ބޮލީވުޑުން ފެންނަ ބައެއް ތަރިންނަކީ، ކިތަންމެ އުމުރުން ދުވަސްވިޔަސް އެ ދާއިރާއިން ދުރަށް ދާން ބޭނުންނުވާ ތަރިންނެވެ. ޙާއްސަކޮށް ކާމިޔާބު ކެރިއަރެއް ބިނާ ކުރެވިއްޖެނަމަ، އެ ކެރިއަރުގައި މުޅި އުމުރު ދުއްވާލައެވެ. އެހެންނަމަވެސް، ކާމިޔާބު ދެތިން ފިލްމަކުން ފެނުމަށްފަހު ކުއްލިއަކަށް އެ ދާއިރާއިން ގެއްލުނު ތަރިން ވެސް ވަކި މަދެއް ނޫނެވެ. މިފަހަރު މި ގެނެސްދެނީ، އެގޮތަށް ބޮލީވުޑުން ގެއްލުނު ބައެއް ތަރިންގެ ވާހަކައެވެ.

އިމްރާން ޚާން

މަޝްހޫރު އެކްޓަރު އާމިރު ޚާނާ ތިމާގެ ގުޅުމެއް އޮންނަ އިމްރާން ޚާންގެ ފުރަތަމަ ޑެބިއު ފިލްމު "ޖާނޭ ތޫ ޔާ ޖާނޭ ނާ" އިން ބެލުންތެރިންގެ ޝައުގުވެރިކަން ހޯދިއިރު، އޭރު ގިނަ ބަޔަކު ޤަބޫލުކޮށްގެން ތިބީ އާމިރު ޚާނާ އެއްވަރުގެ ކާމިޔާބީއެއް އިމްރާން ވެސް ހޯދާނެ ކަމަށެވެ. އެހެންނަމަވެސް، ފަހުން ކުޅުނު ފިލްމުތަކަށް ބޮކްސް އޮފީހުގައި މާ ބޮޑު ތަރުހީބެއް ނުލިބި، އެންމެފަހުން އިމްރާން ވަނީ އެކްޓިންގ އަކީ އޭނާގެ ދާއިރާ ނޫން ކަމަށް ނިންމައި، އެކަމުން ދުރަށް ގޮސްފައެވެ. އޭރު އިމްރާން ބުނީ، އެކްޓިންގ އަށްވުރެ ބޮޑަށް އޭނާގެ ޝައުގުވެރިކަން ހުރީ ފިލްމު ޑައިރެކްޓުކުރުމަށް ކަމަށެވެ. މިހާރު އުމުރުން 40 އަހަރު ވެފައިވާ އިމްރާން އެންމެފަހުން ފިލްމަކުން ފެނިގެންގޮސްފައި ވަނީ 2015 ނުކުތް "ކައްޓީ ބައްޓީ"އިންނެވެ. އަދި 2018 ވަނަ އަހަރު އިމްރާން ވަނީ ކުރު ޑޮކިއުމެންޓްރީ ފިލްމެއް ޑައިރެކްޓުކޮށްފައެވެ. 

 

