މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ޕޯޗުގަލްއާ ދެކޮޅަށް ބެލްޖިއަމް ކުޅުނު މެޗުގައި އެ ޓީމުގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ އާއި ކެޕްޓަން އެޑެން ހަޒާޑް އަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށް ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.

ޕޯޗުގަލް އަތުން 1-0 އިން ބެލްޖިއަމް މޮޅުވި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ބެލްޖިއަމްގެ އިތުބާރު މިޑްފީލްޑަރު ޑި ބްރޭނާގެ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން ބަދަލުކުރިއިރު، އޭނާ އަށް އަނިޔާވީ ފުރަތަމަ ހާފުގެ ފަހުބައިގައި ޕޯޗުގަލްގެ ޔާއޯ ޕަލީނިއާ ކުރި ޓެކުލެއްގެ ސަބަބުންނެވެ. އަދި ދެވަނަ ހާފު ނިމެން ކައިރިވެފައިވަނިކޮށް ހަޒާޑްގެ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން ވަނީ ބަދަލުކޮށްފައެވެ.

މި ދެ ކުޅުންތެރިންގެ އަނިޔާއާ ގުޅޭގޮތުން މާޓިނޭޒް ބުނީ މިހާތަނަށް ބެލި ބެލުމުން އެނގުނު ގޮތުގައި އަނިޔާ ސީރިއަސް އެއް ނޫން ކަމަށެވެ. އެކަމަކު، މި ކަމާ ގުޅޭގޮތުން އިތުރަށް އެއްޗެއް ބުނަން އެނގޭނީ އަދި 24 ގަޑިއިރު ފަހުން އިތުރު ޓެސްޓުތަކަށްފަހު ކަމަށެވެ.

"މިވަގުތު ދެ ކުޅުންތެރިންނަށް ވެސް އަނިޔާގެ މާބޮޑު އުނދަގުލެއް ނެތް،"

"އިތުރަށް އެއްޗެއް ބުނަން އެނގޭނީ ގާތްގަނޑަކަށް 24 ގަޑިއިރު ފަހުން. އެކަމަކު، އިޓަލީއާ ދެކޮޅަށް ކުޅޭ މެޗު އެހާ އަވަހަށް އޮތުމަކީ ކޮންމެވެސް ވަރަކަށް ކަންބޮޑުވާންޖެހޭ ސަބަބެއް." މާޓިނޭޒް ބުންޏެވެ.

މާޓިނޭޒް އިތުރަށް ފާހަގަކުރިގޮތުގައި މި ފަހަރުގެ ޔޫރޯގައި އެ ޓީމަށް އިތުރު މެޗެއް ކުޅެން ފުރުޞަތު ލިބިއްޖެނަމަ އެ ދެ ކުޅުންތެރިންނަށް ވެސް ކުޅެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. 

ޕޯޗުގަލް މެޗުގައި ހަޒާޑް އަށް އަނިޔާވުމުގެ ކުރީން އޭނާ ބަދަލުނުކުރީ ސަބަބު ނޫސްވެރިން އޮޅުންފިލުވުމަށް ކުރި ސުވާލުތަކަށް ޖަވާބުދެމުން މާޓިނޭޒް ބުނީ ޑި ބްރޭނާ އަށް އަނިޔާވީ ހިސާބުން މެޗުގެ ކޮންޓްރޯލް ބެލްޖިއަމް އަތުން ގެއްލުނު ކަމަށާއި، އެކަމަކު މެޗުގެ ފަހުކޮޅުގައި ހަޒާޑަށް އަނިޔާވެދާނެ ކަމަށް ގަބޫލުކުރެވޭނެ ގޮތެއް ނެތްކަމަށެވެ.

"މެޗުގެ ފަހުވަގުތު ކޮޅުގައި ހަޒާޑަށް އަނިޔާވާނެކަމަށް އަންދާޒާ ކުރާނީ ކިހިނެއް." މާޓިނޭޒް ބުންޏެވެ.

މާޓިނޭޒްގެ ވާހަކަ ނިންމާލަމުން ބުނީ ޑި ބްރޭނާ އަށް އަނިޔާވީ ޕޯޗުގަލްގެ ކުޅުންތެރިއެއް ކުރި ޓެކުލެއްގެ ސަބަބުން ކަމަށާއި، އެ ފައުލްކުރުމުގެ ކުރީން އެ ކުޅުންތެރިޔާ އަށް ރީނދޫ ކާޑު ދައްކަންޖެހޭ ކަމަށެވެ. އޭނާ ބުނީ ޑި ބްރޭނާ އަށް އަނިޔާވުމާއެކު ބެލްޖިއަމް ޓީމަށް ބޯޅަ ހިފެހެއްޓުމަށް ދަތިތައް ކުރިމަތިވީ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޕޯޗުގަލްގެ އެޓޭކްތައް ގިނަވެ، ބެލްޖިއަމްގެ ޑިފެންސަށް ބާރު ބޮޑުކޮށްފައިވާކަމަށެވެ.

"އެމީހުން ވަނީ ވަރަށް ފްރެޝް އެޓޭކިން ކުޅުންތެރިން ކުޅެން އަރުވާފައި. އެކަމަކު، އަހަރެމެންނަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފުނުނަމަ ފަރަގު އިތުރަށް ބޮޑު ކުރެވުނީސް." ނިންމާލަމުން މާޓިނޭޒް ބުންޏެވެ.