އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ ފެނުގެ ނިޒާމު އަޕްގްރޭޑްކުރުމަށް މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ހިތަދޫގައި ބޭއްވުނު ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އަލްފާޟިލް އިބްރާހީމް ޠަޢާމު މުޙައްމަދުއެވެ. އަދި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޢަބްދުލް މަތީން މުޙައްމަދުއެވެ.

މި މަޝްރޫޢުގެ ދަށުން، ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގައި ތިން އާރު.އޯ ޕްލާންޓް ބެހެއްޓޭ ގޮތަށް، ލެބޯރަޓަރީއަކާއި، ކޮންޓްރޯލް ރޫމަކާއި، ވޯރކް ޝޮޕަކާއި، އޮފީސް އަދި ސްޓޯރޭޖް ހިމެނޭ ގޮތަށް މުޅިން އައު އިމާރާތެއް ޤާއިމުކުރުން އަދި ޑިސްޓްރިބިއުޝަން ސެންޓަރުތައް ޤާއިމުކުރުމަށް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން، ދުވާލަކު 1500 ޓަނުގެ ފެން އުފެއްދޭވަރުގެ 2 (ދޭއް) އާރު.އޯ ޕްލާންޓް އެނާރޖީ ރިކަވަރީ ސިސްޓަމަކާއެކު ބެހެއްޓުމުގެ މަސައްކަތާއި، ފެން ރައްކާކުރުމަށް 13000 (ތޭރަ ހާސް) ޓަނުގެ ސްޓޯރޭޖް އިތުރުކުރުމަށް ހަމަޖެހިފައިވާއިރު، 6 ބޯރހޯލް ތޮރުފުމުގެ މަސައްކަތާއި، 100ކވ ގެ ސޯލާރ ހަރުކުރުމާއި، ލެބޯރަޓަރީއަށް ބޭނުންވާ އިކްއިޕްމަންޓްތައް ފޯރުކޮށްދިނުމާއި، މުޅިން އައު ބުރައިން އައުޓްފޯލްއެއް އެޅުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢުގެ ދަށުން، ހުޅުމީދޫގައި ތިން އާރު.އޯ ޕްލާންޓް ބެހެއްޓޭ ގޮތަށް، ލެބޯރަޓަރީއަކާއި، ކޮންޓްރޯލް ރޫމަކާއި، ވޯރކް ޝޮޕަކާއި، އޮފީސް އަދި ސްޓޯރޭޖް ހިމެނޭ ގޮތަށް މުޅިން އައު އިމާރާތެއް ޤާއިމުކުރުން އަދި ޑިސްޓްރިބިއުޝަން ސެންޓަރުތައް ޤާއިމުކުރުމަށް ހަމަޖެހިފައިވާއިރު، 

ދުވާލަކު 350 ޓަނުގެ ފެން އުފެއްދޭވަރުގެ 2 (ދޭއް) އާރު.އޯ ޕްލާންޓް އެނާރޖީ ރިކަވަރީ ސިސްޓަމަކާއެކު ބެހެއްޓުމުގެ މަސައްކަތާއި، ފެން ރައްކާކުރުމަށް 3000 (ތޭރަ ހާސް) ޓަނުގެ ސްޓޯރޭޖް އިތުރުކުރުމަށް ހަމަޖެހިފައިވާއިރު، 4 ބޯރހޯލް ތޮރުފުމުގެ މަސައްކަތާއި، 75ކވ ގެ ސޯލާރ ހަރުކުރުމާއި، ލެބޯރަޓަރީއަށް ބޭނުންވާ އިކްއިޕްމަންޓްތައް ފޯރުކޮށްދިނުމާއި، މުޅިން އައު ބުރައިން އައުޓްފޯލްއެއް އެޅުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢުގެ މަސައްކަތްތައް ކުރުމަށް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވަނީ 282.6 މިލިއަން ރުފިޔާ އަށް އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.