ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗުގެ އިތުރުވަގުތުގެ ފުރަތަމަ ހާފުގައި ހެރީ ކޭން ވައްދާލި ލަނޑާއެކު 2-1 އިން ޑެންމާކް ބަލިކޮށް އިންގްލެންޑުން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިއީ ޔޫރޯގެ ތާރީޚުގައި އިންގްލެންޑުން ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އަދި 1966 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން ބޮޑު މުބާރާތެއްގެ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ފަހަރު ވެސް މެއެވެ. އެ ޓީމުން އެންމެ ފަހުން ޔޫރޯގެ ސެމީ ގައި ކުޅުނީ 1996 ވަނަ އަހަރު އެވެ. އެ ފަހަރުގެ މުބާރާތުން ސެމީގައި ޕެނަލްޓީ ޖަހައިގެން ޖަރުމަނު އަތުން ވީ ބައްޔެވެ.
ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ 30 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ ޑެންމާކުންނެވެ. މިއީ ގޯލާއި ގާތްގަނޑަކަށް 25 މީޓަރު ދުރުން ފޮނުވާލި ހިލޭޖެހުމަކުން އެ ޓީމުގެ ވިންގާ މިކޭލް ޑަމްސްގާޑް ކާމިޔާބުކުރި ގޯލެކެވެ. މިއީ މި ފަހަރުގެ ޔޫރޯގައި ހިލޭޖެހުމަކުން ކާމިޔާބުކުރި ފުރަތަމަ ގޯލެވެ. އަދި މި މުބާރާތުގައި ޑަމްސްގާޑް ޖެހި ދެވަނަ ލަނޑެވެ.
އޭގެފަހުން، އިންގްލެންޑަށް އެއްވަރުކޮށްދޭން އެ ޓީމުގެ ކެޕްޓަން ކޭން ދިން ބޯޅައަކުން ރަހީމް ސްޓާލިން ފޮނުވާލި ބޯޅަ ޑެންމާކްގެ ކީޕަރު ކެސްޕާ ޝުމައިކަލް މަތަކުރިއެވެ. އިންގްލެންޑުން އެއްވަރުކުރީ ޑެންމާކުން ލަނޑުޖެހިތާ ނުވަ މިނެޓުގެ ތެރޭގައި ސިމޮން ކިއޭ އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ. މިއީ އިންގްލެންޑްގެ ކަނާތް ފަރާތުން އާސެނަލްގެ ޒުވާން ވިންގާ ބުކާޔޯ ސާކާ ނަގައިދިން ހުރަހެއް ސްޓާލިން އަށް ލިބުމުގެ ކުރީން ޑެންމާކުގެ ކެޕްޓަން ކިއޭ ދިފާއުކުރަން އުޅުމުގެ ތެރޭގައި އޭނާގެ ފައިގައި ޖެހިފައި ވަތް ގޯލެކެވެ.
ދެވަނަ ހާފުގެ ކުރީކޮޅު އިންގްލެންޑްގެ ޑިފެންޑަރު ހެރީ މެގުއާ އަށް އެ ޓީމަށް ލީޑްނަގައިދޭން ލިބުނު ފުރުޞަތުގައި ބޮލުން ފޮނުވާލި ބޯޅަ ޑެންމާކްގެ ކީޕަރު ޝުމައިކަލް މަތަކުރިއިރު، ކެސްޕާ ޑޮލްބާގް ފޮނުވާލި ބޯޅަ އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް ހުއްޓުވިއެވެ. އޭގެފަހުން، ފަހު ހާފުގައި ކުޅެން ނިކުތް ޖެކް ގްރީލިޝް ފޮނުވާލި ހަމަލާގެ އިތުރުން ކޭން އާއި މޭސަން މައުންޓް ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ވެސް ޑެންމާކްގެ ކީޕަރު ޝުމައިކަލް އެވެ.
މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅުނު އިތުރުވަގުތުގެ 15 މިނެޓުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ސްޓާލިން ފޮނުވާލި ބޯޅަ ވެސް ޝުމައިކަލް ހުއްޓުވިއެވެ. މި ހާފު ނިމެން ދަނިކޮށް އިންގްލެންޑަށް މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑްނަގައިދިނީ ކޭން އެވެ. މިއީ މެޗުގެ 104 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކޭން ފޮނުވާލި ބޯޅަ ޑެންމާކްގެ ކީޕަރު ޝުމައިކަލް މަތަކުރުމުން ދެވަނަ ފަހަރަށް އެ ބޯޅަ ކޭން އަށް ލިބުމުން ކާމިޔާބުކުރި ގޯލެކެވެ. އިންގްލެންޑަށް މި ޕެނަލްޓީ ދޭން ރެފްރީ ނިންމީ، ޑެންމާކުގެ ޔޯކިމް މޭލާ އިންގްލެންޑްގެ ވިންގާ ސްޓާލިން އަށް ޕެނަލްޓީއޭރިޔާތެރެއިން ފައުލްކުރިކަމަށް ނިންމާ، ވީއޭއާރްގެ އެހީ ހޯދުމަށްފަހު އެވެ. މިއީ މި މުބާރާތުގައި ކޭން ޖެހި ހަތަރުވަނަ ގޯލެެވެ.
މި ގޯލާއެކު ކޭން ވަނީ ބޮޑު މުބާރާތްތަކުގައި އިންގްލެންޑަށް މިހާތަނަށް އެންމެ ގިނަ ލަނޑުޖަހައިދީފައިވާ ކުރީގެ ފޯވާޑް ގެރީ ލިނެކާގެ ރެކޯޑާ އަރާ ހަމަކޮށްފައެވެ. ލިނެކާގެ އިތުރުން ކޭން ވެސް މިހާތަނަށް އެ ޓީމަށް ޖަހައިދީފައިވަނީ 10 ގޯލެވެ. މިއާއެކު، އިންގްލެންޑްގެ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 60 މެޗުގައި އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ 38 އަށް އަރާފައެވެ. ކޭން ޖެހި މި ގޯލަކީ ޔޫރޯގައި އިންގްލެންޑުން ކާމިޔާބުކުރި 50 ވަނަ ލަނޑެވެ.
ރޭގެ މެޗުގައި އިންގްލެންޑްގެ ފުރަތަމަ އެގާރައިގައި ހިމެނުނު އާސެނަލްގެ އުއްމީދީ ވިންގާ ސާކާ ވަނީ ބޮޑު މުބާރާތެއްގެ ސެމީ ފައިނަލްގައި އެ ޓީމުގެ ޖާޒީގައި ކުޅެން ނިކުތް އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ރޭގެ މެޗަށް ނިކުތްއިރު ސާކާގެ އުމުރަކީ 19 އަހަރާއި 305 ދުވަހެވެ.
މިފަހަރުގެ ޔޫރޯގެ ފައިނަލްގައި އަންނަ ހޯމަ ދުވަހު ރާއްޖޭގަޑިން ދަންވަރު 12 ޖަހާއިރު އިންގްލެންޑް ނިކުންނާނީ އިޓަލީއާ ދެކޮޅަށެވެ. މި މެޗު ކުޅެވޭނީ މި މުބާރާތުގެ ސެމީ ފައިނަލްގެ ދެ މެޗާއި އިންގްލެންޑުން ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކުޅުނު އެ ގައުމުގެ ރަސްމީ ދަނޑު ކަމަށްވާ ވެމްބްލީ ސްޓޭޑިއަމްގައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން