ސަލްމާން ޚާނާއި ކެޓްރީނާ ކައިފް ލީޑު ރޯލުން ފެނިގެންދާ "ޓައިގާ 3" ސިނަމާތަކުގައި އަޅުވަން ފެށުމާއެކު، އެ ފިލްމަށް ބޮޑު ތަރުހީބެއް ލިބެން ފަށައިފިއެވެ. މި ފިލްމު ސިނަމާތަކުގައި އަޅުވަން ފެށީ (12 ނޮވެމްބަރު) އިއްޔެއެވެ.

ފުރަތަމަ ދުވަހު ހަމައެކަނި އިންޑިއާގެ ސިނަމާތަކުން "ޓައިގާ 3"އަށް 44.50 ކްރޯޑު ރުޕީސް (5 މިލިއަން ޑޮލަރު) ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މުޅި ދުނިޔެއަށް ބަލާއިރު، 94 ކްރޯޑު ރުޕީސް (11 މިލިއަން ޑޮލަރު) ލިބުނު ކަމަށް ބުނެއެވެ. އެއާއެކު މި ފިލްމު ދަނީ ބޮކްސް އޮފީހުގައި ގިނަ ރިކޯޑުތަކެއް މުގުރަމުންނެވެ.

މަނީޝް ޝަރްމާ ޑައިރެކްޓު ކޮށްފައިވާ މި ފިލްމު ވަނީ "ގަދަރު 2"ގެ ރެކޯޑު ވެސް މުގުރާލައިފައެވެ. އެގޮތުން މި އަހަރު މިހާތަނަށް ނުކުތް ބޮލީވުޑު ފިލްމުތަކުގެ ތެރެއިން އެންމެ ފެށުން ރަނގަޅު 3 ވަނަ ފިލްމަކަށް "ގަދަރު 2" އޮއްވައި، "ޓައިގާ 3"ން މިވަނީ އެ މަގާމު އަތުލައިފައެވެ. އޭގެ އިތުރުން، މިއީ ސަލްމާން ޚާންގެ މުޅި ކެރިއަރުގައި ވެސް އެންމެ ފެށުން ރަނގަޅަށް ދިޔަ ފިލްމަށް ވަނީ ވެފައެވެ. 

ޔަޝް ރާޖް ފިލްމްސް (ވައިއާރްއެފް) ގެ ޕްރޮޑަކްޝަން ހައުސްގެ ދަށުން ހެދި މި ފިލްމަކީ ތުރިލާ ޖޯންރާގެ ފިލްމެކެވެ. އަދި މިއީ "ޓައިގާ" ފިލްމު ފްރެންޗައިޒް ގެ ތިންވަނަ ފިލްމެވެ. މީގެ ކުރިން ނުކުތީ "އޭކް ތާ ޓައިގާ" އަދި "ޓައިގާ ޒިންދާ ހޭ"އެވެ. އެ ދެ ފިލްމުގައި ވެސް ލީޑު ރޯލުތައް ކުޅުނީ ސަލްމާން ޚާނާއި ކެޓްރީނާ ކައިފް އެވެ. މިފަހަރުގެ ފިލްމުގެ މައިގަނޑު ރޯލަކުން ފެންނަ އަނެއް ތަރިއަކީ އިމްރާން ހާޝްމީ އެވެ.