އިންޑިއާގެ މަޝްހޫރު އެކްޓްރެސް އާލިއާ ބަޓް، އޭނާގެ އެއް އަހަރުގެ ދަރިފުޅާއެކީ އެންމެ ކުރާ ހިތްވާ ކަމަކީ ކޮބައިކަން ހާމަކޮށްފިއެވެ. އާލިއާ އެވާހަކަ ހިއްސާކޮށްފައިވަނީ "ކޮފީ ވިތު ކަރަން" ގައެވެ.
ބޮލީވުޑްގެ މަޝްހޫރު އެކި ތަރިން ބައިވެރިވާ ޓޯކް ޝޯ "ކޮފީ ވިތު ކަރަން"ގެ ކުރިއަށް އޮތް އެޕިސޯޑުން ފެނިގެންދާނީ އާލިއަ ބަޓް އާއި ކަރީނާ ކަޕޫރު ޚާނެވެ. އެ އެޕިސޯޑުގެ ބައެއް ތަންތަންކޮޅު މިހާރު ނުކުމެފައި ވާއިރު، އޭގައި އާލިއާ ބަޓް އޭނާގެ ދަރިފުޅާ ބެހޭގޮތުން ވާހަކަ ދައްކާ ތަން ފެނިގެންދެއެވެ.
މިދިޔަ ހަފްތާގައި އެއް އަހަރު ފުރުނު ރަހާ ކަޕޫރާ ބެހޭގޮތުން ވާހަކަ ދައްކަމުން އާލިއާ ބުނީ، އޭނާ ހުންނަނީ ދަރިފުޅާހެދި "މޮޔަވެފައި" ކަމަށެވެ. އަދި އެ ދަރިފުޅު އޭނާއަށް ގެނެސްދޭ އުފާވެރިކަން ބަޔާންކޮށްދޭން އުނދަގޫ ކަމަށް ބުންޏެވެ. ދަރިފުޅާ އެކީ ކުރަން އެންމެ މަޖާ ކަމަކީ ކޮބައިތޯ ޝޯގެ ހޯސްޓު ކަރަން ޖޯހަރު ސުވާލުކުރުމުން އާލިއާ ބުނީ، އެއީ "ޕޮއިޓިންގް ގޭމު" ކުޅުން ކަމަށެވެ.
އެގޮތުން ދަރިފުޅަށް މީހުން ވަކިކުރަން އެނގޭތޯ ބަލަންވެގެން "މަންމަ ކޮބާހޭ"އެހުމުން އާލިއާއާ ދިމާއަށް އިނގިލި ދިއްކުރާ ކަމަށް ބުންނެވެ. ހަމަ އެގޮތަށް "ބައްޕަ ކޮބާހޭ" އެހުމުން ރަންބީރާ ދިމާއަށް އިނގިލި ދިއްކުރާ ކަމަށާއި، އަދި "ރަހާ ކޮބާހޭ" އެހުމުން އަމިއްލަ މީހާއާ ދިމާއަށް އިޝާރާތްކޮށް ދައްކާ ކަމަށް ބުންޏެވެ. އާލިއާ ބުނީ މިއީ އޭނާއަށް ވަރަށް މަޖާ ، އަދި ލޯބި ކަމެއް ކަމަށެވެ.
ދަރިފުޅާ ބެހޭގޮތުން އިތުރަށް ވާހަކަދައްކަމުން 30 އަހަރުގެ ބަތަލާ ބުނީ، އޭނާ ހުންނަނީ މީހަކު ދަރިފުޅުގެ ވާހަކަ ނާހައިގެން ކަމަށެވެ. ހަމަ އަހާ އިރަށް ވަގުތުން ފޯނު ނަގާފައި ރަހާގެ ވީޑިއޯ އާއި ފޮޓޯ ފޮނުވާ ކަމަށް ކިޔައިދިނެވެ.
"ގަންގޫބާއި ކަތިއާވަދީ"ގެ އެކްޓްރެސް އާލިއާ ބަޓް، މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރާ ކައިވެނިކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ. އަދި އެދެމަފިރިންނަށް އަލަތު ދަރިފުޅު ރަހާ ކަޕޫރު ލިބުނީ މިދިޔަ އަހަރުގެ ނޮވެމްބަރުގައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން