ބޮލީވުޑް އެކްޓްރެސް ކާޖޮލް އަކީ 1990 ގެ އަހަރުތަކުން ފެށިގެން 2000 ގެ ކުރީކޮޅާ ހަމައަށް އެންމެ ވިދުން ގަދަވި އެއް ބަތަލާއެވެ. އޭރު ވެސް ކާޖޮލް އާއި ޝާހްރުކް ޚާންގެ ޖޯޑަކީ ގިނަ ބައެއްގެ ފެވަރިޓެވެ.

ނަމަވެސް ގިނަ ބަޔަކަށް ނޭނގި އޮތް ވާހަކައަކީ، ކާޖޮލްގެ ބޮލީވުޑް "ކްރަޝް" ނުވަތަ އެންމެ ގަޔާވާ އެކްޓަރަކީ ޝާހު ނޫންކަމެވެ. އަދި އެއީ ކާޖޮލްގެ ފިރިމީހާ، އެކްޓަރު އަޖޭ ދޭވްގަން އެއް ވެސް ނޫނެވެ.

"ކޮފީ ވިތު ކަރަން" ޝޯގައި މީގެކުރިން ކަރަން އާ ވާހަކަ ދައްކަމުން ކާޖޮލް ވަނީ ކުރީގެ ހަނދާންތައް އާކޮށްފައެވެ. އެގޮތުން މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރު ދެކެ ކާޖޮލް "ލައިކް" ވެގެން އުޅުނުކަމަށް ކަރަން ބުންޏެވެ. ކާޖޮލްގެ ގާތް އެކުވެރިޔާ، ކަރަން އިތުރަށް ކިޔައިދިން ގޮތުގައި، 1991 ވަނަ އަހަރު ނުކުތް "ހީނާ" ފިލްމުގެ ޕްރިމިއާއަށް ކާޖޮލްއާއެކީ ގޮސް ހުއްޓައި، އެތަނުން އަކްޝޭ ފެނިގެން ކާޖޮލް އަށް ވަރަށް ވަރު ވިއެވެ. އަދި ކަރަން ލައްވައި އަކްޝޭ ފަހަތުން ދުއްވި ކަމަށާއި، އެހެނަސް އަކްޝޭއާ ވާހަކަ ދެއްކޭގޮތް ނުވި ކަމަށް ބުންޏެވެ. 

ކޮންމެއަކަސް އޭގެފަހުން ކާޖޮލް ވަނީ އަކްޝޭއާއެކު ފިލްމެއް ކުޅެފައެވެ. އެއީ 1994 ގައި ނުކުތް ފިލްމު "ޔޭ ދިއްލަގީ" އެވެ. ކާޖޮލް، އަޖޭއާ ކައިވެނިކުރީ އޭގެ ފަސް އަހަރު ފަހުން، 1999 ގައެވެ.