ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ރޭ މެޗުގެ ފުރިހަމަވަގުތާއި އިތުރުވަގުތުގެ 15 މިނެޓުގެ ދެ ހާފުގެ ކުޅުމަށްފަހު ދެ ޓީމު 1-1 އިން އެއްވަރުވުމުން، ޕެނަލްޓީ ޝޫޓްއައުޓްގައި 4-2 އިން ސްޕެއިން ބަލިކޮށް އިޓަލީ އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއީ ޔޫރޯގެ މުބާރާތެއްގެ ފައިނަލަށް އިޓަލީ ދަތުރުކުރި ހަތަރުވަނަ ފަހަރެވެ. އަދި މިއީ އެ ޓީމުން މެޗަކުން ބަލިނުވެ ނިންމާލި 33 ވަނަ މެޗެވެ. އޭގެތެރެއިން 27 މެޗުން މޮޅުވިއިރު، ހަ މެޗުން ވަނީ އެއްވަރުވެފައެވެ. މީގެއިތުރުން، މިއީ ބޮޑު މުބާރާތެއްގެ ސެމީ ފައިނަލްގައި ކުޅުނު ހަ މެޗުގެ ތެރެއިން ސްޕެއިން ބަލިވި ފުރަތަމަ ފަހަރެވެ.

ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ގޯލެއް ކާމިޔާބުކުރެވިފައިނުވީނަމަވެސް، ސްޕެއިނުން ވަނީ ގިނަވަގުތު ބޯޅަ ގެންގުޅެ އިޓަލީގެ ޑިފެންސަށް ނުރައްކާ ކޮށްފައެވެ. މި މެޗުގެ 25 ވަނަ މިނެޓުގައި ސްޕެއިނުން ތަނަވަސްކުރި ފުރަތަމަ ފުރުޞަތުގައި ޑެނީ އޮލްމޯ ފޮނުވާލި ބޯޅަ އިޓަލީގެ ކީޕަރު ޖިއަންލުއިޖީ ޑޮނަރުއްމާ މަތަކުރިއެވެ. އޭގެފަހުން، އިޓަލީގެ ވާތްފަރާތު ފުލްބެކަށް ކުޅެމުންއައި އެމަސަން ޕަލްމިއެރީ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް އެ ޓީމުގެ މިޑްފީލްޑަރު ނިކޯލޯ ބަރޭލާ އަށް ރަނގަޅަށް ފޮނުވާލެވޭގޮތެއްނުވިއެވެ. އަދި އޭގެފަހުން، އެމަސަން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑީގައި ޖެހިފައެވެ.

ދެވަނަ ހާފުގެ ކުރީކޮޅު އިޓަލީގެ ފޯވާޑް ޗީރޯ އިމޯބިލޭ އާއި ސްޕެއިނުގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވިއިރު، އިޓަލީގެ ހަލުވި ވިންގާ ފެޑެރީކޯ ޗިއޭސާ ފޮނުވާލި ބޯޅަ ސްޕެއިނުގެ ކީޕަރު އުނާއި ސިމޯން މަތަކުރިއެވެ. އިޓަލީ އިން މި މެޗުގައި ލީޑްނެގީ 60 ވަނަ މިނެޓުގައި ޗިއޭސާ ކާމިޔާބުކުރި ރީތި ގޯލުންނެވެ. މިއީ ކައުންޓަ އެޓޭކުގައި އެ ޓީމުގެ ލޮރެންޒޯ އިންސީނިއޭ ހުސްކޮށްލާފައި އިމޯބިލޭ އަށް ދިނުމުން އެ ބޯޅަ އޭނާ އަށް ލިބުމުގެ ކުރީން ސްޕެއިނުގެ ޑިފެންޑަރު އައިމެރިކް ލަޕޯޓް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޗިއޭސާ އަށް ލިބުމުން އޭނާ ޖެހި ގޯލެކެވެ.

