ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވެ، ގަދަ ކޮޅިގަނޑުގައި އއ. ތޮއްޑޫ ރައްޔިތުންނަށް ސްޓެލްކޯގެ މުވައްޒަފުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެގޮތުން، އިއްޔެ ހަވީރު ކޮޅިގަނޑެއް އައި ވަގުތު ތޮއްޑޫގައި މޫދަށް އެރި ތިބި ކުދިންތަކެއް އެ ކޮޅިގަނޑުގައި ޖެހި އެއްގަމަށް ނާދެވިގެން އުޅެނިކޮށް، އެ ކުދިން ސަލާމަތްކޮށް އެއްގަމަށް ގެނައުމަށް އެވަގުތު އެ ސަރަޙައްދުގައި ތިބި އެ ކުންފުނީގެ ހިތްވަރުގަދަ މުވައްޒަފުން ވަނީ ޙަރަކާތްތެރިވެފައެވެ.

މީގެއިތުރުން، އެ ކޮޅިގަނޑުގެ ސަބަބުން ބިންދައިގެންދިޔަ ބައެއް ގަސްގަހުގެ ބައިތައް ގޭގޭގެ ފުރާޅަށް ވެރުމާއި ގުޅިގެން ލިބުނު ގެއްލުންތަކުން ސަލާމަތް ކުރުމަށްވެސް އެ ކުންފުނީގެ ހީވާގި މުވައްޒަފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ރައްޔިތުންނަށް ދިމާވާ މިފަދަ ކޮންމެ ކަމެއްގައި އެ ކުންފުނީގެ މުވައްޒަފުން އަބަދުވެސް ދެމިތިބޭނީ ހިތްވަރާއި ކެރުމާއިއެކު އެންމެ އިސް ސަފުގައި، އިޚްލާސްތެރިކަމާއިއެކު ރައްޔިތުންގެ ޚިދުމަތުގައި ކަމުގައި ސްޓެލްކޯ އިން ޔަގީންކޮށްދެއެވެ.