ނޯތު ރީޖަންގެ ރަށްތަކުގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ތިން ރަށެއްގައި މިވަގުތު ހިނގަމުންދާ މަސައްކަތްތަކުގެ ތަފްޞީލް އާރްޑީސީ އިން އާންމުކޮށްފިއެވެ.

އެގޮތުން، ނޯތު ރީޖަންގައި ހިމެނޭ ހއ. އިހަވަންދޫ، ށ. މިލަންދޫ އަދި ހދ. ކުޅުދުއްފުށި ސިޓީގައި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތަފްޞީލް އާރްޑީސީ އިން ވަނީ ދީފައެވެ.

ހއ. އިހަވަންދޫގައި މިވަގުތު ކުރަމުންދަނީ، ސައިޓު ސަރަހައްދު ސާފުކުރުމުގެ މަސައްކަތާއި، ކާސްޓިންގ އޭރިއާ ތައްޔާރުކުރުމުގެ މަސައްކަތުގެ އިތުރުން ސްކޫލް ފުޓްބޯޅަ ދަނޑުގެ މަސައްކަތެވެ.

އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މި މަސައްކަތަކީ 102.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަސައްކަތް ކުރުމަށް އާރްޑީސީ ހަވާލުކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ.

ށ. މިލަންދޫގައި މިހާރު ކުރަމުންދަނީ، ހުރަވީމަގުގައި ޕަމްޕް ސްޓޭޝަންގެ މަސައްކަތާއި، ސައިމާ ގޯޅީގައި ރޯޑް ޕެއިންޓިންގގެ މަސައްކަތުގެ އިތުރުން އަމީނީމަގުގައި ޕަމްޕް ސްޓޭޝަން 3 ހިމެނޭ ސަރަހައްދު ސާފުކުރުމުގެ މަސައްކަތާއި، ހުރަވީމަގުގައި ބިޓުމެން ސްޕްރޭ ޖެހުމުގެ މަސައްކަތެވެ.

މިލަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގައި 156.48 މިލިއަން ރުފިޔާ އަށެވެ.

ނޯތު ރީޖަންގެ ރަށްތަކުގެ ތެރެއިން މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ އަނެއް ރަށަކީ ހދ. ކުޅުދުއްފުށި ސިޓީ އެވެ.

ރާއްޖޭގެ އުތުރުގެ އިގްތިޞާދީ މައި ހަބުގެ ގޮތުގައި ބެލެވޭ ކުޅުދުއްފުށި ސިޓީގައި މިހާރު ކުރަމުންދަނީ، ދަނޑުމަގުގައި ކީވޯލް ޖެހުމުގެ މަސައްކަތާއި، ނީލޯފަރު މަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތް އަދި ސޯފިޔާ ހިނގުމުގައި ކޭބަލް ޖަންކްޝަންގެ ހުރަސް ހޮޅި އެޅުމުގެ މަސައްކަތެވެ.

ކުޅުދުއްފުށީ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ކުރުމަށް އާރްޑީސީއާ ހަވާލުކުރީ 2021 ވަނަ އަހަރުގެ ޖޫން މަހުގައެވެ. މިއީ 100.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.