ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފާވައި މޮއާނާ ކާޓޫންގެ ދެވަނަބައި މިއަހަރު ނިކުންނާނެކަމަށް ޑިޒްނީއިން ހާމަކޮށްފިއެވެ.

ފާއިތުވި އަހަރުތަކުގައި ޑިޒްނީން ނެރުނު އެންމެ ރީތި އެއް ކާޓޫން ކަމަށްވާ، 2016 ވަނަ އަހަރު ނެރުނު މޮއާނާ އަކީ މޮޅު އެނިމޭޝަންތަކާއި ފައްކާ ކެރެކްޓަރުތަކާއި ކެޗީ ލަވަތަކެއް ހިމެނޭ އެޑްވެންޗަރެއްގެ ގޮތުގައި ގިނަ ބަޔަކު ތައުރީފުކުރި ކާޓޫނެކެވެ.

މޮއާނާ 2 މިހާރު މިއަހަރުގެ ފަހުކޮޅު ހުރިހާ ތަނެއްގައި ރިލީޒް ކުރަން ނިންމާފައިވާއިރު، ރަސްމީކޮށް ރިލީޒްކުރާ ޑޭޓް އަކީ ނޮވެމްބަރު 27 ވާ ބުދަ ދުވަހު އެވެ. އެގޮތުން ޑިޒްނީއިން ވަނީ 16 ސިކުންތުގެ ކުރު ޓްރެއިލާ އެއްވެސް ނެރިފައެވެ. މިހާތަނަށް ޑިޒްނީ އިން ނެރުނު އެހެން ހުރިހާ ޓްރެއިލާއެއް ބަލާފައިވާ މީހުންނަށް ވުރެ ގިނަ މީހުން މޮއާނާ 2 ގެ މި ޓްރެއިލާ ބަލާފައިވެސް ވެއެވެ.

ޓްރެއިލާއިން އަޅުގަނޑުމެންނަށް އާ ފިލްމުން ފެނިގެންދާނެ ކަނަށް އުންމީދު ކުރެވޭނެ ކަންތައްތަކުގެ ރަނގަޅު ޚިޔާލެއް ލިބިގެންދެއެވެ. ފެންނަ ފެނުމުގައި މޮއާނާ ގެންދަނީ ހަމަ ފުރަތަމަ ބައެކޭ އެއްގޮތަށް، ދުނިޔޭގެ ކަނޑުތައް ދިރާސާ ކުރަމުންނެވެ.

އާ ޓީޒާގައި ފާހަގަކޮށްލެވޭ ގިނަ ކަންތައްތަކެއް ހިމެނޭއިރު، ކާށި ކަކަމޯރާ ޕައިރޭޓް މީހުން އެނބުރި އައުމާއި، ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރު ކުރަމުން އައި މޮއާނާ އާއި މައުއީގެ ރީޔޫނިއަން ހިމެނެ އެވެ. ޒުވާން މައުއީގެ ކުޑަ މަންޒަރެއްވެސް ޓްރެއިލާއިން ފެނުމުގެ ސަބަބުން ފަހަރެއްގައި ޑެމިގޯޑަކަށް ވުމުގެ ކުރިން އޭނާގެ ދިރިއުޅުން ވީ ކިހިނެއްތޯ އަޅުގަނޑުމެންނަށް ފެނިދާނެ އެވެ.