އިޓަލީ އިން ލީޑްނެގުމުން، ސްޕެއިނުން އެއްވަރުކުރަން ކުރި މަސައްކަތުގެ ތެރެއިން އެ ޓީމުގެ މިކޭލް އޮޔާޒަބާލް އާއި އޮލްމޯ އަށް ލިބުނު ފުރުޞަތުތައް ބޭކާރުވިއިރު، އިޓަލީގެ ލީޑް ފުޅާކުރުމަށް މި ހާފުގައި ކުޅެން ނިކުތް ޑޮމެނިކޯ ބެރާޑީ އަށް ލިބުނު ދެ ފުރުޞަތުގެ ވެސް ބޭނުންހިފޭގޮތެއްނުވިއެވެ. ބެރާޑީ ފޮނުވާލި ދެ ހަމަލާ ވެސް ސްޕެއިނުގެ ކީޕަރު ސިމޯން މަތަކުރިއެވެ. މެޗުގެ ފުރިހަމަވަގުތު ހަމަވާން 10 މިނެޓަށްވެފައިވަނިކޮށް ސްޕެއިނަށް އެއްވަރުކޮށްދިނީ އަލްވާރޯ މޮރާޓާ އެވެ. މިއީ އެ ޓީމުގެ މިޑްފީލްޑަރު އޮލްމޯ ދިން ރީތި ޕާހަކުން މޮރާޓާ ކާމިޔާބުކުރި ގޯލެކެވެ.

އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯ (ކ) ޕެނަލްޓީ ކާމިޔާބުކުރުމަށްފަހު އުފާ ފާޅުކުރަނީ. --ފޮޓޯ: ޔުއެފާ ޓުވިޓާ

މި ގޯލާއެކު މޮރާޓާ ވަނީ ޔޫރޯގެ ތާރީޚުގައި ސްޕެއިނަށް މިހާތަނަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ކުރީން މި ރެކޯޑް އޮތް ފެނާންޑޯ ޓޮރޭސް ފަސް ލަނޑުޖަހާފައިވާއިރު، މޮރާޓާ ވަނީ މިހާތަނަށް ހަ ގޯލް ޖަހައިދީފައެވެ.

މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅެވުނު އިތުރުވަގުތުގެ 15 މިނެޓުގެ ދެ ހާފުގައި އިޓަލީ އަށް ރަނގަޅު ފުރުޞަތުތަކެއް ތަނަވަސްކުރެވިފައިނުވާއިރު، ސްޕެއިނުގެ ކުޅުންތެރިން ކަމަށްވާ އޮލްމޯ އާއި މޮރާޓާ އަދި މާކޯސް ލޮރެންޓޭ އަށް ލިބުނު ފުރުޞަތުތަކުގެ ވެސް ބޭނުންހިފޭގޮތެއްނުވިއެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި އިޓަލީގެ ފުރަތަމަ ޕެނަލްޓީ މެނުއެލް ލޮކަޓެއްލީ ފޮނުވާލުމުން ސްޕެއިނުގެ ކީޕަރު ސިމޯން މަތަކުރިއެވެ. އެކަމަކު، ދެން އެ ޓީމުން ފޮނުވާލި ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކުރިއެވެ. އެ ޓީމުގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އަންދްރެއާ ބެލޮއްޓީ، ލިއޮނާޑޯ ބޮނޫޗީ އާއި ފެޑެރީކޯ ބާނަޑެސްކީ އަދި ޖޯޖީނިއޯ އެވެ. އިޓަލީ އަށް ފައިނަލްގެ ޖާގަ ކަށަވަރުކޮށްދިން ޕެނަލްޓީ ފޮނުވާލީ ޖޯޖީނިއޯ އެވެ. ސްޕެއިން ފޮނުވާލި ހަތަރު ޕެނަލްޓީގެ ތެރެއިން ރޮޑްރީގޯ މޮރޭނޯ އާއި ތިއާގޯ އަލްކަންތާރާ ކާމިޔާބުކުރިއެވެ. އެ ޓީމުގެ މިޑްފީލްޑަރު އޮލްމޯ ފޮނުވާލި ޕެނަލްޓީ ހުރަސްދަނޑިމަތިން ދިޔައިރު، މޮރާޓާ ފޮނުވާލި ޕެނަލްޓީ އިޓަލީގެ ކީޕަރު ޑޮނަރުއްމާ މަތަކުރިއެވެ.

މި މުބާރާތުގެ ފައިނަލްގައި އިޓަލީ ނިކުންނާނީ މިރޭ ކުޅެވޭ ސެމީގެ ދެވަނަ މެޗުގައި ޑެންމާކާއި އިންގްލެންޑް ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. މި ފަހަރުގެ ޔޫރޯގެ ފައިނަލް މެޗު އޮންނާނީ މި ޖުލައި މަހުގެ 12 ވާ ހޯމަ ދުވަހު އެވެ.