އިންޑިއާގެ ޑޮމެސްޓިކް ބޮކްސް އޮފީހުގައި މިހާތަނަށް ދެވަނަ އަށް އެންމެ އަވަހަށް 100 ކްރޯޑް ރުޕީސްގެ އާމްދަނީ ފަހަނައަޅައިދިޔަ ފިލްމުގެ މަގާމަށް ރަންބީރް ކަޕޫރުގެ "އެނިމަލް" ފިލްމު ވެއްޖެއެވެ.

މި ލިސްޓުގެ ދެވަނަ އަށް ރަންބީރްގެ "އެނިމަލް" ފިލްމު ޖެހިލީ، ޝާހުރުކް ޚާންގެ ބްލޮކްބަސްޓާ ފިލްމު "ޖަވާން" އާއި ސަލްމާން ޚާންގެ "ޓައިގާ 3" ފަހަތަށް ޖައްސާލުމަށްފަހު އެވެ. 

ސެކްނިލްކް ޑޮޓްކޮމް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، "އެނިމަލް" ފިލްމުގެ ހިންދީ ވާޝަނުން ވަނީ އިންޑިއާގައި އެޅުވި ފުރަތަމަ ދެ ދުވަހުން ގާތްގަނޑަކަށް 113.12 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދައިފައެވެ. ކުރީން، ދެވަނައިގައި އޮތް ޝާހުރުކްގެ "ޖަވާން" އަށް އެ މުއްދަތުގައި ލިބިފައިވާ އާމްދަނީ އަކީ ގާތްގަނޑަކަށް 111.73 ކްރޯޑް ރުޕީސް އެވެ.

ޝާހުރުކް ޚާންގެ "ޕަތާން" ގެ ޕޯސްޓަރެއް. --

ބޮލީވުޑްގައި މިހާތަނަށް އެންމެ އަވަހަށް 100 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ފަހަނައަޅައިދިޔަ ފިލްމުގެ ރެކޯޑް އޮތް ޝާހުރުކްގެ "ޕަތާން" ވަނީ ދެ ދުވަހުގެ ތެރޭގައި 123 ކްރޯޑް ރުޕީސް ހޯދައިފައެވެ. "ޕަތާން" އާއި "އެނިމަލް" އަދި "ޖަވާން" ގެ އިތުރުން މި ލިސްޓުގެ ގަދަ ފަހެއްގައި ދެން ހިމެނެނީ؛ "ޓައިގާ 3" އާއި ޔާޝްގެ "ކޭޖީއެފް: ޗެޕްޓާ 2" އެވެ. އަނެއް ތިން ފިލްމެކޭ އެއްފަދައިން މި ދެ ފިލްމުން ވެސް 100 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދައިފައިވަނީ ދެ ދުވަހުންނެވެ. 

މިދިޔަ ނޮވެންބަރު މަހުގެ 12 ވަނަ ދުވަހު ރިލީޒްކުރި، ސަލްމާންގެ "ޓައިގާ 3" އަށް ހަތަރުވަނަ ލިބެނީ ދެ ދުވަހުގެ ތެރޭގައި 101 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދައިގެންނެވެ. ފަސްވަނައިގައި އުޅެނީ ކަންނާޑާ އެކްޓަރު ޔާޝްގެ ފިލްމު "ކޭޖީއެފް" ސީކުއެލްގެ ހިންދީ ވާޝަން އެވެ. މިދިޔަ އަހަރު ނިކުތް މި ފިލްމުން ވަނީ ދެ ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 100.74 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދައިފައެވެ. 

ހަވަނަ އަށް އެންމެ އަވަހަށް 100 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދީ ފިލްމަކީ، ސަނީ ޑިއޯލްގެ މިދިޔަ އޮގަސްޓް މަހު ނިކުތް ފިލްމު "ގަދަރު 2" އެވެ. މިއީ 2001 ވަނަ އަހަރު ނިކުތް ފިލްމު "ގަދަރު" ގެ ސީކުއެލް އެވެ. މި ފިލްމުން ވަނީ ތިން ދުވަހުގެ ތެރޭގައި 135.18 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ފަހަނައަޅައި ގޮސްފައެވެ. ހަތްވަނައިގައި އޮތީ 2017 ވަނަ އަހަރު ނިކުތް ފިލްމު "ބާހުބަލީ 2: ދަ ކޮންކްލޫސަން" ގެ ހިންދީ ވާޝަން އެވެ. އެއީ، ތިން ދުވަހުގެ ތެރޭގައި 128 ކްރޯޑް ރުޕީސް ހޯދައިގެންނެވެ.

ސަލްމާން ޚާން އާއި ކެޓްރީނާ ކައިފްގެ ފިލްމު "ޓައިގާ 3" ގެ ޕޯސްޓަރެއް. --

އިންޑިއާގައި އަށް ވަނަ އަށް އެންމެ އަވަހަށް 100 ކްރޯޑް ރުޕީސްގެ އާމްދަނީ ފަހަނައަޅައިދިޔަ ފިލްމަކީ، މަޝްހޫރު އެކްޓަރު، ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ތައްޔާރުކޮށްފައިވާ "ސަންޖޫ" ފިލްމެވެ. 2018 ވަނަ އަހަރު ނިކުތް މި ފިލްމުގައި ރަންބީރް ކުޅެފައިވާ ޓައިޓަލް ރޯލުން ގިނަ ބައެއްގެ މަގްބޫލްކަން ހޯދައިފައިވާއިރު، މި ފިލްމުން ވަނީ ތިން ދުވަހުގެ ތެރޭގައި 120.06 ކްރޯޑް ރުޕީސް ހޯދައިފައެވެ.

ސަލްމާންގެ "ޓައިގާ ޒިންދާ ހޭ" އަށް މި ލިސްޓުގެ ނުވަ ވަނަ ލިބެނީ، ތިން ދުވަހުން 114.93 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދައިގެންނެވެ. އަދި މި ލިސްޓުގެ ދިހަ ވަނައިގައި އޮތީ ޕްރަބާސްގެ މި އަހަރު ނިކުތް ފިލްމު "އަދިޕުރުޝް" އެވެ. މި ފިލްމުން ވަނީ ތިން ދުވަހުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 112.75 ކްރޯޑް ރުޕީސް ހޯދައިފައެވެ.