ލީޑަރޝިޕް އެންހޭންސްމަންޓް ޓްރެއިނިންގ ޕްރޮގުރާމުގެ ސަބަބުން ޚިދުމަތް ދިނުމުގައި ކުރިއެރުން ލިބޭނެ ކަމުގައި ސްޓެލްކޯ ގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ މައިސިޔާސަތަކީ ސަރުކާރުގެ އިދާރާތަކާ މުއައްސަސާތަކުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި، އެ ރައްޔިތުން އެދޭގޮތަށް ހިނިތުންވުމާ އޯގާތެރިކަމާއެކު ޚިދުމަތްދިނުން ކަމަށެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ކަމާ ހަވާލުވުމަށްފަހު، ރައީސް ޑރ މުޢިއްޒުގެ ލަފާފުޅާ އިރުޝާދުފުޅުގެ ދަށުން އެންމެ އިސްކަމެއްދީގެން ކުރިއަށް ގެންދާ އެއްކަމަކީ ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަަރު ރަނގަޅުކުރުން ކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި މުވައްޒަފުންގެ ހުނަރާ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް ވެސް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

މިގޮތުން، ގައުމީ ދިފާއީ ބާރާއި ސްޓެލްކޯ ގުޅިގެން ގިރިފުށީ ޓްރެއިންގ ސެންޓަރ ގައި ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގޭ ލީޑަރޝިޕް އެންހޭންސްމަންޓް ޓްރެއިނިންގ ޕްރޮގުރާމުގެ ސަބަބުން ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ކޮލިޓީ ރަނގަޅު ކުރެވިގެންދާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި ސްޓެލްކޯގެ ސަފުތައް ބަދަހިކުރެވި، މުވައްޒަފުންގެ މަސައްކަތުގެ އަޚުލާޤު ހަރުދަނާވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އެދިވަޑައިގަންނަވާ ފެންވަރާ މިންވަރުގައި ޚިދުމަތް ދިނުމުގެ ރޫހު އާލާވެގެންދާނެ ކަމާމެދު ޝައްކެތްނެތް ކަމަށާއި މިއަދުގެ ނިޔަލަށް 120 މުވައްޒަފުން ތަމްރީނު ފުރިހަމަ ކުރެއްވުމަކީ ލިބޭ ވަރަށްބޮޑު އުފަލެއް ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.

މި ޕްރޮގްރާމް ހިންގެވުމުގައި ދިވެހި އަސްކަރިއްޔާއަށް ދެއްވާ އެއްބާރުލުމާ އެހީތެރިކަމަށް މެނޭޖިންގ ޑިރެކްޓަރރ ހުސައިން ފަހުމީ ވަނީ ފަށްފަށުން ޝުކުރު އަދާކުރައްވާފައެވެ.