ސްޓެލްކޯގެ ބޯޑުގެ ބައްދަލުވުމެއް ކ. ހިންމަފުށީގައި މިއަދު ވަނީ ބާއްވާފައެވެ.

މިއީ ސްޓެލްކޯގެ ތާރީޚުގައި ކުންފުނީގެ ބޯޑުގެ ބައްދަލުވުމެއް ސްޓެލްކޯ ހެޑް އޮފީހުން ބޭރުގައި ބޭއްވި ފުރަތަމަ ފަހަރެވެ.

ހިންމަފުށީ އިންޖީނުގޭގެ މަސައްކަތްތައް ބައްލަވާލައްވައި، އެ ރަށުގައި މަސައްކަތްކުރާ އެ ކުންފުނީގެ މުވައްޒަފުންނާއި، ރަށުގެ އިސް ވެރިންނާއި ބައްދަލުކުރެއްވުމަށް ސްޓެލްކޯގެ އިސްވެރިން އެ ރަށަށް ކުރެއްވި ބައްދަލުވުމުގެ ތެރެއިން، ކުންފުނީގެ ބޯޑުގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ކ. ހިންމަފުށީ އިންޖީނުގޭ އޮފީހުގައެވެ.

މި ބައްދަލުވުމުގައި ބޯޑުގެ ޗެއާމަން މުޙައްމަދު ލަޠީފް އާއި މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ އަދި ބޯޑުގެ ހުރިހާ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއީ މާލެއާއި އަތޮޅުތެރެއާއި ދެމެދު ހުރި ތަފާތުކުރުންތައް ނައްތާލުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން، ސްޓެލްކޯގެ ހިންގުމުގައި ކުންފުނިން ޚިދުމަތްދޭ ރަށްތަކުގެ ބައިވެރިވުން އިތުރުކުރުމުގެ އަމާޒާއި ދިމާލަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމުގައި އެ ކުންފުނިން ބުނެއެވެ.