ފުރަތަމަ ބޮޑު ހަނގުރާމައިގެ ވާހަކަ އަކީ އަޅުގަނޑުމެން އެންމެންވެސް އަޑުއަހާފައިވާ ވާހަކައެކެވެ. ނަމަވެސް އެހަނގުރާމައިގަ ބޮޑު ދައުރެއް ޗެރް އަމީގެ ވާހަކަ އެނގިލައްވަނީ ކިތައް ބޭފުޅުންނަށްތޯއެވެ. މި ކުޑަކުޑަ ދޫނި ވެގެން ދިޔައީ ފުރަތަމަ ބޮޑު ހަނގުރާމައިގެ އެންމެ ބޮޑު އެއް ބަޠަލަށެވެ.

ޗެރް އަމީ އަކީ ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އެމެރިކާ ސިފައިންގެ ސިގްނަލް ކޯޕްސްގައި ވަޒީފާ އަދާކުރި ގާތްގަނޑަކަށް 600 ކެރިއަރ ކޮތަރުގެ ތެރެއިން އެއްކޮތަރެވެ. އެޒަމާނުގައި ހަނގުރާމައިގެ ދުވަސްވަރު މުވާސަލާތީ ޓެކްނޮލޮޖީގެ ކުރިއެރުންތަކެއް ލިބިފައިނުވާތީ ކޮތަރު ބޭނުންކުރެއެވެ.

ރޭޑިއޯތަކަކީ ބޮޑެތި އަދި ނާޒުކު ވަޔަރތަކުން ގުޅިފައިވާ ރޭޑިއޯތަކަކަށް ވާތީ އޭރު އެއީ އެހާ އިތުބާރު ކުރެވޭ އހިދުމަތެއް ނޫނެވެ. އަދި އެހާ އަވަހަށް އާ ވަޔަރު އެޅުމަކީ ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ގިނަ ފަހަރަށް އިންތިހާއަށް ނުރައްކާތެރި ކަމެއް ކަމަށް ވެސް ވަނީ ހާމަވެފަ އެވެ. މުވާސަލާތީ ގޮތުން އެހާ މަގުބޫލު ގޮތެއް ނޫން ނަމަވެސް، ކޮތަރަކީ މެސެޖު ފޮނުވަން އިތުބާރު ކުރެވޭ އެއްޗެއްކަން އޭރު ސާބިތުވިއެވެ.

އެވްރެޖްކޮށް ހޯމިންގ ޕިޖޯން ގަޑިއަކު ގާތްގަނޑަކަށް ފަންސާސް މޭލު ބާރުމިނުގައި އުދުހޭތީ، އެއީ މުއާމަލާތް ކުރުމުގެ އަވަސް ގޮތެއް ކަމަށް ވެއެވެ. މިކޮތަރުތައް ބާރު ސްޕީޑެއްގައި އުދުހުނު ނަމަވެސް ދުޝްމަނުންގެ ބަޑިޖެހުމުގެ އަމާޒުތަކުން ގިނަ ފަހަރަށް އެސޮރުމެން ސަލާމަތް ނުވާކަން ސާބިތުވެގެން ދިޔައެވެ. ހަގީގަތުގައި ޖަރުމަނުގެ މެޝިންގަން އިން މި ދޫނިތައް ފެނުމާއި އެކު މަރާލުމަށް ގަދައަޅައި ތަމްރީނު ކުރީ މިނިޓަކަށް 500 އަށް ވުރެ ގިނަ ވަޒަން ޖަހާލެވޭ އެމްޖީ 08 އިންނެވެ. ކޮތަރަކީ ވެސް މުއާމަލާތް ކުރުމަށް ވަރަށް ރިސްކު ބޮޑު ގޮތެކެވެ، ސަބަބަކީ ކޮތަރެއް މަރާ ވައްޓާލައިފިނަމަ އެ މެސެޖު ދުޝްމަނުންގެ ބާރުތަކުން ހޯދޭނެތީއެވެ.

އެއީ 1918 ވަނަ އަހަރުގެ މީއުސް-އާގޮން އޮފެންސިވްގެ ދުވަސްވަރު އެންމެ ފަހު ކެރިއަރ ޕިޖަންގެ ހިތްވަރުގަދަ މަސައްކަތުގެ އަގުވަޒަން ކުރެވުނު ދުވަސްވަރެވެ. އޮކްޓޯބަރ 2، 1918 ގައި 77 ވަނަ ޑިވިޜަންގެ އެމެރިކާ ސިފައިން އާގޮން ޖަންގަލީގެ މާ ދުރަށް ދެވި ފަރުބަދައެއްގެ މަތީގައި ޖަރުމަނުގެ ސަފުތަކުގެ ފަހަތުގައި ތާށިވިއެވެ.

