ނ. މަނަދޫ، ނ. ކެނދިކުޅުދޫ އަދި ރ. އަލިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫޢުގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ސާމާނާއި ވެހިކަލްގެ އިތުރުން ސައިޓް ހެދުމަށް ބޭނުންވާ މެޓީރިއަލް އެ ތިން ރަށަށް ފޮނުވާފައިވާ ކަމަށް އާރްޑީސީ އިން ބުނެފިއެވެ.

މަނަދޫ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދަށުން 4.2 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމާއި މަގުތަކުގައި ފެންހިންދާ ނިޒާމް ޤާއިމްކުރުމުގެ އިތުރުން މަގުބައްތި ހަރުކުރުން ހިމެނެއެވެ. މި މަޝްރޫޢުގެ މަސައްކަތްތައް ކުރުމަށް އާރްޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ މާރިޗް މަހުގައި 75.7 މިލިއަން ރުފިޔާ އަށެވެ.

ކެނދިކުޅުދޫ މަގުތައް ހެދުމުގެ މަޝްރޫޢުގައި ރަށުގެ 3.7 ކިލޯމީޓަރުގެ މަގު ތާރުއަޅާ ތަރައްޤީކުރާނެއެވެ. އަދި މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމުކޮށް މަގުބައްތި ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މި މަޝްރޫޢުގެ މަސައްކަތްތައް ކުރުމަށް އާރްޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖޫން މަހުގައެވެ. އެއީ 90.89 މިލިއަން ރުފިޔާ އަށެވެ.

އަލިފުށީގެ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން އެ ރަށުގެ 8.3 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގައިވެސް މަގުތަކުގައި ފެންހިންދާ ނިޒާމް ޤާއިމްކޮށް، މަގުތަކުގައި މަގުބައްތިޖެހުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢަކީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގައި އާރްޑީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މިއީ 90.96 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.