ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސްކޮލާޝިޕް ފަންޑް 2024 ގެ ދަށުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބޭ ދަރިވަރުން ހޮވައިފިއެވެ. 

މި ދަރިވަރުންނަކީ:

1. ރީޝަމް މުޙައްމަދު

2. ނޫރްހާން މުޙައްމަދު މޫސާ

3. ޢާއިޝަތު ޝަރާ ނަޞީރު

މި ސްކޮލާޝިޕަކީ ތައުލީމީ ގޮތުން އެންމެ މަތީ ނަތީޖާ ހޯދާފައިވާ، ދިވެހިރާއްޖޭގެ ބޭންކިންގ އަދި މާލީ ދާއިރާ ހަރުދަނާކޮށް ތަރައްގީކުރުމުގެ ޝައުގުވެރިކަން ހުރި ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވާސިޓީއަކުން ބޭންކިންގ އެންޑް ފައިނޭންސްގެ ރޮނގުން ބޭނުންވާ ކޮންމެ އަންޑަރ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކުރުމަށް ހުރިހާ ހަރަދެއް ބޭންކުން ހަމަޖައްސައިދޭ ސްކޮލާޝިޕެކެވެ.

"މި އަހަރު ސްކޮލާޝިޕް ހާސިލުކުރި ދަރިވަރުންނަށް މަރުހަބާ ދަންނަވަން. މި ގައުމުގެ މުސްތަގުބަލު ބައްޓަންކުރާނެ ތައުލީމީ، ގާބިލު ޒުވާނުންނަށް އިންވެސްޓް ކުރުމަށް ބީއެމްއެލް އިން ނުހަނު ބޮޑު އިސްކަމެއް ދެން. މި ސްކޮލާޝިޕްތަކަކީ ހަމައެކަނި ދަރިވަރުންގެ ފަރުދީ ކުރިއެރުމަށް ލިބޭ ފުރުސަތެއްގެ އިތުރުން މިއީ ރާއްޖޭގެ ބޭންކިންގ އަދި ފައިނޭންސް ދާއިރާ ހަރުދަނާ ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްވެސްމެ." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފު ވިދާޅުވިއެވެ.

2022 ވަނަ އަހަރު ތައާރަފްކުރި ބީއެމްއެލް ސްކޮލާޝިޕްގެ ދަށުން މިހާތަނަށް ހޮވުނު 6 ދަރިވަރުން އަންނަނީ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގެ އެންމެ މަތީ ފަންތީގެ ޔުނިވާސިޓީތަކުގައި ތައުލީމު ހާސިލުކުރަމުންނެވެ.