ޝާހްރުކް ޚާން ލީޑް ރޯލުން ފެނިގެންދާ، ރާޖް ކުމާރު ހިރާނީގެ ފިލްމު "ޑަންކީ" ގައި ހިތްގައިމު ރާގުތަކުގެ ލަވަތައް ހިމެނޭއިރު، އެ ފިލްމުގެ ފަހުބައިގައި އަންނަ "ނިކްލޭ ތޭ ކަބީ ހަމް ގަރް ސޭ" އަކީ ބެލުންތެރިންގެ މަޤްބޫލުކަން ހޯދާފައިވާ އެއް ލަވަ އެވެ.

އެގޮތުން، "ނިކްލޭ ތޭ ކަބީ ހަމް ގަރް ސޭ" ގެ ލިރިކްސް ގެނެސްދީފައިވާ ތަޖުރިބާކާރު ޅެންވެރިޔާ، ޖާވިދު އަޚްތަރު އެ ލަވައިގެ ޅެން ލިޔުމަށް ގާތްގަނޑަކަށް 25 ލައްކަ ރުޕީސްގެ ފީ އެއް ނަގައިފައިވާ ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ. 

މިއީ ފަހުގެ ތާރީޚެއްގެ ޅެންވެރިއަކު ފިލްމެއްގެ ލަވައަކަށް ނެގި އެންމެ ބޮޑު ފީ ކަމަށާއި، އެހެންކަމުން މިއީ ރެކޯޑެއް ކަމަށް ބޮލީވުޑްގެ ފިލްމު ކްރިޓިކް، ކޮމަލް ނަހްތާ ވަނީ ބުނެފައެވެ.

ދާދިފަހުން، "މޭ ކޯއީ އެއިސާ ގީތު ގާއޫނ" ސްޓޭޖު ޝޯވގައި ޖާވިދު އަޚުތަރު އެކަން ކަށަވަރުކޮށްދީފައިވާއިރު، މިހާތަނަށްއައިއިރު އަލަށް ވެސް ފިލްމެއްގެ އެންމެ ލަވައަކަށް ޅެމެއް ތައްޔާރުކޮށްފައިނުވާ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އެކަން އެހެން ކޮށްދިނީ "ޑަންކީ" ގެ ޑައިރެކްޓަރު، ރާޖޫ ހިރާނީ ބުނެގެން ކަމަށް ވެސް ޖާވިދު އަޚުތަރު ވަނީ ބުނެފައެވެ.

ޖާވިދު އަޚުތަރު ބުނީ، އޭނާ ގާތުގައި ރާޖޫ، "އެ ލަވަ އެހެން މީހަކަށް ނުލިޔެވޭނެ" ކަމަށް ބުނި ކަމަށެވެ. އެހެންނަމަވެސް، އެކަމަށް އޭނާ އެއްބަސްނުވާނެ ކަމަށް ބަލައި، މުޅިން ތަފާތު ޝަރުތުތަކެއް ކަނޑައެޅުމުން ވެސް ރާޖޫ ހިރާނީ އެކަމަށް އެއްބަސްވެ، ދެކޮޅު ނުހެދި ކަމަށް ވެސް ޖާވިދު އަޚުތަރު ބުންޏެވެ.

ޖާވިދު އަޚުތަރު އިތުރަށް ބުނީ، އެކަމުގެ ހުރިހާ ކްރެޑިޓެއް ދޭންވީ އޭނާ އަށް ނޫން ކަމަށާއި، ހުރިހާ ތަޢުރީފެއް ޙައްޤު ފަރާތަކީ ރާޖޫ ހިރާނީ ކަމަށެވެ. އޭގެއިން ދޭހަވެގެންދަނީ ސުޕަ ހިޓް އެތައް ފިލްމުތަކެއް ގެނެސްދީފައިވާ މީހަކު، އޭނާގެ ފިލްމަށް އޮތް ލޯތްބާއި އޭގެއަށް ފުރިހަމަކަމެއް ގެނެސްދިނުމަށް ބޭނުންވެފައިވާ މިންވަރު ކަމަށެވެ.

މި ޑިސެންބަރު މަހުގެ 21 ވަނަ ދުވަހު އިންޑިއާގައި ރިލީޒްކުރި "ޑަންކީ" ގައި ގެނެސްދީފައިވަނީ، ޕަންޖާބުގެ ކުޑަ އަވަށެއް ކަމަށްވާ ލާލްޓޫގައި އުޅޭ ހާޑީ (ޝާހްރުކް) އާއި އޭނާގެ ހަތަރު ރައްޓެހިން ކަމަށްވާ، މަނޫ، ސުކީ، ބުގޫ އަދި ބަލީ ރަނގަޅު ފުރުސަތުތަކެއް ހޯދުމަށް ލަންޑަނަށް ދިއުމަށް އުންމީދުކުރާ ވާހަކަ އެވެ. އެ ދަތުރު ކުރުމަށް ހުރިހާ އިންތިޒާމެއް ހަމަޖެހުނު ނަމަވެސް، އިމިގްރޭޝަން އިމްތިހާނުން ފެއިލްވެ އެވެ. މިއާއެކު، ފަސްނުޖެހި އެމީހުން ނިންމަނީ ގަވާއިދާ ހިލާފަށް އިނގިރޭސިވިލާތަށް ވަންނަން މަސައްކަތްކޮށް، އިމިގްރޭޝަންގެ ޓެކްނިކެއް ކަމަށްވާ، "ޑޮންކީ ފްލައިޓް" ރޫޓުން އެމީހުންގެ ހުވަފެން ކުރިއަށް ގެންދިއުމަށެވެ.