ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ އެއް ފިލްމަކީ ސިދާތު އަނަންދުގެ "ފައިޓަރ" އެވެ. މި ފިލްމުގައި ފެނިގެންދާ ތަރިންކަމަށްވާ؛ ރިތިކް ރޯޝަން، ދީޕިކާ ޕަދުކޯން، އަދި އަނިލް ކަޕޫރުގެ ޕޯސްޓަރުތަކެއް ރިލީޒް ކޮށްފައިވާ އިރު މި ޕޯސްޓަރުތަކުގެ ސަބަބުން އާންމުންގެ ތެރޭގައި ވަނީ މި ފިލްމަށް އޮތް ފޯރި އިތުރަށް ގަދަ ވެފައެވެ.

ފޭނުންގެ މެދުގައި އޮތް ފޯރި އިތުރުކޮށްލުމަށް މި ފިލްމުގެ ޕްރޮޑަކްސަން ޓީމުން ވަނީ މި ފިލްމުގެ ޓީޒާއެއް ނެރޭނެ ތާރީޚު އާންމުކޮށްފައެވެ. 

"ފައިޓަރ" ގެ ޑައިރެކްޓަރު ސިދާތު އަނަންދު ވަނީ އޭނާގެ އިންސްޓަގްރާމް ހެންޑްލްގައި  ބެލުންތެރިންނަށް މި ފިލްމާއި ގުޅިގެން މުހިންމު މެސެޖެއް  ދޫކޮށްލާފައެވެ. އެ ގޮތުން އޭނާގެ މެސެޖުން އިވިގެން ދަނީ ސްކޮޑްރަން ލީޑަރުން ކަމަށްވާ ޕެޓީ (ރިތިކް ރޯޝަން) އާއި މިނީ (ދީޕިކާ ޕަދުކޯން) ވާހަކަ ދައްކާ އަޑެވެ. އެ އޯޑިއޯ ކޮޅުން އެނގިގެންދާ ގޮތުގައި ޑިސެމްބަރު 8 ވަނަ ދުވަހު މި ފިލްމުގެ ޓްރެއިލާ ރިލީޒް ކުރާނެއެވެ. 

މި ޕޯސްޓު ކުރިތާ މާ ގިނަ އިރުތަކެއް ނުވެ އާންމުންގެ ފަރާތުން ވަނީ އެކި ކަހަލަ ކޮމެންޓުތައް ލިބެން ފަށާފައެވެ. އެ ގޮތުން އެއްބަޔަކު ބުނަމުން ދިޔައީ މި ފިލްމު ބަލަން ކެތްމަދުވެފައިވާ ކަމަށެވެ. އަދި އަނެއްބަޔަކު ބުނަމުން ދިޔައީ މި ފިލްމުވެގެން ދާނީ ވަރަށް ތަފާތު ފިލްމަކަށް ކަމަށެވެ. 

މީގެ ދެތިން ދުވަސް ކުރިން މި ފިލްމުގެ ޓީމުން ލީޑްގެ ފަސްޓް ލޫކް ޕޯސްޓަރުތައް އާއްމުންނަށް ދޫކޮށްލާފައިވާއިރު، މި ފިލްމުގައި ރިތިކް، ސްކޮޑްރަން ޕައިލެޓެއްގެ ގޮތުގައި ފެނިގެންދާއިރު ދިޕިކާ ފެނިގެން ދާނީ މިނާލް ރާތޯރު ( މިނީ)ގެ ރޯލުން ނެވެ. މީގެ އިތުރުން އަނިލް ކަޕޫރު ފެނިގެން ދަނީ ކޮމާންޑިންގ އޮފިސަރެއް ކަމަށްވާ ގްރޫޕް ކެޕްޓަން ރާކޭޝް ޖައި ސިންގ، ރޮކީގެ ރޯލުންނެވެ.

"ފައިޓަރ" ސިނަމާތަކަށް އަންނާނީ، އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަހުގެ ކުރިން، ޖެނުއަރީ 25، 2024 ގައި ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.