޓެއިނަރާއި، 40 ފޫޓުގެ 2،176 ކޮންޓެއިނަރު ހިމެނޭ ކަމަށެވެ. އަދި، އެ ކުންފުނިން މިދިޔަ މަހު ކްލިއާކުރި ޖުމްލަ ޓީއީޔޫގެ ޖުމްލަ އަކީ 7،641 އެވެ.

އެ ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ސެޕްޓެންބަރު މަހަށް ބަލާއިރު، މިދިޔަ އޮކްޓޫބަރު މަހު އެތެރެކޮށްފައިވާ ޕެރިޝަބަލް މުދަލުގެ އަދަދު އިތުރެވެ. އެގޮތުން، ސެޕްޓެންބަރު މަހާ އަޅާ ބަލާއިރު، ނިސްބަތުން އެންމެ ގިނައިން އެތެރެކޮށްފައިވަނީ އަލަނާސީ އާއި ފިޔާ އެވެ. އަލަނާސި އެތެރެކޮށްފައިވާ މިންވަރު އޭގެ ކުރީ މަހަށް ވުރެ 64 އިންސައްތަ އިތުރުވެފައިވާއިރު، ފިޔާ ގެނައި މިންވަރު ވަނީ 54 އިންސައްތަ އަށް އިތުރުވެފައެވެ.

މިދިޔަ މަހުގެ އެންމެ ގިނައިން އެތެރެކޮށްފައިވާ ޕެރިޝަބަލް މުދަލުގެ އަދަދު:

ކަރާ 28،460

ދޮންކެޔޮ 9،535

ބަރަބޯ 4،029

އަލަނާސި 9،230

ބިސް 68،347

ކެބެޖް 13،977

ފިޔާ 46،884

އަލުވި 24،786

ޓޮމާޓޯ 15،315

މިދިޔަ މަހުގެ ތެރޭގައި މާލޭ ވިޔަފާރި ބަނދަރަށް ޕެރިޝަބަލް މުދާ ހިފައިގެން ކޮންޓެއިނަރު އުފުލާ 13 ބޯޓާއި، 23 ކޮންވެންޝަނަލް ބޯޓު އައިސްފައިވާ ކަމަށް ވެސް އެމްޕީއެލްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.