ރިއިންފޯސްމަންޓާއި ސަޕްލައިތަށް ނުލިބި މޭޖަރ ޗާލްސް ވިޓްލްސީގެ ދަށުން 306، 307، އަދި 308 ވަނަ ރެޖިމެންޓްގެ ގާތްގަނޑަކަށް 550 މީހުން ޖަރުމަނުގެ އަތްދަށުގައި ތާށިވިއެވެ. ރޭޑިއޯ ރޭންޖުން މާ ދުރުގައި ވުމުން އެމެރިކާ މީހުންނަށް އަމިއްލަ ލައިންތަކާ މުއާމަލާތް ކުރެވޭނެ ހަމައެކަނި ގޮތަކީ ކެރިއަރ ޕިޖަން މެދުވެރިކުރުން ކަމުގައި ވިއެވެ. ނަމަވެސް ޖައްވުގެތެރެވެސް ބިމާއި އެއްވަރަށް ނުރައްކާތެރިކަން ބޮޑެ މެޝިންގަންތަކުގެ ހަމަލާތައް ބަދަލުކުރަމުން ދިޔައެވެ. 

އޮކްޓޯބަރު މަހުގެ ހަތަރު ވަނަ ދުވަހު އެމެރިކާގެ ހެވީ އާޓިލަރީން އެކްސިޑެންޓެއްގައި ލޮސްޓް ބެޓޭލިއަންގެ މަޤާމަށް ބޮން އަޅަން ފެށިއިރު، އެމީހުން ލައިން ހިފަހައްޓައިގެން ތިއްބާ ތިރީސް މީހުން މަރުވިއެވެ. ޖަރުމަނުގެ ހަމަލާތަކުން ފުރިފައިވާ އުޑުމަތިން ދޫންޏަކަށް ފަހު ދޫންޏެއް ވެއްޓިގެން ދިޔަތަން މޭޖަރ ވިޓްލްސީ އާއި އޭނާގެ މީހުން ބަލަން ތިއްބެވެ. 

ސަޕްލައިތައް ހުސްވެ، ގެއްލުންތައް ހަލުވިކަމާއެކު އިތުރުވަމުން ދިޔައިރު، މޭޖަރ ވިޓްލްސީ ކެތްމަދުވެފައި އޭނާގެ އެންމެ ފަހު ކޮތަރު ޗެރް އަމީ އެމެރިކާގެ ސަފުތަކަށް ފޮނުވާލީ ލިޔެފައިވާ ނޯޓަކާއެކުގައެވެ. އެމީހުންގެ މައްޗަށް ހުރިހާ ފަރާތަކުން ހަމަލާ އޮހެމުން ދިޔައިރު، ޗެރް އަމީ އަކީ މިހާރު ލޮސްޓް ބެޓޭލިއަންއަށް އެ ފަރުބަދައިން ދިރިތިބެ ސަލާމަތްވާން ލިބުނު އެންމެ ފަހު ފުރުސަތެވެ.

ހިތްވަރުގަދަ ކޮތަރު ސީދާ ޖަރުމަނުގެ ހަމަލާތަކުގެ ތެރެއަށް އުދުހިގެން ދިޔައީ، އެތައް ވަޒަނަކުން ރެކެމުންނެވެ. ނަމަވެސް ކޮތަރުގެ ނަސީބު މާގިނަ އިރަކު ދެމިގެން ނުދިޔައެވެ. އުދުހެމުން ދިޔަތާ މާގިނައިރުތަކެއް ނުވެ ޗެރް އަމީގެ މެޔަށް ވަޒަނެއް އަރާ އެމެރިކާގެ ސިފައިން ބިރުވެރިކަމާއެކު ބަލަން ތިއްބާ އެމީހުންގެ އެންމެ ފަހުގެ އުންމީދު ބިންމައްޗަށް ވެއްޓުނުތަން ފެނުނެވެ. ހުރިހާ އުނދަގުލަކާ ވޭނަކާއެކު ޗެރް އަމީ އަނެއްކާވެސް ތެދުވިއެވެ! ޒަޚަމްވެފައި އޮތް ނަމަވެސް އަދިވެސް ދިރިހުރި ކުޑަކުޑަ ދޫނި އަނެއްކާވެސް އުދުހިގެން ދިޔައީ ވަޒަނަކަށް ފަހު ވަޒަނަކުން ރެކެމުންނެވެ. ދަތުރު ނިމުނުއިރު ގާތްގަނޑަކަށް ބައިގަޑިއިރުގެ ތެރޭގައި އޭނާ ވަނީ 25 މޭލު އުދުހިފައެވެ. ކޮތަރަށް ބޭސްއަށް އާދެވުނީ ވަރަށް ބޮޑަށް ޒަޚަމްވެފައި ނަމަވެސް ދިރިހުއްޓެވެ. 