ޒައިރާ ވަސީމް

ކުޑަކުއްޖެއްގެ ރޯލުތަކުން ފެނުނު ޒައިރާ ވަސީމަކީ ވެސް ވަރަށް އުންމީދީ ބަތަލާއެއްގެ ގޮތުގައި ގިނަ ބެލުންތެރިން ގަބޫލުކުރި ތަރިއެކެވެ. އެގޮތުން 2016 ވަނަ އަހަރު ނުކުތް އާމިރު ޚާންގެ ފިލްމު "ޑަންގަލް"އިން ބޮލީވުޑަށް ތަޢާރަފުވި މި އެކްޓްރެސް ވަނީ، މަދު ދުވަސްކޮޅެއްގެ ތެރޭގައި ބެލުންތެރިންގެ ހިތްތަކުން ޖާގަ ހޯދައިފައެވެ. އޭނާގެ އެކްޓިންގެ ހުނަރަށް ގިނަ ބަޔަކު ތަޢުރީފުކުރަމުން ދިޔައިރު، އޭނާއަށް ދިޔައީ މޮޅެތި އެވޯޑުތަކެއް ވެސް ލިބެމުންނެވެ. އެހެންނަމަވެސް، ކެރިއަރުގައި އުސްމިންތަކަކަށް ދެވެން އޮއްވައި ޒައިރާ ކުއްލިއަކަށް ނިންމީ ފިލްމީ ދާއިރާއަށް އަލްވަދާއު ކިޔާށެވެ. 2019 ވަނަ އަހަރުގެ މެދުތެރޭގައި ޒައިރާ އެކަން އިޢުލާނުކުރަމުން ބުނީ، އޭނާ ބޭނުންވަނީ އޭނާގެ ދީނަށް އިސްކަން ދޭން ކަމަށެވެ. އަދި ފިލްމު ކުޅުމާއި މުނިފޫހިފިލުވުމުގެ ދާއިރާއަކީ އިސްލާމް ދީނާ ފުށޫއަރާ ކަންތައްތަކަކަށް ވާތީ، އެކަން ހުއްޓައިލަން ނިންމީ ކަމަށް ބުންޏެވެ. ޒައިރާ ބުނީ އޭނާ ބޭނުންވަނީ އޭނާގެ ދިރިއުޅުން، އިސްލާމީ މަގުން އާ ފެށުމަކުން ފަށަން ކަމަށެވެ. އަދި އޭގެ ޖެހިގެން އައި އަހަރު ޒައިރާ ވަނީ އޭނާގެ ފޮޓޯތައް މީސްމީޑިއާއިން ނެގުމަށް ފޭނުންގެ ކިބައިން އެދިފައެވެ. 23 އަހަރުގެ ޒައިރާ ވަސީމް އެންމެފަހުން ފެނިގެންގޮސްފައިވަނީ 2019 ވަނަ އަހަރު، "ދަ ސްކައި އިޒް ޕިންކް"ކިޔާ ފިލްމަކުންނެވެ. 

 

އާސިން

އަނެއްކާވެސް އާމިރު ޚާންގެ ފިލްމަކުން ބޮލީވުޑުގައި މަޝްހޫރުވި ތަރިއެއްގެ ވާހަކައެވެ. އޭގެ ކުރިން ވެސް ޓަމިލް އަދި ތެލުގޫ ފިލްމުތައް ކުޅެފައި ހުރި އާސިން، ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ އާމިރު ޚާނާއެކު 2008 ގައި ކުޅުނު "ގަޖިނީ'" އިންނެވެ. އޭގެފަހުން އަސީން ވެގެންދިޔައީ ބޮލީވުޑުގެ އުންމީދީ ބަތަލާއަކަށެވެ. އެހެންނަމަވެސް، ފިލްމީ ކެރިއަރު މާ ގިނަ އަހަރުތަކަކަށް ދެމިގެން ނުދަނީސް، 2016 ވަނަ އަހަރު އާސިން ވަނީ އެ ދާއިރާއާ ދުރަށް ގޮސްފައެވެ. އޭނާ އެ ނިންމުން ނިންމީ، ބޮޑު ވިޔަފާރިވެރިއަކާ ކައިވެނިކޮށް، އޭނާގެ އަމިއްލަ ދިރިއުޅުމަށް އިސްކަންދިނުމުގެ ގޮތުންނެވެ. އަދި މިހާރު އާސިން އަކީ 6 އަހަރުގެ އަންހެން ކުއްޖެއްގެ މަންމައެވެ. ސަލްމާން ޚާނާއެކު ކުޅުނު "ރެޑީ"، އަދި އަކްޝޭ ކުމާރާއެކު ކުޅުނު "ހައުސްފުލް 2"އަކީ އާސިންގެ ފާހަގަކޮށްލެވޭ ފިލްމުތަކެކެވެ. 

