ފަހަރުވާލެވުން ނުވަތަ ކުޑަކަމުދިއުމަކީ އޭގައި އެތަކެއް ސިއްރުތަކެއް އެކުލެވިގެންވާ ކަމެއް! ކުޑަކަމުދެވުމާއި ކުޑަކަމުދިއުމާއި އިންސާނާގެ ހިއްސީ ނާރުތަކާއި ސިކުނޑިއާއި ވަނީ ގުޅިފަ!

އިންސާނާގެ ކުޑަކަމުދާތަކެތި ޖަމާކުރާ ކޮތަޅު، މަސާނާގައި ގާތްގަނޑަކަށް 600 އެމް.އެލް އާއި 800 އެމް.އެލް ގެ ކުޑަކަމުދާތަކެތި ޖަމާކުރުމުގެ ގާބިލްކަން ލިބިފައިވޭ. ކުޑަކަމުދަވަނީ މަސާނާއަށް ކުޑަކަމުދާތަކެތި ޖަމާވާ މިންވަރަކުން.

މަސާނާއަށް ކުޑަކަމުދާ ތަކެތި އެޅެނީ ދެ ކިޑްނީ ނުވަތަ ދެ ގުރުދާއިން. އެގޮތުން ގާތްގަނޑަކަށް 250 އެމް.އެލް ގެ ކުޑަކަމުދާތަކެތި މަސާނާއަށް އެޅުމުން، މަސާނާގެ މަސްތަކަށް ވާންކަމެއް އިހުސާސްކުރަން ޖެހޭ. މި ވާންކަމުގެ އިހުސާސާއި އެކު، އެސަރަހައްދުގައި ހުންނަ ހިއްސީ ނާރުތަކުން ސިކުނޑިއަށް މެސެޖު ފޮނުވާނެ. އެ މެސެޖުތަޖުގެ ރައްދު ޖަވާބަކަށް ވަނީ ކުޑަކަމުދެވުމުގެ އިހުސާސް ކުރެވުން. 

އެއާއި އެކު، ކުޑަކަމުދާން ބޭނުންވާ މީހާ، ކުޑަކަމު ދިއުމަށް ތައްޔާރު ވުމަށްފަހު، ކުޑަކަމު ދިއުމަށް އެދޭހިނދު، މަސާނާއާއި ކުޑަކަމުދާ ހޮޅިއާއި ގުޅޭ ހިސާބުގައި އިންނަ ދޮރެއް ޒާތު، ހުޅުވޭ ލެއްޕޭ މަސްކޮޅަކަށް އޭގެ ސިގުނަލް ސިކުނޑިން ފޮނުވައިދޭ. އެއާއި އެކު އެ ފަސްކޮޅު ހުޅުވި، މަސާނާއިން ކުޑަކަމުދާ ހޮޅީގެ ތެރެއަށް ކުޑަކަމުދާތަކެތި އެޅި، ކުޑަކަމުދެވޭ.

މަސާނާއާއި ކުޑަކަމުދާ ހޮޅި ގުޅޭ ތަނުގައި މި އިންނަ ދޮރެއް ޒާތު މަސްކޮޅަކީ އެ މަސްކޮޅުގެ މައްޗަށް އިންސާނާގެ އިހްތިޔާރު ލިބިގެންވާ މަސްކޮޅެއް. އެހެންކަމުން ކުޑަކަމުދިއުމަކީ އިންސާނާގެ އިހްތިޔާރުގައިވާ ކަމެއް. މިކަން އިންސާނާގެ އިހްތިޔާރުން ބޭރުވެއްޖެނަމަ އެއީ ސިއްހީ އެހީތެރިކަން ހޯދަން ޖެހޭނެ ކަމެއް.