ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ ދަރިފުޅުގެ މޫނު، ފުރަތަމަ ފަހަރަށް އާންމުންނަށް ދައްކާލައިފިއެވެ. ރަހާ ކަޕޫރުގެ ނަން ދީފައިވާ އެ ކުއްޖާގެ މޫނު ދައްކާލައިފައި މި ވަނީ، ކްރިސްމަސް އާ ގުޅިގެން ކަޕޫރު އާއިލާއިން މިއަދު ބޭއްވި މެންދުރުގެ ކެއުމަކަށް ހާޒިރުވަމުންނެވެ.

ރަންބީރާއި އާލިއާގެ ދަރިފުޅަށް އެއް އަހަރު ފުރިފައިވާއިރު، މިހާތަނަށް އެކުއްޖާ ގެންގުޅުނީ މީޑިއާތަކަށް ފޮރުވައިގެނެވެ. ނަމަވެސް މިއަދު އަލަށް ރަހާ ކަޕޫރު އާންމުންނަށް ފެނުމާއެކު ދަނީ އެކުއްޖާގެ ސިފައަށް ތަޢުރީފު ކުރަމުންނެވެ. އެގޮތުން އެކުއްޖާއަށް ލިބިފައިވަނީ ކަޕޫރު އާއިލާގެ ސިފަތައް ކަމަށް ބުނަމުންދެއެވެ.

ހަމައެހެންމެ، އެކުއްޖާ ބޮޑަށް ވައްތަރީ ވެސް ރަންބީރު ކަޕޫރުގެ ބައްޕަ (ކުރީގެ އެކްޓަރު) ރިޝީ ކަޕޫރާ ކަން ބައެއް މީހުން ފާހަގަކޮށްފައިވެއެވެ. އަނެއްބައި މީހުން ބުނަމުން ދަނީ، ރަހާ ހީވަނީ ކަޕޫރު އާއިލާގެ ކާމިޔާބު އެކްޓްރެސް ކަރީނާ ކަޕޫރު ކުޑައިރު ހުރި ހެނެވެ. ގިނަ ބަޔަކަށް އަޅައިގަނެފައި ވަނީ ރަހާގެ ލޮލުގެ ކުލައެވެ.

މަޝްހޫރު މީހުން، އެމީހުންނަށް ލިބޭ ދަރިންގެ މޫނު އާންމުންނަށް ފޮރުވައިގެން އުޅުމަކީ މިހާރު ވަރަށް ގިނައިން ކުރާ ކަމެކެވެ. އަދި ވަކި އުމުރަކަށް ދިޔައިމާ ނޫނީ ދަރިފުޅުގެ މޫނު ނުދައްކަން ނިންމައިގެން ތިބޭ ސެލެބްރިޓީން ވެސް އުޅެއެވެ. 

އާލިއާ ބަޓް އާއި ރަންބީރް ކަޕޫރު ކައިވެނިކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގައެވެ. އަދި އެދެމަފިރިންނަށް ކުއްޖަކު ލިބިފައިވަނީ އެ އަހަރުގެ ނޮވެމްބަރު މަހުގައެވެ.