 

ސަނާ ޚާން

ޒައިރާ ވަސީމެކޭ އެއްގޮތަށް ސަނާ ޚާނަކީ ވެސް، އިސްލާމް ދީނަށް އިސްކަންދިނުމުގެ ގޮތުން މަޝްހޫރުކަން ދޫކޮށްލި ތަރިއެކެވެ. މަޤުބޫލު ރިއަލިޓީ ޝޯ "ބިގް ބޮސް 6"ގައި ބައިވެރިވެގެން ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯދި ސަނާ ވަނީ ފަހުން ބޮލީވުޑްގެ ބައެއް ފިލްމުތަކުން ވެސް ޖާގަ ހޯދައިފައެވެ. ނަމަވެސް ގިނަ ބަޔަކު އޭނާގެ ރީތިކަމަށް ތަޢުރީފުކޮށް، އެ ދާއިރާގައި އުސްމިންތަކަކަށް ދާނެ ކަމަށް އުންމީދުކޮށްގެން ތިއްބައި ސަނާ ވަނީ މުނިފޫހިފިލުވުމުގެ ދާއިރާއާ ދުރަށް ދާން ނިންމިކަން 2020 ގައި އިއުލާނުކޮށްފައެވެ. އޭގެފަހުން އޭނާ ވަނީ މުފްތީ އަކާ ކައިވެނިކޮށްފައެވެ.  އަދި ސަނާ ޚާން މިހާރު ކުރާ މަސައްކަތަކީ، ވިޔަފާރީގެ މަސައްކަތެވެ. ސަނާގެ ކެރިއަރުގަ ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ""ޖޭ ހޯ" އަދި "ވަޖާ ތުމް ހޯ" ހިމެނެއެވެ. ސަނާ މިހާރު ހުންނަނީ ބުރުގާ އަޅައިފައެވެ. 

 

ރިމީ ސެން

2000 ގެ ކުރީކޮޅު، ކާމިޔާބު ފިލްމުތަކަކުން ފެނިގެންދިޔަ ރިމީ ސެން އަކީ  ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑެތި ސްޓާރުންނާއެކީ މަސައްކަތްކުރުމުގެ ޝަރަފު ލިބުނު ބަތަލާއެކެވެ. އޭގެތެރޭގައި އަމީތާބު ބައްޗަން، ސަލްމާން ޚާން އަދި އަކްޝޭ ކުމާރު ފާހަގަކޮށްލެވެއެވެ. އެހެންނަމަވެސް، 2011 އަށްފަހު ރިމީ ވަނީ ފިލްމު ކުޅުން ހުއްޓާލައިފައެވެ. ރިމީ އޭރު ދިން އިންޓަވިއުއެއްގައި ބުނީ، އޭނާއަށް އިހުސާސް ވަނީ އޭނާއަކީ ފިލްމުތަކުގައި ރީއްޗަކަށް ބަހައްޓާފައި ހުންނަ "މާ ގަހެއް" ގޮތަށް ކަމަށެވެ. އެހެން ގޮތަކަށް ބުނާ ނަމަ، އޭނާގެ ހުނަރު އެންމެ ފުރިހަމައަށް ދައްކާލެވޭ ވަރުގެ ރޯލެއް ނުލިބޭތީ، އެ ދާއިރާއާ ދުރަށް ދާން ރިމީ ނިންމީއެވެ. އޭގެފަހުން 2015 ވަނަ އަހަރު "ބިގް ބޮސް" ގައި ރިމީ ބައިވެރިވިއެވެ. ނަމަވެސް، ގިނަ ބަޔަކު ހީކޮށްގެން ތިބި ގޮތާ ހިލާފަށް، "ބިގް ބޮސް"އަށް ފަހު ވެސް ރިމީ އެއްވެސް ފިލްމަކުން ފެނިފައެއް ނުވެއެވެ.