ބޮލީވުޑްގެ ޒުވާން ބަތަލާ ކްރިތީ ސެނޮން، ފުރަތަމަ ފަހަރަށް ނެޕޮޓިޒަމް އާ ބެހޭގޮތުން ވާހަކަ ދައްކައިފިއެވެ. މިއީ އެ ދާއިރާގެ ގިނަ ފަންނާނުން ވާހަކަ ދައްކަން ދެކޮޅުހަދާ މައުޟޫ އަކަށް ވާއިރު، ކްރިތީ އެވާހަކަ ދައްކާފައިވަނީ ވޯގް މެގަޒިން އަށް ދިން އިންޓަވިއުއެއްގައެވެ.

ބޮލީވުޑްގައި ކުރި އަރައިގެން ދަނީ އާއިލީ ގޮތުން އެ ދާއިރާގައި ނުފޫޒު އޮންނަ ތަރިން އެކަނި ކަމަށްބުނެ ބެލުންތެރިން ދައްކާ "ނެޕޮޓިޒަމް" ގެ ވާހަކައަށް އަލިއަޅުވައިލަމުން ކްރިތީ ބުނީ، އެފަދަ ތަރިންނެކޭ އެއްފަދައިން ބޭރުން އަންނަ ތަރިންނަށް ވެސް ހަމަހަމައަށް ކަންތައް ކުރަން ޖެހޭނެ ކަމަށެވެ. ބޭރުން އަންނަ ތަރިންނޭ އެ ބުނަނީ އެއްވެސް އާއިލީ ނުފޫޒަކާ ނުލައި އަމިއްލަ މަސައްކަތުން އެ ދާއިރާއަށް ނުކުންނަ ތަރިންނެވެ.

"މިސާލަކަށް ޕްރޮޑިއުސަރަކު މަޝްހޫރު މީހެއްގެ ދަރިއެއް ލޯންޗުކޮށްދެންޏާ، ހަމަ އެގޮތަށް ހުނަރު ހުރި އާދައިގެ މީހަކަށް ވެސް އެ ފުރުސަތު ދޭން ޖެހޭނެ"، ކްރިތީ ބުންޏެވެ. މީގެ އިތުރުން އޭނާ ބުނީ، ޒަމާން ބަދަލުވަމުންދާއިރު، ބޮޑެތި ތަރިންގެ ނަން ނަމަށްވުރެ ބޮޑަށް ހުނަރަށާއި ފިލްމުގެ ސްކްރިޕްޓަށް ދެވޭ ސަމާލުކަން އިތުރުވަމުންދާ ކަމަށެވެ. 

ބޭރުން އަންނަ ހުނަރުވެރި އެކްޓަރުންނަށް ފަސޭހައިން ބޮލީވުޑަށް ވަދެވޭނީ، ހަމަހަމަ ފުރުސަތުތަކެއް އުފައްދައިގެން ކަމަށް ކްރިތީ ގަބޫލުކުރެއެވެ. 

ކްރިތީ، 33، އަކީ ވެސް އެއްވެސް އާއިލީ ނުފޫޒަކާ ނުލައި ބޮލީވުޑަށް ނުކުތް ތަރިއެކެވެ. އޭނާ އެ ދާއިރާއަށް ތައާރަފުވީ، 2014 ވަނަ އަހަރު "ހީރޯޕަންތީ" އިންނެވެ. އޭގެފަހުން އޭނާއަށް ދަނީ ކާމިޔާބު ފިލްމުތަކަކުން ޖާގަ ލިބެމުންނެވެ.