ނޯތު ރީޖަންގައި ހިމެނޭ ކުޅުދުއްފުށި ސިޓީގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން މިވަގުތު ހިނގަމުންދާ މަސައްކަތްތަކުގެ ތަފްޞީލީ މަޢުލޫމާތު އާރްޑީސީ އިން އާންމުކޮށްފިއެވެ.

އެގޮތުން، ކުޅުދުއްފުށި ސިޓީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ މަނާޒް ގޯޅީގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށް އާރްޑީސީ އިން ވަނީ ބުނެފައެވެ.

އާރްޑީސީ އިން އިތުރަށް ބުނީ، ކުޅުދުއްފުށި ސިޓީގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ފަރީދީމަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތާއި، ދަރައްދާމަގު ސަބްގްރޭޑިންގ އަށް ކޮނުމުގެ މަސައްކަތުގެ އިތުރުން މާލިހާމަގު ހުޅަނގު ކޮޅުގައި ކޯނަރ ކާރބް ސްޓޯން ގެޕް ފިލިންގ ގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކުޅުދުއްފުށީ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި 100.7 މިލިއަން ރުފިޔާ އަށެވެ.