2000 ގެ ކުރީކޮޅުގައި އެންމެ ވިދުންގަދަ އެއް ބޮލީވުޑް ބަތަލާ ކަމަށްވާ ކަރީނާ ކަޕޫރު ޚާން، ބޮޑެތި ޕާޓީތަކަށާއި ހަފްލާތަކަށް ނުދާ ސަބަބު ހާމަކޮށްފިއެވެ. ކަރީނާ އެކަމާ ބެހޭގޮތުން ވާހަކަ ދައްކާފައި ވަނީ 'ދަ ޑާޓީ މެގަޒިން' އަށް މި ފަހުން ދިން އިންޓަވިއުއެއްގައެވެ.

ނުފޫޒުގަދަ ކަޕޫރު އާއިލާއަށް ނިސްބަތްވާ ކަރީނާ އަކީ، ބޮލީވުޑް މީހުން ބާއްވާ ޕާޓީތަކުންނާއި ހަފްލާތަކުން ވަރަށް މަދުން ނޫނީ ނުފެންނަ ތަރިއެކެވެ. އެވޯޑު ހަފްލާތަކުން ވެސް އެންމެ މަދުން ފެންނަ މޫނަކީ ކަރީނާއެވެ. އަދި މިއީ އޭނާގެ ފޭނުން ވަރަށް ގިނައިން ސުވާލު އުފައްދާ ކަމެކެވެ. އެހެންކަމުން، ކަރީނާ މި ވަނީ މިފަހަރު އެ ސަބަބު ފޭނުންނާ ހިއްސާކޮށްފައެވެ.

43 އަހަރުގެ ބަތަލާ ކިޔައިދިން ގޮތުގައި، ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ދިޔުމަކީ އޭނާ މާ ކުރާ ހިތްވާ ކަމެއް ނޫނެވެ. "ކޮންމެހެން ލައިމްލައިޓްގަ ހުންނަންށޭ ކިޔާފަ ބޮޑެތި ޕާޓީތަކަށް ދިޔުމަކީ އަހަރެން ވަރަށް ފޫހިވާ ކަމެއް". ކަރީނާ ބުންޏެވެ. މީގެ އިތުރުން އޭނާ ބުނީ، އާ ރައްޓެހިން ހޯދުމާއި، ނުފޫޒުގަދަ މީހުންނާ ގުޅުން ބަދަހި ކުރުމަކީ އޭނާއަށް މުހިންމު ކަމެއް ވެސް ނޫން ކަމަށެވެ. ގިނަ މީހުން ޕާޓީތަކަށާއި ހަފްލާތަކަށް ދަނީ އެ ބޭނުމުގައި ކަމަށް ކަރީނާ ބުންޏެވެ.

"އަހަރެންގެ އާއިލާ މީހުންނާއި، ދެދަރިންނާއި، ފިރިމީހާ އަދި އަހަރެންގެ ހައެއްކަ ރައްޓެހިން އަހަންނަށް ފުދޭ"، ކަރީނާ ބުންޏެވެ. އޭނާގެ ދިރިއުޅުމަށް އަންނަ މީހަކު އުމުރު ދުވަހަށް އެކުގައި ހުންނަކަމަށް ބުނަމުން އޭނާ ނެގީ އޭނާގެ ސްޕޮޓް ބޯއީގެ ވާހަކައެވެ. ކަރީނާ ބުނީ، އޭނާގެ ފުރަތަމަ ފިލްމު ޝޮޓުން ފެށިގެން މިއަދާ ހަމައަށް ވެސް ސްޕޮޓު ބޯއީއާ އެކުވެރިކަން އޮންނަ ކަމަށެވެ. އެހެންކަމުން، އާ ރައްޓެހިން ހޯދުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމުގައި ނުދެކޭ ކަމަށް ބުންޏެވެ.

ބޮލީވުޑްގެ ބޮޑެތި ތަރިން ހާޒިރުވާ ހަފްލާތަކަށް ނުދިޔަސް، ކަރީނާގެ ނަމަށް ވަކި ފަނޑުކަމެއް އައިސްފައި ނުވާ ކަން އޭނާ ފާހަގަކުރިއެވެ. އަދި އެފަދަ ހަފްލާތަކުން އޭނާ ނުފެނުނަސް އޭނާގެ ވާހަކަ އަދިވެސް މީހުން ދައްކާނީ، ކޮންމެވެސް ކަމެއް ރަނގަޅަށް ކުރެވިފައި އޮތުމުން ކަމަށް ބުންޏެވެ. 

ކަރީނާ އެންމެފަހުން ފެނިގެން ގޮސްފައިވަނީ ނެޓްފްލިކްސް އިން ސްޓްރީމްކުރި "ޖާނެ ޖާން"އިންނެވެ.