ބޯވަ އަކީ ވަރަށްގިނަ ދިވެހިން ވަރަށް މީރުކޮށް ކައި އުޅޭ މަހެއް. އެކި ގޮތްގޮތައް އެކި ކާ އެއްޗެހި ބޯވައިން ތައްޔާރުކުރޭ. މިހާގިނައިން ދިވެހިން ބޯވަ ކައި އުޅޭއިރު، ބޯވަ އާއި ބެހޭގޮތުން އާންމުކޮށް ނޭނގޭ މައުލޫމާތުތަކެއް ހުރެދާނެ. އެހެންކަމުން ބޯވައާއި ބެހޭގޮތުން އާދަޔާހިލާފު މައުލޫމާތުކޮޅެއް ހިއްސާކޮށްލާނަން.

ބޯވަގެ ޖިންސު ވަކި ކުރުމަކީ ފަސޭހަ ކަމެއް ނޫން. ސައިންސުވެރިންނަށްވެސް މިކަން ވެފައިވަނީ އުނދަގޫ ކަމަކަށް. އެހެންކަމުން ބޯވަގެ ޖިންސު ފާހަގަ ކުރުމުގައި ބަލަންވީ ވަކި ހާއްސަ ކަމެއް ސައިންސުވެރިންނަށްވެސް ބުނަން އުނދަގޫ. އެހެންނަމަވެސް ބައެއް ސައިންސުވެރިން ފާހަގަ ކުރާގޮތުގައި އަންހެން ބޯވަގެ ހުރިހާ ފައެއްގައި އުން ހުންނާނީ އެއް ގޮތަކަށް ނުވަތަ އެއް "ތައްގަނޑަކަށް". ނަމަވެސް ފިރިހެން ބޯވަގެ އެއްފައިގެ ސިފަ އާއި އެފައިގައި އުން ހުންނަ ގޮތް ތަފާތުވޭ. މިއީ އެސޮރުގެ ކަނާތް ފަރާތުން ތިންވަނަ ފައި ކަމަށް ގިނަ ސައިންސުވެރިން ފާހަގަ ކުރޭ.

ބޯވައަކީ އެސޮރުގެ ހަށިގަނޑުގައި ދެ ހިތް ވާ އެއްޗެއް. ބޯވަގެ އެއް ހިތަކީ އެސޮރުގެ އަރުގަނޑަށް ލޭ ފޮނުވައިދޭ ހިތެއް. އަނެއް ހިތަކީ އެސޮރުގެ ހަށިގަނޑުގެ އެހެން ގުނަން ތަކަށާއި ފައިތަކަށް ލޭ ފޮނުވައިދޭ ހިތް.

ބޯވަގެ ހަށިގަނޑުގައި ނުވަ ސިކުނޑިވޭ. އޭގެ ތެރެއިން އެއް ސިކުނޑިއަކީ މައި ސިކުނޑި. ދެން ހުރި ކޮންމެ ސިކުނޑިއަކީ ކޮންމެ ފަޔަކަށް ވަކިން އިންނަ ސިކުނޑިއެއް. އެހެނީ ކޮންމެ ފައެއްވެސް މަސައްކަތް ކުރަނީ މިދެންނެވި ވަކި ސިކުނޑީގެ އަމުރަށް.

އަދިވެސް ބޯވަ އާއި ބެހޭގޮތުން ކިތަންމެ ވާހަކައެއް ދެއްކިދާނެ. ނަމަވެސް މިއީ ބައެއް ހާއްސަ، އާދަޔާ ހިލާފު މައުލޫމާތު ތަކެއް. ބޯވައެއް ކާ ކޮންމެ ފަހަރަކު މި ކަންކަން މަތިން ހަނދާން ކޮށްލުމުން، މާތް ﷲ ގެ ކުޅަދުންވަންތަކަން ހިތަށް ސިފަވެގެން ދާނެ.