ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން މި މަހުގެ 19 ވަނަ ދުވަހު ބައިނަލްއަޤްވާމީ ބަންކަރިންގ ޚިދުމަތް ފެށުމަށް ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ.

އެސްޓީއޯ އިން ބުނީ މި ޚިދުމަތް ފެށުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއެކު ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ވަނީ ނިންމާފައެވެ. އަދި ބަންކަރިންގ ޚިދުމަތުގެ އިތުރުން، އެހެނިހެން އެހީތެރިކަމުގެ ޚިދުމަތްތައް ނުވަތަ އިތުރު ހިދުމަތްތައް އެ ސަރަހައްދުގައި ފޯރުކޮށްށްދެވޭނެ ކަމަށެވެ.

މީގެއިތުރުން މިހާރުވެސް ބައިނަލްއަޤްވާމީ ބަންކަރިންގ ޚިދުމަތަށް އެދި ބުކިންގތައް ލިބެމުންދާކަން އެސްޓީއޯއިން ފާހަގަކޮށް، މިއާއެކު މި ޚިދުމަތް ފެށި، އިތުރަށް ފުޅާކޮށް، އިތުބާރުހުރި ޚިދުމަތަކަށް ހެދުމާއެކު، މާކެޓް އިތުރަށް ފުޅާވެގެންދާނެކަމުގެ ޔަޤީންކަން އެސްޓީއޯއަށް އެބައޮތް ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި އާންމު ގޮތެއްގައި މި ސަރަޙައްދުގައި (އިންޑިއަން ސަބް ކޮންޓިނެންޓް) ބަންކަރިންގ ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ ކޮލަމްބޯ، ސްރީލަންކާ އަދި އިންޑިއާގެ ބަނދަރުތަކުންކަން އެސްޓީއޯ އިން ފާހަގަކުރެއެވެ.

އެސްޓީއޯއިން އެންމެ ފުރަތަމަ ބަންކަރިންގ ޚިދުމަތް ފޯރުކޮށްދިނުމަށް ރޭވިފަވަނީ އެމެއެސްއެސް އިން އޮޕަރޭޓް ކުރަމުން އަންނަ "ވައި.ސީ ބެރިއާރ" އަށް ކަމަށާާއި މިއީ އުޅަނދުގެ ޝެޑިއުލްޑް ބަންކަރިންއެއް ކަމަށް ބުނެއެވެ. މީގެ ކުރިންނަމަ މި އުޅަނދުގެ ދަތުރު ޝެޑިއުލްއާއެކު ބަންކާކުރަމުން އައީ ކޮލަންބޯއިން ކަމަށާއި ސަބަބަކީ ލޯ ސަލްފާ ފިއުލް އޮއިލް މީގެކުރީ ލިބެން ނުހުންނާތީކަން އެސްޓީއޯ އިން ފާހަގަކުރެއެވެ. 

"ވައިސީ ބެރިޔާ" އަކީ ކޮލަމްބޯއާއި މާލެއާ ދެމެދު ދަތުރުކުރާ އުޅަނދެއް ކަމަށާއި މި އުޅަނދު މަހެއްގެ މައްޗަށް 200 ޓަނުގެ ތެޔޮ ބޭނުންކުރާ ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ. އަދި މި އުޅަނދުގައި 1،100 ކޮންޓެއިނަރ އުފުލުމުގެ ޤާބިލުކަން ހުންނަކަމަށް ވެސް ބުނެއެވެ.