ފަލަސްޠީނުގެ ދިދަ އަކީ މިއަދު މުޅި ދުނިޔޭގައި އެއްމެ ގަދައަށް ވިހުރުވާ އެއް ދިދަ. މި ކުޑަ ކުޑަ ރާއްޖޭގައިވެސް ފަލަސްޠީނުގެ ދިދަތައް ވަނީ ޖައްވުގައި ވިހުރާލާފަ. އަދި މި ރާއްޖޭގެ ބައެއް ރަށްރަށުގައި ބޮޑުކޮށް، މާ މައްޗަށް އުސްކޮށް ފަލަސްޠީނުގެ ބޮޑެތި ދިދަތައް ނަގާފައި އެބަހުރި.

ޒައިނިސްޓް ޔަހޫދީން ފަލަސްޠީނުގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ގަތުލު އާއްމާ ދެކޮޅަށް އަޑު އުފުލުމަށް ފަލަސްޠީނުގެ ދިދަ ބޭނުން ކުރާއިރު، އެ ދިދައިން ބުނެދެނީ ކޮން ވާހަކަ އެއްކަން އެނގޭތަ؟

ފަަލަސްޠީނު ދިދައިގާ ވަނީ ހަތަރު ކުލަ. އެއީ ރަތް، ހުދު، ކަޅު އަދި ފެހި ކުލަ. މިއިން ކޮންމެ ކުލައަކުންވެސް ރަމްޒުކޮށްދޭ މާނައެއް ވޭ. 

ރަތްކުލައިން ބުނެދެނީ ފަލަސްޠީނުގެ މިނިވަންކަމާ އިސްލާމީ އުންމަތާ މަތިވެރި އަޤްޞާ މިސްކިތުގެ ދިފާއުގައި ހަނގުރާމަކޮށް ޝަހީދުވި މުޖާހިދުންގެ ލެޔާއި އަދި ދެންވެސް މިގޮތުގައި ސާބިތުވެ ތިބޭނޭ މުޖާހިތުންގެ ހަތިޔާރުތަކާ ހަމަލާތައް.

ކަޅުކުލައިން ބުނެދެނީ ފަލަސްޠީނުގެ ހަޔާތުގައި އެ ގައުމާ ކުރިމަތިވި ހަނގުރާމަތަކާއި ހިތްދަދި ވޭނީ ދުވަސްތައް.

ހުދުކުލައިން ބުނެދެނީ ފަލަސްޠީނު ރައްޔިތުންގެ ސާބިތު އީމާންތެރިކަމާ އެބައިމީހުންގެ ހެޔޮ އަމަލުތައް.

ފެހިކުލައިން ބުނެދެނީ ފަަލަސްޠީނު ބިމުގައި ހެދޭ ޒައިތޫނި ގަސްތަކާ އެ ގަސްތަކުގެ ދިރުން.

ކޮންމެ ގައުމެއްގެ ވެސް ދިދަ އަކީ ޖައްވުގައި ވިހުރޭ ފޮތިގަނޑެއް ނޫން. ކޮންމެ ދިދައަކުންވެސް ފުން މާނަތަކެއް ބުނެދޭ. އެތައް ވާހަކަތަކެއް ކިޔައިދޭ. މިއީ ފަލަސްޠީނު ދިދައިން ބުނެދޭ ވާހަކަތައް.