މި ޑިސެންބަރު މަހުގެ 21 ވަނަ ދުވަހު ރިލީޒްކުރި ޝާހްރުކް ޚާންގެ ފިލްމު "ޑަންކީ" އިން ހަފްތާއެއްގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 300 ކްރޯޑް ރުޕީސް ހޯދައިފިއެވެ.

"ޑަންކީ" އަކީ ގަވާއިދު ހިލާފު އިމިގްރޭޝަން ޓެކްނިކެއް ކަމަށްވާ 'ޑޮންކީ ފްލައިޓް' ގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ކޮމެޑީ-ޑްރާމާއެކެވެ. މި ފިލްމުގައި ގެނެސްދީފައިވަނީ، ރަނގަޅު ދިރިއުޅުމަކަށް ލަންޑަނުގައި ވަޒަންވެރިވުމުގެ ހުވަފެން ދެކޭ ނަމަވެސް، އެމީހުންގެ އަމާޒަށް ވާސިލްވުމަށްޓަކައި އެހާމެ ބުރަ އަދި، ދިރިއުޅުން ބަދަލުކުރާ ދަތުރެއް ކުރަން ޖެހޭ ހާޑީ (ޝާހްރުކް) ގެ ހަތަރު ރައްޓެހިން ކަމަށްވާ މަނޫ، ސުކީ، ބުގޫ އަދި ބަލީގެ ހިތްގައިމު ވާހަކައެކެވެ.

ޖީއޯ ސްޓޫޑިއޯސް އާއި ރެޑް ޗިލީސް އެންޓަޓެއިންމެންޓް އަދި ރާޖް ކުމާރު ހިރާނީ ފިލްމްސް އިން ގެނެސްދީފައިވާ މި ފިލްމު ރިލީޒްކުރީ، ޕްރަބާސްގެ ފިލްމު "ސަލާރް: ޕާޓް ވަން – ސީޒްފަޔަރ" ނިކުތުމުގެ އެއް ދުވަސް ކުރިންނެވެ.

"ޑަންކީ" އަކީ މި އަހަރުގެ ތެރޭގައި ރިލީޒްކުރި ޝާހްރުކްގެ ތިންވަނަ ފިލްމަށް ވެގެންދިޔައިރު، މީގެކުރިން މި އަހަރު ނިކުތް ދެ ފިލްމު ކަމަށްވާ "ޕަތާން" އާއި "ޖަވާން" އެކޭ އެއްގޮތަށް މި ފިލްމު ވެސް ވަނީ ބޮކްސް އޮފީހުގެ އިތުރުން ބެލުންތެރިންގެ މަޤްބޫލުކަން ހޯދައިފައެވެ.

އެކްސްގައި ރެޑް ޗިލީސް އެންޓަޓެއިންމެންޓްގެ ރަސްމީ އެކައުންޓުން ކުރި ޕޯސްޓެއްގައި، "ލޯބިން ފުރިފައިވާ ބޮކްސް އޮފީހެއް! ދުނިޔޭގެ އެކި ކަންކޮޅުތަކުން 305 ކްރޯޑް ރުޕީސް ލިބިއްޖެ!" ވެއެވެ. އަދި އޭގެ ކެޕްޝަންގެ ގޮތުގައި ވަނީ "ޑަންކީ އަށް އޮތް ލޯތްބާއެކު ބޮކްސް އޮފީސް ގުގުމާލައިފި" މިހެންނެވެ.

މީގެއިތުރުން، ދާދިފަހުން ދުބާއީގައި ބޭއްވި އިވެންޓެއްގައި ޝާހްރުކް ބުނީ، "އަހަރެންގެ ފިލްމު 'ޖަވާނީ' ވެގެންދިޔައީ ފިރިހެން ކުދިންނާއި އަންހެން ކުދިންނަށް ހާއްސަ ފިލްމަކަށް، އެކަމަކު އަހަރެންނަށް ހާއްސަ ފިލްމެއް ފެނިގެންގޮސްފައިނުވާތީ އެކަމަށްޓަކައި ނެރުނު ފިލްމެއް 'ޑަންކީ' އަކީ،"

ޝާހްރުކް ބުނީ، "ޑަންކީ" އަކީ އޭނާގެ ހިތުން ޙާއްސަ ޖާގައެއް ހޯދާފައިވާ ފިލްމެއް ކަމަށާއި، "ޕަތާން" އާއެކު އަހަރު ފެށިގެންދިޔައިރު އެއީ އަންހެންވެރިންނަށް ވަރަށް ހާއްސަ ފިލްމެއް ކަމަށެވެ. އެހެންކަމުން "ޑަންކީ" އަކީ އޭނާ އަށް ހާއްސަ ފިލްމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

މި އިންޓަވިއުގައި ޝާހްރުކް ވަނީ، ކޮންމެހެން ވެސް "ޑަންކީ" ބަލަން ދާން ވާނެ ކަމަށް ބުނެ، އެއީ ހުރިހާ އެންމެންގެ ހިތްތަކާ ކުޅެލާނެ ވަރަށް ހާއްސަ ފިލްމަކަށް ވާނެ ކަމަށާއި، އޭގެއިން މީހުން ހެއްވާލާނެ ކަމަށް ވެސް ބުނެފައެވެ.

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު، ރާޖް ކުމާރު ހިރާނީގެ ފިލްމު "ޑަންކީ" ގައި ޝާހްރުކްގެ އިތުރުން ދެން ފެނިގެންދާ ތަރިންގެ ތެރޭގައި؛ ތާޕްސީ ޕަންނު، ވިކީ ކޯޝަލް، ބޮމަން އިރާނީގެ އިތުރުން ވިކްރަމް ކޯޗަރު އަދި އަނިލް ގްރޯވާ ހިމެނެއެވެ.