ކޮތަރު ބޭސްއަށް އާދެވުނީ ވަރަށް ބޮޑަށް ޒަޚަމްވެފައި ނަމަވެސް ދިރިހުއްޓެވެ. 

ސިފައިންގެ މެޑިކްސް އަށް ޗެރް އަމީގެ ފުރާނަ ސަލާމަތް ކުރެވުނު ނަމަވެސް ކޮތަރުގެ ކަނާތު ފައި ހަށިގަނޑާ ގުޅިފައި އޮތީ ކިރިޔާ ކަމުން ފައިޖެހުނީ ބުރިކޮށްލަން ކަަށާއި ކޮތަރުގެ އެއް ލޮލުގެ ފެނުން ގެއްލުނެވެ. ނަމަވެސް އޮކްޓޯބަރު މަހުގެ އަށް ވަނަ ދުވަހު ޗެރް އަމީގެ ގުރުބާނީގެ ސަބަބުން އެމެރިކާގެ ސަތޭކަ ނުވަދިހަ ހަތަރު ސިފައިންނަށް އަނބުރާ އެމެރިކާގެ ސަފުތަކަށް ވަދެވުނެވެ.

77 ވަނަ ޑިވިޜަން ސަލާމަތްކުރުމުގައި ކޮތަރު އަދާކުރި ޒިންމާއަށް ޗެރް އަމީއަށް ލިބުނީ ފްރާންސްގެ އެންމެ މަތީ އަސްކަރީ ޝަރަފުތަކުގެ ތެރެއިން އެއް ޝަރަފު ކަމަށްވާ ކްރޮއިސް ޑި ގުއެރޭ އެވެ. އެމެރިކަން އެކްސްޕެޑިޝަނަރީ ފޯސްގެ ކޮމާންޑަރު ޖެނެރަލް ޖޯން ޕަރޝިންގް ވިދާޅުވީ "މި ދޫންޏަށް އެމެރިކާގެ ފަރާތުން ކޮންމެ ކަމައްްވެސް ކޮށްދޭން ތައްޔާރަށް ތިބި" ކަމަށެވެ.

ޗެރް އަމީ އެނބުރި އެމެރިކާއަށް ދިޔައީ އެގައުމުގެ ޓްރެއިނަރު ކެޕްޓަން ޖޯން ކާނީގެ ބެލުމުގެ ދަށުންނެވެ. ޖޫން 13، 1919 ގައި ޗެރް އަމީ މަރުވީ ނިއު ޖާޒީގެ ފޯޓް މޮންމައުތުގައެވެ. ނަމަވެސް ޗެރް އަމީގެ ހަށިގަނޑު ރައްކާތެރިކޮށް، އެމެރިކާ ސަރުކާރަށް ޝަރަފުވެރިކަމާއެކު ހަދިޔާކުރިއެވެ. އެހިތްވަރުގަދަ ކޮތަރުގެ ހިތްވަރާއި އަމިއްލަ ނަފްސު ޤުރުބާންވުމުގެ ސަބަބުން ކިތައް އާއިލާ ކޮތަރަށް ޝުކުރުވެރިވެ ދަރަނިވެރިވާ ކަމަށް ބުނަން ދައްޗެވެ.މިއަދު ޗެރް އަމީގެ ހަނދާން ރައްކާތެރިކުރުމުގެ ގޮތުން ސްމިތުސޮނިއަން މިއުޒިއަމް އޮފް އެމެރިކަން ހީސްޓްރީގައި ކޮތަރުގެ ހަށިގަނޑު ދައްކާލާފައިވެ އެވެ. އޭރުން ސުރެ އެމެރިކާގެ ރައްޔިތުންގެ ހިތާއި ސިކުނޑީގައި ދިގު ޒަމާންތަކެއް ވަންދެން ދެމިގެންގޮސްފައި ވާއިރު، ކޮތަރުގެ ހިތްވަރު ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ.