ރާއްޖޭގެ ރަށްތަކުގައި ކުރިއަށްދާ ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ހުވަދު އަތޮޅު އުތުރުބުރީ ކޮލަމާފުށީގައި މިވަގުތު ކުރަމުންދާ މަސައްކަތްތަކުގެ ތަފްޞީލް އާރްޑީސީ އިން އާންމުކޮށްފިއެވެ.

އާރްޑީސީ އިން ބުނީ، ކޮލަމާފުށީ މިވަގުތު ކުރަމުންދަނީ؛ އަމީނީމަގުގައި ކާރބްސްޓޯން ޖެހުމުގެ މަސައްކަތާއި ސްޓޯރމް ވޯޓަރ ޓޭންކްގެ މަސައްކަތްތައް ކަމަށެވެ.

އަދި މަގުގެ ފަސްގަނޑު އެއްވަރުކޮށް ކޮމްޕެކްޓް ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް އާރްޑީސީ އިން ވަނީ ބުނެފައެވެ.

ކޮލަމާފުށީގެ މަގު ހެދުމުގެ މަސައްކަތަކީ ގާތްގަނޑަކަށް 85.3 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަސައްކަތް ކުރުމަށް އާރްޑީސީއާ ހަވާލުކުރީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ.