ބޮލީވުޑް ސިނަމާތަކުގައި މިއަހަރު ދެން އަޅުވަން ހަމަޖެހިފައިވާ އެންމެ 'ހިޓް' އެއް ފިލްމު ކަމަށްވާ "ޓައިގަރ 3"ގެ އެންމެ ފަހުގެ ޝޫޓިންގތައް އެޕްރީލް މަހުގެ ތެރޭގައި ނިންމާލަން ހަމަޖެހިއްޖެއެވެ. "ޓައިގަރ 3"ގެ ނުނިމި ބާކީ އޮތީ މަދު ޝޮޓްތަކެކެވެ. އެއީ ސަލްމާނާއި ޝާހްރުކް އެކުގައި ފެންނަ މަންޒަރުތަކެވެ.
އެންމެނަށް ވެސް އެނގޭނޭ ފަދައިން މިހާރު ވައި.އާރް.އެފްގެ ސްޕައި ޔުނިވަރސްގައި، ޓައިގަރ (ސަލްމާން)އާއި ޕަޓާން (ޝާހްރުކް) މިވަނީ ގުޅިފައެވެ. އެހެނީ ދެން މީގެ ފަހުން މީގެން ކޮންމެ އެކްޓަރެއްގެ ފިލްމެއްގައި، އަނެއް އެކްޓަރު ފެނިގެން ހިނގައިދާނެ ކަމީ ޝައްކެއް ވެސް އޮތް ކަމެއް ނޫނެވެ. މިދިޔަ އަހަރު ވެސް މި ސީކުއެންސްގެ ޝޫޓިންގތައް ނިންމާލަން މަސައްކަތް ފެށިއެވެ. އެހެން ނަމަވެސް ބައެއް ސަބަބުތަކާހުރެ މި ދެ ތަރިން އެކީގައި ފެންނަ މި ސީކުއެންސް ލަސްކޮށްލީއެވެ.
މީގެ ކުރިން ވެސް ސަލްމާނާއި ޝާހްރުކް އެކުގައި ވަނީ 4 ފިލްމަކުން ފެނިފައެވެ. މި ތަރިންގެ ފޭނުން މިހާރު އެންމެ ބޮޑަށް އެދެނީ މި ސްޕައި ޔުނިވަރސްއަށް ރިތިކް ރޯޝަން އޭނާގެ "ވޯރ"ގެ ކަބީރް ކެރެކްޓަރގައި ގުޅުމަށެވެ.
ޝާހްރުކް މިހާރު މަސައްކަތްކުރަމުން ދަނީ އޭނާގެ ކުރިއަށް އޮތް 2 ފިލްމުގެ ޝޫޓިންގތަކުގައެވެ. އެއީ "ޑަންކީ"އާއި ޖަވާން"އެވެ. އަދި ސަލްމާން ދާދި ފަހުން ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ކިސީ ކީ ބާއީ ކިސީ ކީ ޖާން"ގެ ޝޫޓިންގ ނިންމާލައިފައެވެ. އަދި މިހާރު ފިލްމުގެ ޕޯސްޓްޕްރޮޑަކްޝަންގެ މަސައްކަތް ދަނީ ކުރިއަށެވެ.
"ޓައިގަރ 3" ރިލީޒްކުރަން ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން