އިހަވަންދިއްޕޮޅުގައި މެރިޓައިމް އަދި އޯޕީއެލްގެ ޚިދުމަތް ގުޅިގެން ފޯރުކޮށްދިނުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ)އާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ. 

އެމް.ޕީ.އެލްގެ ހެޑް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތުގައި އެމް.ޕީ.އެލްގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހިމެވެ.

އުތުރުގައި އިންޓަރނޭޝަނަލް ބަންކަރިންގ ޚިދުމަތާއެކު، މެރިޓައިމްގެ އިތުރު ޚިދުމަތްތައްވެސް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެސްޓީއޯ އިން އޮފްޝޯ ބަންކަރިންގ ޚިދުމަތް ފޯރުކޮށްދޭނެއެވެ. އެމް.ޕީ.އެލްއިން ފޯރުކޮށްދެނީ ޕައިލަޓޭޖާއި މެރިޓައިމްގެ އެހެން ޚިދުމަތްތަކެވެ.

މި ފަހުމުނާމާގެ ދަށުން ބަންކަރިންގ ޚިދުމަތް ފޯރުކޮށްދިނުމުގައި ދެ ކުންފުނިން ގުޅިގެން، ވިހާވެސް ފަސޭހަ ޚިދުމަތެއް ފޯރުކޮށްދޭން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ. އަދި މީގެ އިތުރުން މި ޚިދުމަތް މާކެޓް ކުރުމުގައި ދެ ކުންފުނިން ގުޅިގެން މަސައްކަތްކުރާނެއެވެ. 

އެމް.ޕީ.އެލްގެ ސީއީއޯ ވަޖީހް ވިދާޅުވީ އުތުރުގެ ސަރަހައްދަކީ ބައިނަލްއަޤްވާމީ މެރިޓައިމްގައި މުހިންމު ރޫޓަކަށްވާއިރު، އުތުރުގައި ބަންކަރިންގ އާއި މެރިޓައިމްގެ ޚިދުމަތްތައް ފޯރުކޮށްދޭން ފެށުމަކީ ދިވެހިރާއްޖެއަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށެވެ. 

"އެއްވެސް ކަހަލަ މާކެޓިންއެއް ނެތި، މިހާރުވެސް ހއ.އުލިގަމު ކައުންސިލްގެ ރެކޯޑްތައް ދައްކާ ގޮތުން މަހެއްގެ މައްޗަށް 6 ނުވަތަ 8 އާގު ބޯޓު އެ ސަރަހައްދަށް އެބަ ކޯލް ކުރޭ ފެނު ޚިދުމަތް ހޯދަން. އެހެންވީމާ އަޅުގަނޑުމެންނަށް އެ ސަރަހައްދުން ތެލާއި ފެނާއި ފޯރުކޮށްދެވުނީމަ ރަނގަޅު ވިޔަފާރިއެއް އުފެދިގެންދާނެ،" ވަޖީހް ވިދާޅުވިއެވެ.