އިންޑިއާގެ މަޝްހޫރު މޮޑެލް-އެކްޓްރެސް ޕޫނަމް ޕާންޑޭ ކުއްލިގޮތަކަށް މަރުވެފައިވާ ކަމުގެ ހަބަރުތައް ފެތުރީ ކެންސަރަށް ހޭލުންތެރި ކުރުމަށް ޓަކައި ކަމަށް ބުނެ، އިންސްޓަގްރާމްގައި އެކަން ހާމަކޮށްފިއެވެ.

"ޚަތުރޯން ކޭ ކިލާޅީ" އަދި "ލޮކަޕް" ފަދަ މަޤުބޫލު ރިއަލިޓީ ޝޯތަކެއްގައި ބައިވެރިވެފައިވާ ޕޫނަމް މަރުވިކަމަށް އޭނާގެ ޓީމުން އޭނާގެ މީސްމީޑިއާ އެކައުންޓުން ހިއްސާކޮށްފައިވަނީ ހުކުރުދުވަހުގެ ހެނދުނެވެ. އަދި ޕޫނަމް މަރުވީ ސާވިކަލް ކެންސަރު ޖެހިގެން ކަމަށް އޭނާގެ ޓީމުން ވަނީ ބުނެފައެވެ. 

ސާވިކަލް ކެންސަރަކީ އަންހެނުންގެ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރެކެވެ. 

ޕޫނަމް އަކީ ވަރަށް ފަހަކާ ޖެހެންދެންވެސް މީސްމީޑިއާގައި ވަރަށް ހަރަކާތްތެރިކޮށް އުޅުނު ތަރިއެކެވެ. އެހެންކަމުން، އޭނާގެ ކުއްލި މަރުގެ ހަބަރު ވައިރަލްވުމާއެކު މުނިފޫހިފިލުމުވުގެ ދާއިރާގައި އުޅޭ އޭނާގެ ރައްޓެހިންނާއި، ފޭނުންނަށް ވަނީ ޝޮކެއް ލިބިފައެވެ. އަދި ގިނަ ބަޔަކު މީސްމިޑިއާގައި ހިތާމަ ފާޅުކުރިއެވެ. 

 

އެހެންނަމަވެސް، މި ހަބަރުތައް ދޮގު ކުރުމަށްފަހު ޕޫނަމްގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައިވަނީ، އޭނާގެ މަރުގެ ހަބަރާއެކީ ވަރަށް ގިނަ ބަޔަކު ކެންސަރުގެ ވާހަކަ ދައްކަން ފެށި ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ބުނެފައެވެ. އަދި އޭނާ އަށް ކެންސަރު ވެސް ޖެހިފައިނުވާ ކަމަށް އޭނާގެ އިންސްޓަގްރާމްގައި ވެއެވެ.

މިއާއެކު، އޭނާ އަށް ފޭނުންގެ އިތުރުން އާންމުންގެ ތެރެއިން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. އެގޮތުން، މިފަދަ ދޮގު ހަބަރުތައް ފަތުރައި، އާންމުން ސިއްސުވާލައި، ސަމާލުކަން ހޯދަން މަސައްކަތްކުރުމަކީ ދެރަކަމެއް ކަމަށް ބުނެ، ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.

ޕޫނަމް ވަނީ ބޮލީވުޑްގެ ބައެއް ފިލްމުތަކުން ވެސް ފެނިގެންގޮސްފައެވެ. އެގޮތުން އޭނާ ބޮލީވުޑަށް ތަޢާރަފުވީ 2013 ވަނަ އަހަރު، ""ނަޝާ" ކިޔާ ފިލްމަކުންނެވެ.