ބައި ފަންގްލީ އަކީ އޭނާގެ އަންހެނުންނާއި އަންހެން ދަރިފުޅާއި އެކު ދިރިއުޅުން ހޭދަކުރި، ޗައިނާއަށް ނިޞްބަތްވާ މީހެކެވެ. ފަންގްލީ އަކީ އޭނާގެ ދިރިއުޅުމުގެ ބޮޑުބައި އެގައުމުގެ ޓިއަންޖިން ގައި ބައިސްކަލު ގައި މީހުން އުފުލުމަށް ހޭދަކުރި މީހެކެވެ. 1987 ގައި އޭނާގެ ވަޒީފާއިން އަމިއްލައަށް ރިޓަޔަރވެގެން އޭނާގެ އުފަން ޕްރޮވިންސް ހިބާއި އަށް ދިރިއުޅުން ބަދަލުކުރުމަށް ގަސްތުކުރިއެވެ. އަވަށަށް ދިޔަ މަގުމަތީގައި އޭނާއަށް ފެނުނީ ގިނަ އަދަދެއްގެ ކުޑަ ކުދިން ދަނޑުތަކުގައި މަސައްކަތްކުރަން ތިބި މަންޒަރެވެ. ފަހުން އެނގުނު ގޮތުގައި މިއީ މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ތަޢުލީމީ ޙަޔާތާ ވަކިވާން ޖެހުނު ކުދިންނެވެ.

މިކަން އެނގުމުން މިކުދިންނަށް އެހީވުމުގެ މަގުސަދުގައި ފަންގްލީ އަނެއްކާވެސް ޓިއަންޖިން އަށް ގޮސް އޭނާ ކުރިން އަދާކުރި ވަޒީފާ އަދާކުރަން ފެށިއެވެ. އާންމުކޮށް ގިނަ ވަގުތު މަސައްކަތްކުރާ ފަންގްލީ ބައެއް ދުވަސް ދުވަހު 24 ގަޑިއިރުވެސް މީހުން އުފުލުމުގައި ހޭދަ ކުރެއެވެ. އޭނާ ދިރިއުޅުނީ ރޭލްވޭ އާއި ކައިރިން ކުޑަ ޖިފުޓިގަނޑެއްގައި، ވަރަށް އާދައިގެ ގޮތަކަށް ކައިގެން، މީހުން ބާކޮށްފައި އެއްލާލާ އަންނައުނު ލައިގެންނެވެ. ފަންގްލީއަށް ލިބޭ އާމްދަނީގެ ބޮޑުބައެއް އޭނާ ހޭދަކުރީ ސްކޫލްތަކާއި ޔުނިވަރސިޓީތަކަށެވެ. ޖުމްލަ 300 ކުއްޖަކަށް އެކުދިންގެ ސްކޫލް ފީ ދެއްކުމުގައި ފަންގްލީގެ އެހީތެރިކަން ލިބިފައިވާނެއެވެ. އެންމެ ގިނަ އަދަދަކަށް އޭނާގެ އެހީ ލިބިފައިވާނީ ނަންކައި ޔުނިވަރސިޓީ އަށެވެ. 1996 ވަނަ އަހަރުވެސް ފަންގްލީ 35،000 ޔުއާން އެ ޔުނިވަރސިޓީއަށް ހަދިޔާ ކުރިއެވެ.

ފަންގްލީ ހާޔަތުގައި އޭނާ މަސައްކަތް ކުރި އެންމެ ފަހު 20 އަހަރަކީ އިންސާނިއްޔަތަށްޓަކައި އޭނާ މަސައްކަތްކުރި ދުވަސްތަކެވެ. މިގޮތަށް އެހީތެރިކަން ފޯރުކޮށްދޭން ގަސްތުކޮށް ފަންގްލީ މަސައްކަތްފެށީ އެހެން މީހުން އަރާމުގައި އާއިލާ ކައިރީގައި ހޭދަކުރަން އިސްކަންދޭ އުމުރުގައެވެ. އޭނާގެ އާއިލާގެ ފަރާތުން ވެސް ވަނީ މަސައްކަތް ކުރުން ހުއްޓާލުމަށްފަހު ގޭގައި އަރާމުކުރުމަށް ވަރަށް ގިނަ ފަހަރު ނަސޭހަތް ދިނެވެ. ނަމަވެސް ފަންގްލީ ވަނީ މި ވާހަކަތަކަށް ބީރުކަންފަތެއްދީފައެވެ. ފަންގްލީގެ މުޅި ހަޔާތުގައިވެސް އޭނާ ހިތާމަކުރި ކަމެއް ވެއެވެ. އެއީ އޭނާއަށް ތަޢުލީމް ހާޞިލް ނުކުރެވުމުން ކުރި ހިތާމައެވެ. އެހެންކަމުން އެހެން ކުދިން ތަޢުލީމް ހޯދުމުގައި އެހީތެރިވާން އޭނާ ބޭނުންވިއެވެ.

2001 ވަނަ އަހަރު، އުމުރުން 89 އަހަރުގައި އޭނާ މަސައްކަތް ކުރުން ހުއްޓާލުމަށްފަހު އެންމެ ފަހުން މާލީ އެހީތެރިކަން ފޯރުކޮށްދިނީ ޔޮހުއާ ހައި ސްކޫލަށެވެ. ބައިސްކަލުގައި ގޮސް އެ ސްކޫލަށް ފައިސާ ހަވާލު ކުރުމަށްފަހު، އެއީ އެންމެ ފަހުގެ އެހީ ކަމަށް ބުނުމުން ސްކޫލުގެ ދަރިވަރުންނާއި ޓީޗަރުން ތިބީ ފެންކަޅިވެފައެވެ. ފަންގްލީ އެދުނީ ކޮންމެ ކުއްޖަކުވެސް ތަޢުލީމް ޙާޞިލްކޮށްގެން ދިރިއުޅުމުގެ ކޮންމެސް ހިސާބެއްގައި އެހެންމީހުނަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

2005 ވަނަ އަހަރު ފަންގްލީ އަށް ފުއްޕާމޭގެ ކެންސަރުޖެހި ހޮސްޕިޓަލުގައި އެޑްމިޓް ކުރެވި ފަރުވާ ދެވުނެވެ. ހާލަތު ގޯސްވެގެން 20 ދުވަސް ވަންދެން ކޯމާގައި އޮތުމަށްފަހު މަރުވި އިރު އުމުރަކީ 93 އަހަރެވެ. މިލިއަނަރަކަށް ނުވި ނަމަވެސް ކުދިންގެ ތަޢުލީމަށް ފަންގްލީގެ ފަރާތުން  ލިބުނު އެހީތެރިކަމުގެ ސަބަބުން އޭނާއަށް ގިނަ ބަޔަކު އިޙްތިރާމް ކުރެއެވެ. 2004 ވަނަ އަހަރު ޗައިނާގެ ޓީވީ ޗެނަލް ސީ.ސީ.ޓ.ވީ އިން ހޮވާ " 10 ޕީޕަލް ހޫ ޓަޗްޑް ޗައިނާސް ހަރޓް" ގެ އެއް ކެންޑިޑޭޓަކަށް ފަންގްލީ ވަނީ ހޮވިފައެވެ.