ސައުތު ރީޖަންގެ ރަށްތަކުގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ތިން ރަށެއްގައި މިވަގުތު ހިންގަމުންގެންދާ މަސައްކަތްތަކުގެ ތަފްޞީލް އާރްޑީސީ އިން އާންމުކޮށްފިއެވެ.

އެގޮތުން، އާރްޑީސީ އިން ވަނީ ސައުތު ރީޖަންގައި ހިމެނޭ ހުވަދު އަތޮޅުގެ ދެ ރަށް ކަމަށްވާ، ގދ. ތިނަދޫ އާއި ގދ. ގައްދޫ އަދި ހައްދުންމަތީ ގަމުގައި މިހާރު ކުރެވެމުންދާ މަސައްކަތުގެ ތަފްޞީލް ދީފައެވެ.

ލ. ގަމުގައި މިހާރު ކުރަމުންދަނީ، ކޭބަލް ޖަންކްޝަން މޮޑިއުލް ކާސްޓިންގ ގެ މަސައްކަތާއި، ސައިޓް ސާފު ކުރުމުގެ މަސައްކަތެވެ. ގަމުގެ ފޭސް 2 ގެ މި މަސައްކަތަކީ ގާތްގަނޑަކަށް 104 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. އަދި މި މަސައްކަތް ކުރުމަށް އާރްޑީސީއާ ހަވާލުކުރީ 2022 ވަނަ އަހަރުގެ ޑިސެންބަރު މަހު އެވެ.

ގދ. ތިނަދޫގައި މިހާރު ކުރިއަށްދަނީ ޕޭވިންގ ގެ މަސައްކަތާއި، ގެޕް ފިލިންގ ގެ މަސައްކަތުގެ އިތުރުން ރޯޑް މާރކިންގ ގެ މަސައްކަތެވެ. ތިނަދޫގެ ފޭސް 2 ގެ މި މަސައްކަތް ކުރުމަށް އާރްޑީސީއާ ހަވާލުކުރީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގައި 78.8 މިލިއަން ރުފިޔާ އަށެވެ.

ސައުތު ރީޖަންގެ ރަށްތަކުގައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު މަސައްކަތް ކުރަމުންދާ އަނެއް ރަށަކީ ގދ. ގައްދޫ އެވެ. ގައްދޫގައި މިހާރު ކުރިއަށްދަނީ ވަތަބަނޑޭރި މަގުގެ ޕޭވިންގ ގެ މަސައްކަތާއި، އެޖް ކަޓިންގ ގެ މަސައްކަތުގެ އިތުރުން ހާބަރ ސަރަހައްދުގައި ޕޭވްމެންޓް ކޮމްޕެކްޓް ކުރުމުގެ މަސައްކަތެވެ. މިއީ 138.7 މިލިއަން ރުފިޔާ އަށް 2020 ވަނަ އަހަރުގެ ފެބުރުއަރީ މަހު އާރްޑީސީ އިން ހަވާލުވި މަޝްރޫޢެކެވެ.