ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 2025 ވަނަ އަހަރުގެ ނިޔަލަށް އޭޓީއެމް ބެހެއްޓުމަށް ބޭންކް އޮފް މޯލްޑިވްސް އިން ނިންމައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" ޕްރޮޖެކްޓް އިފްތިތާޙް ކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފް ވަނީ މި ޕްރޮޖެކްޓްގެ މުހިންމު ކަމާއި މި ޕްރޮޖެކްޓްގެ ސަބަބުން ޤައުމުގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ލިބުމުގެ މަގު ތަނަވަސްވެގެންދާނެކަން ފާހަގަކުރައްވާފައެވެ. " ބޭންކް އޮފް މޯލްޑިވްސްއިން އަބަދުވެސް ނުހަނު އިސްކަމެއްދޭ އެއްކަމަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކުރުމަށް. މިގޮތުން ރާއްޖޭގައި ބޭންކިންގ ދާއިރާގެ އެކި ހިދުމަތްތައް ތައާރަފްކޮށްފައިވަނީ މި ބޭންކުން. އެންމެ ފުރަތަމަ އޭޓީއެމްގެ ހިދުމަތާއި އިންޓަރނެޓް ބޭންކިންގ، މޯބައިލް ބޭންކިންގ އަދި ޑިޖިޓަލް ބޭންކިންގ ހިދުމަތްތައް ތަޢާރަފްކޮށްފައި މިވަނީ މި ބޭންކުން. އަދި މިއަދު އިފްތިތާހު ކުރެވިގެން ދިޔަ ޕްރޮޖެކްޓާއެކު އަޅުގަނޑުމެން ކަށަވަރު ކޮށްދޭން ބޭނުންވަނީ އަންނަ އަހަރު ނިމެންވާއިރަށް ދިވެހި ކޮންމެ ރައްޔިތަކަށްވެސް ކޮންމެ ރަށަކުން އަސާސީ ބޭންކިންގ ހިދުމަތްތައް ލިބުން."

މުޅި ރާއްޖެއަށް އޭޓީއެމް ހިދުމަތް ފުޅާކުރުމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި ބޭންކުންވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. އަދި މި ޕްރޮޖެކްޓްގެ ދަށުން ބޭންކުންވަނީ އދ.ހަންޏާމީދޫ އާއި އދ.އޮމަދޫގައި މިއަދު އޭޓީއެމް ބަހައްޓައި ހިދުމަތްދޭން ފަށާފައެވެ.

"އޮމަދޫގައި މިއަދު ހުޅުވިގެންދިޔަ އޭޓީއެމްއާއި އެކު މިއަދު ބޭންކަށް މިވަނީ މުހިންމު ލަނޑުދަނޑިއެއް ހާސިލްވެފަ. މި އޭޓީއެމްއަކީ ބީއެމްއެލްގެ 150 ވަނަ އޭޓީއެމް. ބޭންކުގެ ވިއުގަ ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާއިރު ޑިޖިޓަލް ބޭންކިންގ ހިދުމަތްތަށް އިތުރަށް ތަރައްޤީކޮށް ފުރިހަމަ ކުރުމަށް ބޮޑެތި މަސައްކަތްތަކެއްވެސް ކުރެވިގެންދާނެ. ކަސްޓަމަރުން ބޭނުންވާފަދަ ފަސޭހަ އަދި ރައްކާތެރި ހިދުމަތްތައް ދިނުމަށް އަޅުގަނޑުމެން ބައިނަލްއަޤްވާމީ ކާޑު ނެޓްވޯކްތަކާއި ޕޭމަންޓް ސޮލިއުޝަންދޭ ފަރާތްތަކާއެކު ގުޅުން ބަދަހިކޮށް މުހިންމު މަސައްކަތްތަކެއް ކުރެވިގެންދާނެ." ޝަރީފް ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 95 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 150 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.